ފިނޭންސް މިނިސްޓަރުކަން ގާސިމް އިބްރާހިމަށް ދެއްވައިފި

މިނިސްޓަ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމަށް ގާސިމް އިބްރާހީމް އިސް ކުރައްވައި އެ މަނިކުފާނަށް އެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމު ބުރާސްފަތި ދުވަހު ދެއްވައިފި އެވެ. އަދި މިނިސްޓަ އޮފް ސްޓޭޓް ފޮ އާޓްސް ކަމުގެ މަގާމަށް ހުސެއިން ޝިހާބު އަދި މިނިސްޓަ އޮފް ސްޓޭޓް ފޮ ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގަމަށް އަބްދުﷲ ޖިހާދު، އިސް ކުރައްވައި، އެ ދެ ބޭފުޅުންނަށް ވެސް މަގާމުގެ ފަތްކޮޅު ބުރާސްފަތި ދުވަހު ދެއްވައިފި އެވެ.
މި ތިން ބޭފުޅުން މަގާމުގެ ހުވާ ކުރެއްވުމާއި، އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހު ހެނދުނު 10 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ރަސްމިއްޔާތުގައި މި ބޭފުޅުންނަށް ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު ޝައިޚް މުހަންމަދު ރަޝީދު އިބްރާހީމެވެ.
މި ރަސްމިއްޔާތަށް ފަހު، މިނިސްޓަ އޮފް ޔޫތު އެންޑް ސްޕޯޓްސްކަމުގެ މަގާމަށް ހުސްވި ޖުލައި މަހުގެ 21 ވަނަ ދުވަހު އިސް ކުރެއްވި ހުސައިން ހިލްމީ އާއި، މިނިސްޓަ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމަށް ބުރާސްފަތި ދުވަހު އައްޔަން ކުރެއްވި ގާސިމް އިބްރާހީމާ ބެހޭ ތައާރުފެއް ދެއްވައި، މި ދެ ބަދަލާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް މެދުވެރި ކުރައްވައި ރައީސް ވާހަކަފުޅު ދެއްކެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގަތުމާ ގުޅިގެން އެ ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވި އެވެ. އަދި މި ދެ ބޭފުޅުންގެ ފުރިހަމަ އިޚްލާސްތެރި ޚިދުމަތް ދިވެހި ގައުމަށާއި ސަރުކާރަށް ލިބެމުން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ވަޒީރުންގެ މަޖިލީހަށް މި ބަދަލުތައް ގެންނެވުމުގެ ބޭނުންފުޅަކީ މިހާރު ކުރިއަށް ގެންދަވާ މަރްހަލާގައި އާ އަޒުމަކާއި އާ ހިތްވަރަކާއި އާ ޚިޔާލުތަކަކާ އެކީގައި ހަލުވިކަމާ އެކު ކަންތައްތައް ކުރިއަށް ގެންދެވުން ކަމުގައި ވިދާޅުވި އެވެ. ހަމަ އެހެންމެ އެ މަނިކުފަނު ފައްޓަވައިގެން ކުރިޔަށް ގެންދަވާ ދީމުގްރާތީ އިސްލާހީ ޕްރޮގްރާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެންމެ ބާރުމިނުގައި ކުރިޔަށް ގެންދެވުމަށް މަގު ފަހިކުރެއްވުން ކަމުގައި ވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ މި ވަގުތު ހާސިލުކޮށްފައި މިވާ އިޖްތިމާއީ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަކީ، ވަރަށް މުހިންމުކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަން ގާއިމުކޮށް، ރައްޔިތުންނަށް ސަރުކާރުން ދެއްވަން ޖެހޭ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވަމުން ގެންދަވާ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ކަމެއް ވެސް އަދުލުވެރިކަމާއި އިންސާފާ އެކީގައި ތަރައްގީގެ މަގުގައި ކުރިއަށް ދިޔުމަކީ ދިވެހި ރައްޔިތުން ބޭނުންވާނެ ކަމެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ