ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަކީ ވަގެއް ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އިއްޔެ ވިދާޅުވުމުން އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރެއްވުމަށް ވިސްނަވާ ކަމަށް އަބްދުﷲ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ އިބްރާހިމް ރަޝީދު އިއްޔެ ދެއްކެވި އެ ވާހަކައަކީ އިސްލާމްދީނުގެ އުސޫލާ ހިލާފަށް ދެއްކެވި ވާހަކައެއް ކަމަށާއި އެއީ މަޖިލީހުގެ އިމްތިޔާޒުން ބޭރުން ދެއްކެވި ވާހަކައެއް ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.
"އަބުރަކީ އިސްލާމްދީނުގައި ހިމާޔަތްކޮށްފައިވާ އެއްޗެއް. އެހެންވެ މައްސަލަ ހުށަހެޅުމަށް އެކަން ދިރާސާކުރަމުން މިދަނީ،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި މެމްބަރަކު ނުވަތަ އެނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން ދެއްކެވި ވާހަކައެއް ނުވަތަ ހުށަހެޅުއްވި ހުށަހެޅުއްވުމުގެ ސަބަބުން ނުވަތަ ވޯޓު ދެއްވި ގޮތެއްގެ ސަބަބުން ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެ މީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާމެދު ދައުވާކޮށްގެން ނުވާނެ ކަމަށެވެ.
ގާނޫނު އަސާސީގައި "އިސްލާމްދީނުގެ އަސްލު" ކަމުގައި ބުނެފައިވަނީ، ގުރުއާނާއި
ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސައްހަކަމާމެދު ހިލާފު އުފެދިފައިނުވާ ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލްތަކެވެ.
ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު އިއްޔެ ވާހަކަ ދައްކަވަމުން، "ތި އުޅޭ އަބްދުﷲ ގާޒީ ބޮޑު ވަގު، މި ރާއްޖޭގެ ފަނޑިޔާރުގެ ހަފުސް އަރުވާ ބޮޑު ވަގު"ގެ އިބާރާތް ބޭނުންކުރައްވާފައި ވެ އެވެ. އޭނާ ]އަބްދުﷲ ގާޒީ[ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި މަޖިލިސް ވެސް ހައްޖެކް ކޮށްގެން އުޅޭ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އަދި ފަނޑިޔާރުގެތަކުން އިންސާފު ހޯދައިނުދެވޭ ކަމަށާއި އެހެންވެ "ފަނިޔާރުގެ ތަޅާލަންވެއްޖެ ނޫންތޯ" އޭ ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީއަކީ ވަގެއް ކަމަށް ވިދާޅުވުމުގެ އިތުރުން، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަކީ ޓެރަރިޒަމަށް ހަރަދުކުރައްވާ ބޭފުޅެއް ކަމަށާއި ވަގު ވިޔަފާރިވެރިން ހިފައި ހައްޔަރުކޮށް އެ މީހުންގެ ބޭންކު އެކައުންޓްތައް ފްރީޒްކުރުމަށް ވެސް އިބްރާހިމް ރަޝީދު ގޮވާލެއްވި އެވެ.
ގާނޫނީ ވަކީލަކު ވިދާޅުވީ މީހަކާ ދިމާއަށް ވަގަށް ގޮވުމަކީ އިމްތިޔާޒު ލިބިގެންވާ ވާހަކައެއް ނޫން ކަމަށާއި އެފަދަ މައްސަލައެއްގައި މެމްބަރުންނާ މެދު އަބުރުގެ ދައުވާކުރެވޭނެ ކަމަށެވެ.
"ގާނޫނު ހަދާ މަޖިލިސްތަކުގައި ގެންގުޅޭ އުސޫލެއް، މަޖިލީހުގައި ޖަވާބުދާރީ ނުވެވޭ މީހަކަށް ކުޑަމިނުން ތުހުމަތެއް ވެސް ނުކުރެވޭނެ. އެކަމަކު މި ރާއްޖޭގައި ]މަޖިލިސް ތެރޭގައި[ ނަހަލާލު ދަރިންނަށް ވެސް އެބަ ހަދާ. ވަގަށް އެބަ ގޮވާ. މިއީ އިމްތިޔާޒު ލިބިގެންވާ ވާހަކަތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އަބްދުﷲ ގާޒީ އަބުރުގެ ދައުވާ ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ