ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީން ވަކިކުރުމަށް އެ ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުން ބާތިލްކޮށް ދިނުމަށް ޕާޓީގެ ކައުންސިލަށް ހުށަހަޅައިފި ކަމަށް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ވިދާޅުވީ ކައުންސިލަށް އެ މައްސަލަ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށާއި މައްސަލަ ކައުންސިލަށް ހުށަހެޅީ ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމަކީ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ވުމުން ކަމަށެވެ. އަދި އިސްތިއުނާފު ކޮމިޓީ އަށް މައްސަލަ ހުށަނޭޅީ "އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން" ކަމަށް އެނާ ވިދާޅުވި އެވެ.
"ކައުންސިލަކީ ޕާޓީގެ އެންމެ މަތީ ގުނަން. އެހެންވެ ކައުންސިލަށް ހުށަހެޅީ. ޕާޓީގެ އެހެން ކޮމިޓީއަކުން ނިންމާ ނިންމުން ވެސް ކައުންސިލަށް ބާތިލްކުރެވޭނެ. ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމެއް ކައުންސިލަށް ބާތިލް ނުކުރެވޭނެއެކޭ ވެސް އަސާސީ ގަވާއިދަކު ނެތް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޑެޕިއުޓީ ލީޑަރަކު ވަކިކުރެވޭނީ ހަމައެކަނި ކޮންގްރެސްގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ކަމަށެވެ.
ޑީއާރުޕީ ކައުންސިލަށް ހުށަހެޅި މައްސަލައިގައި ސޮއިކުރައްވާފައިވަނީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހްމަދު އިލްހާމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް އާއި ނިލަންދޫ ދާއިރާގެ އަބްދުލް މުހްސިން ހަމީދާއި ޕާޓީގެ ޒައީމް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިފުޅު ގައްސާނު މައުމޫން ކަމަށް އުމަރު ވިދާޅުވި އެވެ.
ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ އުމަރު ވަކިކުރުމަށް ނިންމި ނިންމުމާ ގުޅޭ ގޮތުން ކައުންސިލަށް މައްސަލައެއް ހުށަހެޅިކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި ހުށަހަޅާފައި އޮތް ނަމަވެސް އަދި އޭނާއާ ހަމައަށް އެ މައްސަލަ ނާންނަ ކަމަށެވެ.
"ކައުންސިލަށް ހުށަހެޅިޔަސް އެވާނީ ބޭކާރު ކަމަކަށް. އެއީ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ނިންމުމެއް ޕާޓީގެ ލީޑަރަށް އަދި ކައުންސިލަށް ނުވަތަ ޕާޓީގެ އެހެން ކޮމިޓީއަކަށް ވެސް ބާތިލެއް ނުކުރެވޭނެ،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިސެމްބަރު 2 ގައި އުމަރު ޑީއާރުޕީން ވަކިކުރުމަށް ނިންމި މައްސަލާގައި އުމުރަށް އޮތް ހަމައެކަނި ފުރުސަތަކީ އިސްތިއުނާފް ކޮމިޓީ އަށް ހުށަހެޅުން ކަމަށެވެ.
އުމަރު ޕާޓީން ވަކިކުރުމަށް ނިންމި ނިންމުމަކީ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށާއި އުމަރަކީ އަދިވެސް ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ގަބޫލްކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމު މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.
އުމަރު ވަކިކުރި މައްސަލައިގައި އޭނާގެ ފެކްޝަނުން ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ އަށް ވަރަށް ބޮޑަށް ދަނީ ފާޑުކިޔަމުންނެވެ. އަދި 2013 ވަނަ އަހަރު ޑީއާރުޕްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މައުމޫން ނިކުންނެވުމަށް އުމަރުގެ ފެކްޝަނުން ވަނީ އެމަނިކުފާނު އަރިހު ދަންނަވައިފަ އެވެ.
އުމަރު ޑީއާރުޕީން ވަކިކުރުމަށް ނިންމި ނިންމުން ބާތިލްކޮށްދިނުމަށް ކައުންސިލަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ