ގައުމު މިހާރުއޮތް ހާލަތާމެދު ރައްޔިތުން ވިސްނާ، ފަސްއެނބުރި ބެލޭކަށްނެތް: ފައިސަލް ނަސީމް

ގައުމުގެ ހާލަތާމެދު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިއަދު ވިސްނާލަންޖެހޭ ކަމަށާއި، ފަސްއެބުރި ނުބަލައި ބާރަށް ދާންޖެހެނީ ކުރިއަށް ކަމަށް، ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން އއދ ތޮއްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް ނަސީމް ވިދާޅުވީ، ގައުމު މިހާރުއޮތް ހާލާމެދު ވިސްނައި، ފަސްއެނބުރި ނުބަލައި ކުރިއަށްދިއުމަށް ބާރަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، އެކަމުގެ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ.
މިއަދު ފެންނަނީ ރައްޔިތުންގެ ގޮވުންތަކަށް ފުރަގަސްދީ، ހިތުހުރި ގޮތަކަށް ކަންތައް ކުރަމުންދާ އަނިޔާވެރި ސަރުކާރެއް ކަމަށާއި، އެހެންކަމުން، 23 ސެޕްޓެމްބަރުގައި ލިބޭ ފުރުސަތުގެ ބޭނުން ހެގޮތުގައި ހިފުމަށް ފައިސަލް ނަސީމް ގޮވާލެއްވިއެވެ. އެފުރުސަތު ގެއްލުވާލައިފިނަމަ އެ ގެއްލުވާލެވެނީ މުސްތަގްބަލް ކަމަށްވެސް ވިދާޅުވިއެވެ.
ކޯލިޝަން ސަރުކާރުން ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދޭނެ ކަމަށްވެސް ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވިއެވެ.
"ފުރުސަތުގެ ބޭނުންހިފާ. ގެއްލިއްޖެއްޔާ ބީވެގެންދަނީ ޅަދަރިންގެ މުސްތަގްބަލް. މިރާއްޖޭގެ މުސްތަގްބަލް އެހެން ބައެއްގެ އަޅުވެތިކަމަށް ދާން ބޭނުމެއްނޫން. ޖަލުގައިތިބި އެންމެން ސަލާމަތްކޮށް އާއިލާތަކަށް އުފާފާގަތިކަން ގެނެސް، 23 ސެޕްޓެމްބަރ އަކީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ހަދަން އެބަޖެހޭ" ފައިސަލް ނަސީމް ވިދާޅުވިއެވެ.
އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އަޑުއިވިވަޑައިގަންނަވަމުންދާ ކަމަށާއި، ޚާއްސަކޮށް ތޮއްޑޫއިން ފެނުނު މަންޒަރުންވެސް މުޅި ގައުމު އޮތީ ބޮޑު ބަދަލަކަށް ބޭނުންވެފައިކަން ހާމަވެގެންދިޔަ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރަށްރަށުން ސަރުކާރަށް ލިބޭ އާމްދަނީއަށް ބަލާއިރުވެސް ކަންތައްތައް ކޮށްދޭންޖެހޭ ކަމަށާއި، ތޮއްޑޫއަކީވެސް އެފަދައިން ސަރުކާރަށް އެތައް ފައިސާއެއް ދައްކާ ރަށެއްނަމަވެސް، ތޮއްޑޫގެ ހާލަތުވެސް ވަރަށްދަށްކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެގޮތުން ބަނދަރު އޮތީ ވީރާނާވެފައި ކަމަށާއި، މަގުތަކުގެ ހާލަތުވެސް ވަރަށް ދެރަކަން ފާހަގަކުރެއްވިއެވެ.
އިއްތިހާދުގެ ވެރިކަމުގައި ބައިތުލްމާލަށް ވަންނަ ކޮންމެ ފައިސާއެއް ވެގެންދާނީ ތަރައްގީއަށް ހޭދަކުރާ ފައިސާއަށް ކަމަށާއި، ގުޅިފައިވާ ވެރިކަމުގައި ހަމަހަމަކަން ގާއިމްކޮށް، އިސްރާފް ނައްތާލައްވާނެ ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ސަރުކާރެއްގެ އޯގާތެރިކަމަކީ، ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ގާއިމްކޮށްދިނުން ކަމަށާއި، ނަމަވެސް ރާއްޖޭގެ ރަށްރަށުގެ ސިއްހީ ޚިދުމަތް ވަނީ ވަޅުޖަހާފައިކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެން ނަމަވެސް، އިއްތިހާދުގެ ވެރިކަމެއްގައި، ޖެހޭ ކޮންމެ ކަމަކަށް ރަށުން ފުރައިގެން އެހެން ރަށަކަށް ނުވަތަ މާލެއަށް ދާންޖެހޭ ޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށާއި، ގާތުން ފާރުވާ ދެވޭނެ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރަށްރަށުން ފެނިގެންދާ މަންޒަރުތަކުން ހިތާމަކުރައްވާ ކަމަށާއި، އުމުރުންދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުޅޭ އާއިލާތަކަށް އަޅާނުލެވި، އުޅެމުންދަނީ ވަރަށް ހިތްދަތި ހާލެއްގައި ކަމަށާއި، ނަމަވެސް އެފަދަ އާއިލާތަކުގެ ހިތްތަކަށް ކޯލިޝަން ސަރުކާރުން ފިނިކަން ގެނެސްދެއްވާނެ ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
އިންތިޚާބާ ދިމާކޮށް ދީން ހަތިޔާރަކަށް ހަދައިގެން ދިވެހިންގެ ސިކުނޑިއަށް ސަވާރުވާން ނޫޅުމަށް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލެއްވިއެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، އިސްލާމީ އެންމެ މުހިންމު ބިނާތައް ކަމަށްވާ މިސްކިތްތައް ބެލެހެއްޓުމަށް މިހާރުގެ ސަރުކާރުން ކުރާ މަސައްކަތާމެދު ފައިސަލް ވަނީ ސުވާލު އުފައްދަވާފައެވެ.
މިސްކިތްތައް މަރާމާތުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށާއި، ހަމައެކަނި ވެރިރަށް މާލޭގައި ހުންނަ މިސްކިތްތަކުގެ ފާޚާނާތަކަށް ބެލިނަމަވެސް މިސްކިތްތައް ނުބެލެހެއްޓޭކަން ހާމަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އިއްތިހާދުގެ ވެރިކަމުގައި ގެންގުޅުއްވާނެ ދީނީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، އިއްތިހާދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީ ތެރެއަށް ސިޔާސީ ކަންކަން ނުވައްދަވާނެ ކަމަށާއި، އަދި ހުކުރު ހުތުބާއަކީވެސް ސިޔާސީ އެއްޗަކަށް ނުހައްދަވާނެ ކަމަށެވެ.
ރާއްޖެއަށް ހައްޖުކޯޓާލިބި ރައްޔިތުންނަށް ހައްޖަށް ނުދެވި ތިބެންޖެހުމަކީ ހިތާމަކުރައްވާ ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ. އިއްތިހާދުގެ ވެރިކަމުގައި އެކަން އެގޮތަށް ނުހިނގާނެ ކަމުގެ ޔަގީންކަވެސް ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ