ބޭރުގެ އެއްވެސް އަސްކަރީ ނުފޫޒެއްގައި ބައިވެރިއެއް ނުވާނަން: ގާސިމް

ދިވެހި ގައުމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ބުރޫ އަރާނެ ފަދަ ބޭރުގެ އަސްކަރީ ނުފޫޒެއްގައި، އެމަނިކުފާނާއި ޖުމްހޫރީ ޕާޓީން ބައިވެރި ނުވާނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ބޭސް ފަރުވާއަށް ކަމަށް ބުނެ މިހާރު ޖަރުމަނުގައި ދިރިއުޅުއްވާ ގާސިމް އެހެން ވިދާޅުވެ މިއަދު ޓްވީޓް ކުރައްވާފައި މިވަނީ، ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް އަސްކަރިއްޔާއާއެކު އިންޑިއާގެ މަންދޫބެއް ރާއްޖެ އައުމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ. އިނގިރޭސި ވިލާތަށް އަމިއްލަފުޅަށް އަރުވައިލެއްވިގެން ހުންނެވި ނަޝީދު މިދިޔަ އަންގާރަ ދުވަހު ކުރެއްވި އެ ޓުވީޓުގައި ވިދާޅުވީ، ސަރުކާރު އިސްވެރީން، އެމެރިކާ ބޭންކުތަކުން ރާއްޖެއާ ދެމެދު ހިންގާ ހުރިހާ މާލީ މުއާމަލާތްތަކެއް ވެސް ހުއްޓާލަން ރައްޔިތުންގެ ނަމުގައި ގޮވާލައްވާ ކަމަށެވެ. އެކަމާ ގުޅިގެން ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް އެމަނިކުފާނު އިތުބާރާއި ލޯބި އަބަދުވެސް އޮންނަ ކަމަށެވެ. އަދި ކޮންމެ ބައެއްގެ ތެރޭގައި ވެސް ގާނޫނާ ހިލާފު އަމަލު ކުރާ މަދުބަޔަކު ތިބެދާނެ ކަމަށާއި މަދު ބަޔަކު ގޯސް ހެއްދެވިޔަސް ގާނޫނު ނެގެހެއްޓުމުގައި ސިފައިންނާއި ފުލުހުން ސާބިތުވާނެ ކަން ޔަގީންކަމަށެވެ. "ލޮބުވެތި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް އެއްވެސް މިންވަރަކަށް ބުރޫއަރާނެ ބޭރުގެ 'މިލިޓަރީ އިންޓަވެންޝަން' އަކަށް އަޅުގަނޑާ އަދި ޖޭޕީ ބައިވެރި ނުވާނެ ކަމުގައި ދަންނަވަން. ބައެއް ބޭފުޅުންގެ އަމިއްލަ ވިސްނުން، އަޅުގަނޑުމެންނާ މަޝްވަރާ ނުކުރެއްވީތީ ހިތާމަ ކުރަން،" ގާސިމް ވިދާޅުވެފައިވެ އެވެ. އިންޑިއާ ސިފައިން ރާއްޖެއައުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައި ކުރެއްވި ޓްވީޓާ ގުޅިގެން ސަރުކާރާއި އާންމުންގެ ފަރާތުން އެމަނިކުފާނަށް އެތައް ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް އިންޑިއާއަކީ އިސްތިއުމާރު ކުރާނެ ބައެއް ނޫން ކަމަށާއި ކަންކަން ހައްލު ކުރާނެ ބައެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ އިތުރު ޓްވީޓެއް ފަހުން ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ