ގުރައިދޫ ދާއިރާގެ ރިޒާއާ މަޖިލީހުގެ ނާއިބު ރައީސް ނާޒިމް ޕީޕީއެމްއަށް

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، އަދި ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިވަޑައިގެންފި އެވެ.
ނާޒިމް، ޕީޕީއެމާ ގުޅިވަޑައިގަތީ އިއްޔެ އެވެ. އަދި އިބްރާހީމް ރިޒާ ޕީޕީއެމަށް ސޮއިކުރެއްވީ މިއަދު އެވެ. މިދެބޭފުޅުން ޕީޕީއެމްއަށް ސޮއިކުރައްވާފައިވާކަން އެޕާޓީން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި އެބޭފުޅުން ރަސްމީ ގޮތުން ޕީޕީއެމް މެންބަރުންގެ ގޮތުގައި ދައްކާލުމަށް އެޕާޓީން ވަރަށް އަވަހަށް ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބައެއް މީޑީއާތަކަށް މައުލޫމާތުދެއްވަމުން ރިޒާ ވިދާޅުވީ ޕީޕީއެމްއާއި ގުޅެން ނިންމީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ރަނގަޅު ޕާޓީއަކީ ޕީޕީއެމް ކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި ޕީޕީއެމާ ގުޅިވަޑައިގަތީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ގިނަ ރައްޔިތުން ވެސް މިހާރު ތިބި ޕާޓީއަކީ ޕީޕީއެމް ކަމަށްވާތީ ދާއިރާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޕީޕީއެމް އާއި ގުޅުމަށް އެދެމުންދާތީ ކަމަށެވެ.
ރިޒާ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން ކުރިމަތިލައްވައިގެންނެވެ. ނަމަވެސް މިނިވަން މެންބަރެއްގެ ގޮތުގައި ހަތަރު އަހަރު މަސައްކަތްކުރެއްވިއިރު މަޖިލީހުގެ ތެރެއިން އޭނާ މަސައްކަތްކުރައްވާފައިވަނީ ޑީއާރުޕީ އާއި ޕީޕީއެމް ވިސްނުމުގައި އެވެ.
ނާޒިމް އަކީ މަޖިލީހުގައި ޕީޕަލްސް އެލަޔަންސް (ޕީއޭ) ތަމްސީލު ކުރެއްވި ހަމައެކަނި މެންބަރެވެ.
ނާޒިމް މީގެކުރިން ވިދާޅުވީ މީގެ ކުރިން ޕީޕީއެމަށް ސޮއި ނުކުރައްވާ މަޑުކޮށްލައްވައިގެން ހުންނެވީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ އަންނަ ގޮތެއް ބެއްލެވުމަށް ކަމަށެވެ.
ރިޒާއާއި ނާޒިމް ޕީޕީއެމްއަށް ގުޅިވަޑައިގަތުމާއި އެކު އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 21 އަށް އިތުރުވެފައެވެ. މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް އޮތްއިރު، މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ތިއްބެވީ 30 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ