ތ.ވަންދޫ އަދި ށ.ފީވަކުންވެސް ކަރަންޓު ކެނޑިއްޖެ

ތ.ވަންދޫ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް ހަލާކުވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.ވަންދޫ ކައުންސިލްގެ ނައިބު ރައީސްއާއި ހަވާލާދީ ޖަޒީރާ ނިއުސްގައި ބުނެފައިވަނީ އެރަށުން މިއަދު ހެނދުނު 9އިން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެރަށުގައި ހުރި ޖަނަރޭޓަރުތަކަކީ ވަރަށް ދުވަސްވެފައި ހުރި ޖަނަރޭޓަރު ތަކެއް ކަމަށާއި ކަރަންޓު ގޮސްފައިވަނީ ޖަަރޭޓަރު ހަލާކުވެގެން ކަމަށް ކައުންސިލްގެ ނައިބު ވަނީ ޖަޒީރާ ނިއުސްއަށް މައުލޫމާތު ދީފައެވެ. ވަންދޫއަކީ 400މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާއިރު އެރަށުުގައި ކަރަންޓު ފޯރުކޮށްދެނީ 160 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި، 108 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. އޭގެތެރެއިން ހަލާކުވެފައިވަނީ 160ގެ ޖަނަރޭތަރު ކަމަށާއި އެ ޖަނަރޭޓަރަކީ މުޅި ރަށަށް ކަރަންޓު ފޯރުކޮށްދޭ ޖަނަރޭޓަރު ކަމަށް އެރަށު ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ. އޭނާ އިތުރަށް ވިދާޅުވީ ރޯދަމަސް ފެށުނު ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮޮތަކަށް ކަރަންޓުދާ ކަމަށާއި އިރުއިރުކޮޅާ ރަށުން ކަރަންޓް ކެނޑުމުގެ ސަބަބުން ރަށުގެ ބައެއް ގެތަކުގައި ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ޝަކުވާތަށްލިބުން ދާ ކަމަށެވެ. ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކަމާއިބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށާއި ނަމަވެސް އަލުން ކަރަންޓު ދެވޭނެ ވަގުތެއް އަދި ނޭންގޭ ކަމަށް ކައުންސިލުން ވަނީ މައުލޫމާތުދީފައެވެ. ފާއިތުވި ތިން ދުވަސްތެރޭ ކަރަންޓު ކެނޑުމުންގޮސް މިއަދު އެރަށުން އެއްކޮށް ކަރަންޓު ކެނޑިފައިވާއިރު ރޯދައާއި ދިމާކޮށް މިހާ ގިނައިން ކަރަންޓު ކެނޑޭތީ އާންމު ރައްޔިތުންދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާއި ގުޅިގެން މައުލޫމާތު ހޯދުމަށް ޗެނަލް 13ގެ ފަރާތުން ރަށު އޮޮފީހަށް ގުޅުމުން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ. މުޅި ވަންދޫއިން ކަރަންޓު ކެނޑިފައިވާއިރު ށ.އަތޮޅު ފީވަކަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރުތައް ހަލާކުވެ، އެރަށުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ. އެރަށު ކައުންސިލުުން ބުނީ ރަމަޟާން މަސް ފެށުނު ފަހުން ކޮންމެ ރެޔަކު ވެސް އެތައް ފަހަރަކު ކަރަންޓް ކެނޑެމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ފީވަކަށް އާޖަނަރޭޓަރެއް ގެންނާނެ ކަމަށް ވައުދުވި ނަމަވެސް މިހާތަނަށް ޖަނަރޭޓަރެއް އެރަށަށް ގެނެސްފައި ނުވާ ކަމަށާއި ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހިއްސާކުރުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅުމަށް މަސައްކަތް ކުރިނަމަވެސް ފޯނަށް ޖަވާބު ދީފައިނުވާ ކަމަށް ކައުންސިލުން ބުނެއެވެ. ހެޔޮ އަގެއްގައި ކަރަންޓު ފޯރުކޮށްދީ ކަރަންޓަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކޮށްދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ ވެރިކަމަށް 6 މަސް ވެގެންދާއިރު ކަރަންޓަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމަށް އެއްވެސް ކަމެއް ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ރަށރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާއިރު ވެރިކަން ކުރާ މާލެއިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ