ހިޔާނާތުގެ ތުހުމަތުގައި ބަންދުގައި ހުންނެވި ޔާމީން ދޫކޮށްލަން ގާސިމް ގޮވާލައްވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް މަނީލޯންޑަ ކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ހައްޔަރު ކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގާސިމް ގޮވާލެއްވީ މަޖިލިސް އިންތިހާބުގައި ޖޭޕީގެ ޓިކެޓްގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގާސިމް ގޮވާލެއްވިއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ގާސިމްގެ މަސްލަހަތު އޮންނަ ކުންފުނިތައް ހިމެނޭކަން އޭސީސީން އާއްމުކުރި ރިޕޯޓުންވަނީ ފަޅާއަރާފައެވެ.
ގާސިމް ވިދާޅުވީ ވާނުވާ ޖަހާފައި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގާސިމް ގޮވާލެއްވިއެވެ.
ގާސިމް ވިދާޅުވީ ވެރިކަންކޮށްފިއްޔާ ކޮންމެ މީހަކުވެސް ޖަލަށް ލުމަކީ މިއަދު ސަގާފަތަކަށް ވެފައިވާ ކަމުގައެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގާސިމް ގޮވާލެއްވި އިރު ޖޭޕީގެ 27 ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ޕީޕީއެމް ޕީއެންސީން ރޭވަނީ ނިންމާފައެވެ. މިރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ ޖޭޕީން ކުރިމަތިނުލާ ދާއިރާތަކުގެ ޕީއެންސީ ޕީޕީއެމް ކެންޑިޑޭޓުންނަށް ދާއީދު ކުރުމަށް ނިންމާފައިވާ ކަމުގައެވެ. އަދި އެކަން މާދަމާ ރޭ ރަސްމީކޮށް އިއުލާނު ކުރާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މަނީ ލޯންޑްރިންގެ ދައުވާ އުފުލުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ