ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ދަފްތަރެއް މިއަހަރު އެކުލަވާލާލަން: މިނިސްޓަރު

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ދަފްތަރެއް މިއަހަރު އެކުލަވާލައްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
2015ވަނަ އަހަރު މޭޑޭއާއި ގުޅިގެން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއްވުން ލީޑުކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، މަސައްކަތްތެރިންގެ ދަފުތަރެއް މިއަހަރުގެ ތެރޭގައި އެކުލަލާލައްވާނެކަމަށެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތައް ގެންނާނީ އެންމެން އެކީގައި، ގުޅިގެން ކުރާ މަސައްކަތުންކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ދަފްރަތެއް މިއަހަރު އެކުލަވާލައްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރު ވިދާޅުވެފައިވާއިރު، މަސައްކަތްތެރިންގެ ހައްގުތައް އެންމެ ބޮޑަށް ގެއްލިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައިކަމަށް ގިނަ ބަޔަކު ދެކެއެވެ.
ބޭރު ފަރާތްތަކުން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގައި މަަސައްކަތްކުރާ ދިވެހިންނާއި، ބިދޭސީންނާއި ދޭތެރޭގައި ވަރަށް ތަފާތުކޮށް އަމަލުކުރާ މައްސަލަތައް ގިނަ މުވައްޒިފުންވެސް ގެންދަނީ ފާހަގަކުރަމުންނެވެ. އެގޮތުން އެއް މަގާމެއްގައި ތިބޭ، ދިވެހި މުވައްޒިފުންނާއި، ބިދޭސީ މުވައްޒިފުންގެ މުސާރައިގެ ތަފާތު ބޮޑުވުމާއި، އިނާޔަތްދިނުމާއި، ޗުއްޓީ ދިނުމުގައިވެސް ތަފާތުކުރުންތައް ގެންގުޅޭކަން އެމީހުން ފާހަގަކުރެއެވެ.
މީގެ އިތުުރުން ދިވެހި މެނޭޖްމަންޓްތަކުން ހިންގާ ބައެއް ރިސޯޓްތަކުގައިވެސް، މުވައްޒިފުންނަށް ސާރވިސް ޗާޖާއި، އެހެނިހެން އިނާޔަތްދިނުން ލަސްކުރުމާއި، ބައެއް ފަހަރު އިނާޔަތް ނުދިނުމުގެ މައްސަލަތައްވެސް މުވައްޒިފުން ގެންދަނީ ފާހަގަކުރަމުންނެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީ، މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ