ވިލާ ކުންފުންޏާ ގުޅޭގޮތުން އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝަކޫރު ދެއްކެވި ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ރައްދު ދެއްވައިފިއެވެ.
"ޕީއެސްއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމާ ވަނީ ވިލާ ގްރޫޕަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ.
މިކަމާ ގުޅިގެން ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާޒިމާ ހައްދަވަނީ އެނގިހުރެ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށާއި އެ ފައިސާތަކާ ގުޅޭ ގިނަ މައްސަލަތައް ކޯޓުގައި ފެށީ އާޒިމާ ވިލާގެ ވަކީލަކަށް ހުންނެވިއިރު ކަމަށެވެ.
އެ މައްސަލަތައް ދަށު ކޯޓާއި، ހައިކޯޓްގެ އިތުރަށް ސުޕްރީމް ކޯޓްގައިވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ވިލާ ގްރޫޕާއި އެއްކޮޅަށް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މިހުރިހާ ކަމެއް ކޮށްދެއްވުމުގައި އާޒިމާ ވިލާގެ ފަރާތުން ހުރިހާ ކޯޓުތަކަށް ގޮސް އުޅުއްވާފައި އަދި ސުޕްރީމް ކޯޓުން މިފަދަ އެއް މައްސަލައެއްގައި ވިލާ ގްރޫޕާއި އެއްކޮޅަށް މައްސަލަ ނިންމާފައިވަނިކޮށް ވިލާ ގުރޫޕް ބަދުނާމުވާގޮތަށް ތަކުރާރުކޮށް ވާހަކަދައްކަަވަމުން ގެންދަވާތީ އެކަމާއި ހިތާމަކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އާޒިމް ދެއްކެވި ވާހަކަ ގާސިމް ދޮގުކުރެއްވިއިރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އާދީއްތަ ދުވަހު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޖީ.އެސް.ޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 5.1 މިލިއަން އެމެރިކާ ޑޮލަރު (78.6 މިލިއަން ރުފިޔާ) ދައްކާފައި ނުވާކަމަށާއި، ރިސޯޓް ކުލީގެ ގޮތުގައި 18.9 މިލިއަން ޑޮލަރު (291.4 މިލިއަން ރުފިޔާ) ދައްކާފައި ނުވާކަމަށް ބަޔާންކޮށްފައެވެ.
އެހެންކަމުން، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ޖުމްލަ 369.5 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވެއެވެ.
މިއީ އެވްރެޖްކޮށް މަހެއްގެ މައްޗަށް ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 20 އިންސައްތައެވެ. އަދި މުޅި ޖުމްލަ ވިލާ ގްރޫޕުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާގެ ޢަދަދު 188 މިލިއަން އެމެރިކާ ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް އަރައެވެ.
އާޒިމާގެ ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ