ޖަލުގައި މިގޮތައް ހުންނަންޏާ އަޅުގަނޑު މޮޔަވެދާނެ – އުއްތަމަ ފަނޑިޔާރު

މާފުށީގައި ހައްޔަރުކޮށްފައި ހުންނަވަނީ އެއްވެސް މީހަކާ ވާހަކަ ނުދެއްކެވޭ ގޮތަށް ކަމަށާއި އެގޮތަށް އޮންނަވަން ޖެހުމުން "ސިކުނޑި މޮޔަވެދާނެ" ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ސައީދު މިހެން ވިދާޅުވީ އޭނާ އާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުﷲ ސައީދު ވިދާޅުވީ ގާނޫނާ ހިލާފަށް އޭނާ ހައްޔަރުކޮށް އަމަލު ކުރަމުންދަނީ އެންޓިޓޯޗަރ ގާނޫނާ ހިލާފަށް ކަމަށެވެ. އަބްދުﷲ ސައީދު ވިދާޅުވީ އޭނާ އެކަހެރިކޮށް ބަންދުކޮށްފައި ބޭއްވި ނަމަވެސް ހައްޔަރުކޮށްފައި ތިއްބެވި ރައްޔިތުން މަޖިލީހުގެ އެހެން މެމްބަރުންނަށް ވެސް އެހެން މީހުންނާ ވާހަކަ ދެއްކެވޭ ކަމަށެވެ.
އަބްދުﷲ ސައީދުގެ ވާހަކަތަކާއި ގުޅިގެން އެ މައްސަލަ ބައްލަވަން އިންނެވި ގާޒީ އާދަމް އާރިފު ވިދާޅުވީ އަބްދުﷲ ސައީދު ހައްޔަރު ކުރެވިފައި ހުންނެވީ ބަލަމުންދާ މައްސަލައާ ގުޅިގެން ނޫން ކަމަށާއި، އެއްވެސް މީހަކާ ވާހަކަ ނުދެއްކޭ ގޮތަށް އެކަހަރިކޮށް ބާއްވަން އެ ކޯޓުގެ ގާޒީއަކު އަމުރު ކުރައްވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެގޮތަށް ކަން ހިނގާ ނަމަ އެއީ ގާނޫނާ ހިލާފަށް ކުރައްވާ ކަމަކަށް ވެދާނެ  ކަމަށް ވެސް ގާޒީ ފާހަގަކުރެއްވިއެވެ.
މި އަޑުއެހުމުގައި، ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އަބްދުﷲ ސައީދު ވިދާޅުވީ ޝަރީއަތް ކުރެވެމުންދަނީ އަދި އެމަނިކުފާނާ މެދު އަމަލު ކުރަމުންދަނީ ގާނޫނު އަސާސީ އާއި ބައިނަލް އަގުވާމީ މުއާހަދާތަކާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ވެސް ހިލާފަށް ކަމަށެވެ.
މައުމޫނާއި އަބްދުﷲ ސައީދު އަދީ އަލީ ހަމީދުގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަށް އެބޭފުޅުން އިންކާރު ކުރެއްވި ނަމަވެސް ފަނޑިޔާރު މިއަދު ނިންމެވީ މަދަނީ މިންގަނޑުތަކަށް ބަލާއިރު އެބޭފުޅުންގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ