ބަޣާވާތުގެ އެންމެ އަޑީގައި ހުރީ ގާސިމް: ޕީޕީއެމް

ރާއްޖެއަށް ދާދިފަހުން ގެންނަން އުޅުނު ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ބުނާ ބަޣާވާތުގެ އެންމެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބް ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ގާސިމް ކުއްލިއަކަށް ސިފައިންނާ ފުލުހުންނަށް މާ ހެޔޮ އެދޭ މީހަކަށް ބަދަލުވީ ގެންނަން އުޅުނު ބަޣާވާތް ފެއިލުވުމުން ކަމަށެވެ.
ރާއްޖެއަށް ބޭރުގެ ސިފައިން އެރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ ގާސިމް އެވާހަކަތަކާއި ދުރަށް ވަޑައިގެންނެވިކަން ހާމަކޮށްދޭން މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމެއް އޮވެގެން ނޫން ކަމަށެވެ. އަދި އެ މަސައްކަތަކީ އޮޅުވާލަން ގާސިމު ކުރައްވާ މަސައްކަތެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ މިއަދު ވެސް ވަރަށް އަވަހަށް އިދިކޮޅު ކޯލިޝަން ބައިބައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް ޖުމްހޫރީ ޕާޓީން ކޯލިޝަނުން ވަކިވީކަން އިއުލާން ކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ސަރުކާރުގެ ތެރޭގައި ކުރިން ތިބި ބޭފުޅުންތަކެއް ޖޭޕީއަށް ސޮއި ކުރައްވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެއީ ހުސް ގައްދާރުން ކަމަށެވެ.
"ރާއްޖެއަށް މި ކުރިމަތި ކުރި އުދުވާނުގެ އެންމެ އަޑިގައި ހުންނެވި އެކެކޭ ގާސިމް އިބްރާހީމަކީ. ގާސިމް އިބްރާހީމް މިއަދު ކުރައްވަން އެ އުޅުއްވާ ކަމަކީ ރައީސް މައުމޫން އޮތީ ޖަލުގައި ދަރިފުޅު ފާރިސް އޮތީ ޖަލުގައި، ރައީސް މައުމޫންގެ ދަނބިދަރިކަލުން ނަދީމް އޮތީ ޖަލުގައި. ކެނެރީގޭ ނަޝީދު ހުރީ ހުކުމެއް ކޮށްފައި. ދެން މިހާރު މީނަ ވިސްނާލި އިރު އެންމެ ފައިދާ ބޮޑު ގޮތެއް ކަމަށް މީނައަށް މިފެނުނީ މިދެންނެވި ޓީމާއެކު ނުކުމެގެން ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ