ގާސިމް ކުއްލި ގޮތަކަށް ބޭރަށް ފުރަން އުޅުމުން ސުވާލު އުފެދޭ: ޝައިނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުއްލި ގޮތަކަށް އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަންނަވަން އުޅުއްވުމުން ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގާސިމް އިބްރާހީމްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީޢަތުގެ އަޑުއެހުން އިއްޔެ އަށް ތާވަލްކޮށްފައިވަނިކޮށް ކުއްލި ގޮތަކަށް ގާސިމް ހޮސްޕިޓަލުގައި އެނދުމަތިކުރުމާ ގުޅިގެންނެވެ.ޗެނަލް ތާޓީންގެ ނިއުސް ޓޯކު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ކޯޓުގައި މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ދަނިކޮށް އެއްވެސް މީހަކަށް ކޯޓުގެ ހުއްދަ ނެތި ފުރައިގެން ނުދެވޭނެ ކަމަށާއި، ހުއްދަ ނެތި ފުރައިގެން ދާން އުޅޭނަމަ ކަމާ ބެހޭ ފަރާތްތަކުން އެމީހަކު ހިފަހައްޓާނެ ކަމަށެވެ.  އަދި ހުއްދަ ނަގާފައިވާ ނަމަ އެމީހަކު ހުއްޓުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝައިނީ ވިދާޅުވިއެވެ.މިނިސްޓަރ ޝައިނީ ވިދާޅުވީ ގާސިމް އިބްރާހީމް ދައުލަތަށް ދައްކަންޖެހޭ 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެބަހުރި ކަމަށެވެ.  މިފައިސާ ނުދައްކާ ތިބެ، ވަކި ކަމެއް ކޮށްދޭމަތިން ފައިސާ ދޭނެ ކަމަށް ވިދާޅުވަމުންދަނީ ވެސް އެބޭފުޅުން ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.  މިނިސްޓަރ ވިދާޅުވީ ކޮންމެ މީހަކު ވެސް ގާނޫނާ ޚިލާފަށް އަމަލުކުރާ ނަމަ އެމީހަކަށް ހައްގު އަދަބު ލިބޭނެ ކަމަށާއި މިސަރުކާރުން ގާނޫނާއި ޚިލާފް ކަންތައްތަކަށް ހިތްވަރު ނުދެއްވާނެކަމަށެވެ.މީގެއިތުރުން ޝައިނީ ވިދާޅުވީ ދައުލަތަށް ދުއިސައްތަ މިލިއަން ޑޮލަރު ދައްކަންޖެހިފައިވާ މީހަކު ކުއްލި ގޮތަކަށް ފުރައިގެން ދާން އުޅުމަކީ މައްސަލައެއް ކަމަށެވެ.  އަދި ކުށް ކުރާ ކޮންމެ މީހަކު ކުށުން ބަރީޢަވުމަށް ރާއްޖެއިން ބޭރަށް ގޮސް ފިލާ ތިބެ ސަރުކާރަށް ދަތިކޮށް، ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.ތަފާތު ތިން ދައުވާއެއް ގާސިމްގެ މައްޗަށް އުފުލާފައިވާ އިރު، ގާސިމާ ދެކޮޅަށް އުފުލި ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކުރި ދުވަހު ބަލިވެގެން ގާސިމް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި. އަދި ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަތުމުގެ މަސައްކަތް ފެށިއިރު، ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ފުރޭގޮތް ވަނީ ނުވެފައެވެ. މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ގާސިމް ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ