ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް ތާވަލުކޮށްފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.ރިޝްވަތު ދިނުމުގެ ތުހުމަތުގައި ގާސިމްގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ އެގާރަ ޖަހާއިރުއެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ތާވަލުކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. ނަމަވެސް ގާސިމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތުމުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. އަދި މެޔަށް ތަދުވެ ނޭވާލާން އުނދަގޫވުމައި ގުޅިގެން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ވެސް ގާސިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމާއި ގުޅިގެން ޝަރީއަތުގެ އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފައެވެ. ޝަރީޢަތަށް ހާޒިރު ނުވެއްޖެނަމަ، ގާސިމްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން މިމަހުގެ ހަވަނަ ދުވަހު ގާސިމަށް ކޯޓުން ފޮނުވި ޗިޓުގައި ބުނެފައިވެއެވެ. އެންމެ ފަހުން ބާއްވަން ތާވަލުކުރި އަޑުއެހުމަކީ މައްސަލައިގެ ހެކިބަސް ނެގުމާއި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބާވަން އުޅުނު އަޑުއެހުމެއް ކަމަށް ކޯޓުން ބުނެފައި ވެއެވެ.ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ތުހުމަތާ ގުޅޭ ތިން ދައުވާއެއް އުފުލާފައެވެ. އެގޮތުން ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާވެސް ގާސިމްގެ މައްޗަށް އުފުލާފައިވެއެވެ. ގާސިމްގެ ސިއްހީ ހާލަތު ގޯސްވުމުން މިހާތަނަށް ހަތަރު އަޑުއެހުމެއް ވަނީ ކެންސަލްކޮށްފައެވެ. ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އޭނާގެ ޤާނޫނީ ޓީމުން ވަނީ ބުނެފއެވެ. ނަމަވެސް ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތް ހިނގަމުން ދާތީ ކުރިމިނަލް ކޯޓުން ވަނީ ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައެވެ. ޝަރީޢަތް ތާވަލްކޮށްފައިވާ ކޮންމެ ދުވަހަކު ގާސިމް ބަލިވެ އެޑްމިޓް ކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ޝަރީއަތަށް ޗިޓު އައުމުން ކުއްލި އަކަށް ބަލި ބޮޑުވެ ހާލު ދެރަވުމަކީ ކޮންމެ ފަހަރަކުވެސް ދިމާވާ އިއްތިފާގެއް ކަމަށް ފާޑުކިޔާފަރާތްތަކުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ