ސީޝެލްސްގެ ނައިބުރައީސަކަށް އަހުމަދު އަފީފް

ރާއްޖޭގައި 1959 ވަނަ އަހަރު ދެކުނު ދައުލަތް އުފެއްދުމުގައި އިސްކޮށް ހުންނެވި، އަބްދުﷲ އަފީފްގެ ދަރިކަލުން އަހުމަދު އަފީފް ސީޝެލްސްގެ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފި އެވެ.
އަހުމަދު އަފީފު ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ އެގައުމުގެ އިދިކޮޅު ޕާޓީ ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސް (އެލްޑީއެސް)ގެ ކެންޑިޑޭޓް، ވެވެލް ރަމްކަލަވަންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވައިގެންނެވެ. އަހުމަދު އަފީފަކީ ކުރިން ގާނޫނު ހަދާ މަޖިލިހުގެ ނައިބް ރައީސެވެ.
ރަމްކަލަވާން އަދި ރަނިން މޭޓް އަފީފަށް އެ އިންތިހާބު ކާމިޔާބުވެވަޑައިގެންފައި ވަނީ 55 އިންސަ ވޯޓުންނެވެ.
މިއަދުގެ އިންތިހާބުގައި ބަލިވި އަދި މިހާރު ވެރިކަން ކުރާ ޕާޓީގެ ސެކްރެޓަރީ އޮފް ސްޓޭޓަކަށް ހުންނެވީ އަފީފްގެ ދަރިކަލުން މުހައްމަދު އަފީފެވެ. އޭނާއަކީ މިހާރުގެ ރައީސްއާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ސީޝޭލްސްގެ ނައިބު ރައީސްއަކަށް އިންތިހާބުވި އަހުމަދު އަފީފުގެ ބައްޕާފުޅު އަބްދުﷲ އަފީފަކީ ދެކުނުގެ ތިން އަތޮޅު ހިމެނޭ ގޮތަށް ސުވައިދީބުގެ ނަމުގައި ވަކި ދައުލަތެއްގެ ވެރިކަން ގާއިމް ކުރުމުގައި އިސްކޮށް ހުންނެވި އިސް ވެރިޔާ އެވެ.
މި މައްސަލައިގާ އޭރުގެ ދިވެހި ސަރުކާރުން ވަނީ އަފީފަށް އަދަބު ދީފަ އެވެ. އޭގެ ފަހުން އޭނާ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ސީޝެލްސްއަށް ދިރިއުޅުން ބަދަލުކުރެއްވި އެވެ. އޭގެ ފަހުން އޭނާއާއި އާއިލާ ދިރއުޅުއްވަނީ ސީޝެލްސްގަ އެވެ.
އަބްދުﷲ އަފީފު މިހާރު ދުނިޔޭގައެއް ނެތެވެ. އޭނާ ދުނިޔޭގައި ހުންނެވި އިރު މަދު ފަހަރަކު ރާއްޖެ ވަޑައިގެން އައްޑޫގައި ޗުއްޓީ ހޭދަ ކުރެއްވި އެވެ. އާއިލާގެ ބޭފުޅުން މިހާރުވެސް މަދުމަދުން ރާއްޖެ އާދެ އެވެ.
ސީޝެލްސްގެ ޕާލަމެންޓްގެ ވެބްސައިޓްގައިވާ ގޮތުން އަހުމަދު އަފީފު ވަނީ އެ ގައުމުގެ ސެންޓްރަލް ބޭންކްގައި ގިނަ ދުވަސްތަކެއްވަންދެން ހިދުމަތް ކުރެއްވި އެވެ. އޭނާ އޭގެ ފަހުން އެހެން ބައެއް މަގާމުތައްވެސް ފުރުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ