ރެޝްފޯޑާ މެދު އަހަރެންވެސް ފަހްރުވެރިވަން: ކްލޮޕް

ސްކޫލްކުދިންނަށް ހިލޭ ކޮއްތު ފޯރުކޮށްދިނުމަށްޓަކައި މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑް ކުރަމުން އަންނަ މަސައްކަތަކީ އާދަޔާހިލާފު މަސައްކަތެއް ކަމަށާއި، އެކަމަށްޓަކައި އުމުރުން 22 އަހަރުގެ ކުޅުންތެރިޔާއާ މެދު ފަހުރުވެރިވާކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ރެޝްފޯޑް މިހާރު އަންނަނީ ސްކޫލް ކުދިންނަށް ހިލޭ ކޮއްތު ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވާނެކަމަށް ވައުދުވާ އިނގިރޭސި ވިޔަފާރި ކުންފުނިތަކުގެ މެސެޖްތައް ޓްވިޓަރގައި އާންމުކުރަމުންނެވެ. އިނިރޭސި ވިލާތުގައި ހިންގަމުން އަންނަ ފިޝް އެންޑް ޗިޕްސް ވިއްކާ ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތަކުން އަންނަނީ ސްކޫލްކުދިންނަށް ހިލޭ ކޮއްތު ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވަމުންނެވެ. އަދި، ލިވަޕޫލްވެސް ހިމެނޭ ގޮތުން އިނގިރޭސި ވިލާތުގެ އެކި ސިޓީތަކުގެ ކައުންސިލްތަކުންވެސް އަންނަނީ ސްކޫލްކުދިންނަށް ފުޑް ވައުޗަރު ފޯރުކޮށްދޭނެ ކަމަށް ވައުދުވަމުންނެވެ.
“ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރުމުން ރެޝްފޯޑްގެ މަސައްކަތައް ގޮންޖެހުންތަކެއް އޮވެދާނެ. އެކަމަކު މިފަދަ ދަނޑިވަޅުތަކުގައި ފުޓްބޯޅަ އާއިލާގެ މެންބަރުންގެ ހައިސިއްޔަތުން އަދި އިންސާނުންނަށް ވީތީވެސް އަހަރެމެން ތިބޭނީ އެއްބައެއްގެ ގޮތުގައި. މާކަސް ފެށި މަސައްކަތަކީ ވަރަށް އާދަޔާހިލާފު މަސައްކަތެއް. އެއީ ވަރަށް ރަގަޅު ކަމެއް.” ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނެފައިވެއެވެ.
ރެޝްފޯޑް ވަނީ ފެއަރ ޝެއަރ ނަމަކަށް ކިޔާ ފުޑް ބޭންކަކުން އިއްޔެ މެންޗެސްޓަރ ގައި ހިންގީ ޗެރިޓީ ހަރަކާތެއްގައިވެސް ބައިވެރިވެފަ އެވެ. އެ ފުޑް ބޭންކުން އިއްޔެ ވަނީ ރެޝްފޯޑްގެ މަންމަ މެލަނީގެ ނަމުގައި ކާނާ ތރައްކާކުރާ ގުދަނެއެއްވެސް ހުޅުވައިފަ އެވެ.
“އަހަރެން އުއްމީދުކުރަން ރަޝްފޯޑްގެ މަންމަވެސް އޭނާ އާ މެދު ފަހުރުވެރިވާނެ ކަމަށް. އަހަރެންނަކަށް ރެޝްފޯޑެއް އެހާ ރަގަޅަކަށް ނޭނގޭ. އެކަމަކު އަހަރެންވެސް އޭނާ އާ މެދު ފަހުރުވެރިވަން.” ކްލޮޕް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ