އިނިއެސްޓާ: ޑިޕްރެޝަނުން ދުނިޔޭގެ ޗެމްޕިއަން ކަމަށް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު، ސްޕެއިނުގެ އަންދްރެސް އިނިއެސްޓާ އަށް މީގެ 10 އަހަރު ކުރީގެ ހަނދާންތައް އަދިވެސް އުނދަގޫކުރެ އެވެ. ފުޓްބޯޅަ ދަނޑުގައި އޭނަގެ އާދަޔާހިލާފު ހުނަރު ކިތަންމެ ގިނަ ފަހަރެއްގެ މަތިން ފެނިގެންދިޔަ ނަމަވެސް އޭނާގެ ދިރިއުޅުމުގައި ހޭދަކުރި އެންމެ ހިތްދަތި ދުވަސްތައް މަތިން އޭނާ އަބަދުވެސް ހަނދާން ހުރެ އެވެ. އޭރު ކުރަން ޖެހުނު ހިތި ތަޖުރިބާތައް ދާދި ފަހުން އޭނާ ވަނީ ޖަޕާނުގެ ރަކޫޓެން ޓީވީ ޑޮކިއުމެންޓްރީއެއްގައި ހިއްސާކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން ޖަޕާނުގެ ވިސެލް ކޯބޭ އަށް ބަދަލުވުމާ ހަމައަށް އިނިއެސްޓާ ކުރި ދަތުރު ކިޔައިދޭ ގޮތަށް ރަކޫޓެން ޓީވީން އުފެއްދި "އަންދްރޭސް އިނިއެސްޓާ - ދި އަންއެކްސްޕެކްޓެޑް ހީރޯ" އަށް އިނިއެސްޓާ ކިޔައިދިން ވާހަކަތަކުން، އެ ރެކޯޑްކުރުމުގެ މަސައްކަތުގައި އުޅުނު އެންމެނަށް ވެސް ލިބުނީ ހައިރާންކަމެވެ. އެއީ ފުޓްބޯޅަ ކެރިއަރުގައި އިނިއެސްޓާ އަށް ހުރިހާ ކާމިޔާބެއް ލިބުނުތައް ހަމަލޮލުން ފެނުނު އޭނާގެ ގިނަ ސަޕޯޓަރުންނަށް ވެސް ނޭނގި އޮތް ވާހަކަތަކެއް ކަމަށްވާތީ އެވެ. އެ ވާހަކަތަކާ އެކު އިނިއެސްޓާގެ ހާއްސަ ޑޮކިއުމެންޓްރީ މިދިޔަ ހަފްތާގައި ވަނީ ދައްކަން ފަށައިފަ އެވެ.
ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓްކުރަމުންދިޔަ ދުވަސްވަރު ތެރޭގައި 2009 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދިއިރު، އިނިއެސްޓާ ދިޔައީ ލިބެމުންދިޔަ އަނިޔާތަކުގެ ސަބަބުން އެންމެ ރަނގަޅަށް ނުކުޅެވޭތީ ފިޓްކޮށް ހުންނަން މަސައްކަތްކުރަމުންނެވެ. އެގޮތަށް ދަނިކޮށް އިނިއެސްޓާގެ ހިތް ހަލާކުވީ އޭނާގެ ގާތް އެކުވެރިޔާ އެސްޕަންޔޯލްގެ ޑެނީ ޔާކޭ، 26، މަރުވުމުގެ ހަބަރާ އެކު އެވެ. ހާޓް އެޓޭކެއްގައި ޔާކޭ މަރުވި ހަބަރާ އެކު އިނިއެސްޓާ ވަރަށް ބޮޑަށް މާޔޫސްވި އެވެ.
"ދުވަސްތައް ދިޔައީ ފާއިތުވަމުން. ޔަގީނުން ވެސް އެނގޭކަމަކީ އަހަންނަކީ ކުރިން އަމިއްލަ ނަފްސަށް އެ އޮތް އިތުބާރު މިހާރު ނެތް މީހެއްކަން. ބޯމަތިން ދާ ކޮންމެ ވިލާގަނޑެއް އޮއްސެނީ ކަޅު ފުސްގަނޑެއް ގޮތަށް،" ގާތް އެކުވެރިޔާ ޔާކޭގެ މަރުގެ ހަބަރާ އެކު އިނިއެސްޓާގެ ހިތި ތަޖުރިބާ ކިޔައިދިނެވެ.
އިނިއެސްޓާ (ކ) އާއި ޔާކޭ އެކުގައި: ޔޫތު ކެރިއަރުގައި އެއްކޮށް ކުޅުނު ނަމަވެސް ޔާކޭ ބޭނުންވީ އެސްޕަންޔޯލަށް ކުޅެން، އިނިއެސްޓާ ބަދަލުވީ ބާސެލޯނާ އަށް.
އަބަދު އެއްކޮށް އުޅުނު ޔާކޭގެ ކުއްލި މަރާ އެކު އިނިއެސްޓާ ދުވަސްތައް ހޭދަކުރިގޮތް ކިޔައިދިނީ އޭނަގެ މަންމަ މާރިއާ ލުޖާން އާއި އޭނާގެ ބައްޕަ ހޯސޭ އެންޓޯނިއޯ އެވެ. މާރިއާ ސިފަކުރާ ގޮތުގައި އިނިއެސްޓާގެ އެ ދުވަސްތައް އެއީ ހަޔާތުގެ ކަޅު ދުވަސްތަކެކެވެ. އެ ފަދަ ދުވަސްތަކެއް އަލުން ތަކުރާރުވާން އޭނާ ދުވަހަކު ވެސް ނޭދެ އެވެ.
"އެއް ރެޔެއްގެ ދަންވަރު އަންދްރެސް (އިނިއެސްޓާ) އަށް ނުނިދިގެން އަހަރެމެން ގާތުގައި އޮވެ ނިދަން އެދުނު. އަހަރެމެން ވެގެން އުޅޭ ގޮތެއް އެހުމުން އޭނަ ދިން ހަމައެކަނި ޖަވާބަކީ އޭނަ ރަނގަޅެއް ނޫންކަން. އަމިއްލަ ނަފްސަށް އޮތް ޔަގީންކަން ގެއްލިއްޖެކަން،" މާރިއާ ކިޔައިދިނެވެ.
ހޯސޭ އެންޓޯނިއޯ ބުނީ އިނިއެސްޓާގެ ހަރަކާތްތައް އެ ދުވަސްވަރު ފެނުނު ގޮތް އޭނާ ދެން ދުވަހަކު ވެސް ފުޓްބޯޅަ ނުކުޅެފާނެ ކަމުގެ ހިޔާލުތަކެއްވެސް އައި ކަމަށެވެ. އެކަމަކު ހުރިހާ ކަމެއް ރަނގަޅުކުރަން ވެގެން ކުރެވުނު މަސައްކަތުގައި ނަފްސާނީ ޑޮކްޓަރަކާއި ގާޑިއޯލާގެ އެހީތެރިކަން ހޯދި ކަމަށެވެ. ހޯސޭ އެކަން ކުރަން ނިންމީ އޭރު އުމުރުން 25 އަހަރުގެ އިނިއެސްޓާ އަށް އެކަނި ނިދަން އޮވެވޭނެ ފަދަ ވެސް ޔަގީންކަމެއް އަމިއްލަ ނަފްސަށް ނެތުމުންނެވެ.
އިނިއެސްޓާގެ ޑޮކިއުމެންޓްރީގެ ޓްރެއިލާ.-- ވީޑިއޯ: ރަކޫޓެން ޓީވީ
"އިމާ (ނަފްސާނީ ޑޮކްޓަރެއް) ކައިރިއަށް އިނިއެސްޓާ ދާން ފެށުމުން އޭނަ އަށް ޑިޕްރެޝަނުން އަރައިގަންނަން ފަސޭހަވި. ކަންތައްތައް ކިޔައިދެވި އެކަމުން އަރައިގަނެވުނު. އިނިއެސްޓާ އަލުން ކުރީގެ ޔަގީންކަން ހޯދައި ދިރިއުޅެން ފެށުމުގެ ޝުކުރު ހައްގުވާ އަނެއް ފަރާތަކީ ގާޑިއޯލާ،" ހޯސޭ އެންޓޯނިއޯ ބުންޏެވެ.
އެ ދުވަސްވަރުގެ ކަންތައްތަކާ ބެހޭގޮތުން އިމާ އެންމެ ބޮޑަށް ހަނދާން ހުންނަނީ ގާޑިއޯލާ އޭނާ ގާތުގައި ބުނި ވާހަކަ އެކެވެ. ގާޑިއޯލާ ބުނީ "ބޭނުންވަނީ އިނިއެސްޓާ އެނބުރި އައުން ކަމަށާއި ފުޓްބޯޅަ އަންނާނީ ފަހުން،" މިހެނެވެ.
އިނިއެސްޓާ އަލުން އޭނާގެ ފުރިހަމަ އިތުބާރާ އެކު ދިރިއުޅެން ފެށުމާ ހަމައަށް އެނބުރި އަންނަން ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވި އެވެ. އެ ހުރިހާ އިރެއްގައި ގާޑިއޯލާގެ އެހީތެރިކަން އޭނާ އަށް ލިބުނެވެ. އިނިއެސްޓާ ސިފަކުރާގޮތުގައި އޭރު އެ ކުރެވުނު ތަޖުރިބާ އަކީ ފުޓްބޯޅަ ކެރިއަރުގައި ވެސް މުޅި ދިރިއުޅުމުގައި ވެސް އޭނާގެ ހަނދާނުގައި ހުންނާނެ ކަންތައްތަކެވެ. އަދި 2010 ވަނަ އަހަރު އާ ފެށުމަކުން ދިރިއުޅުމުގެ ކަންތައްތައް ފަށައި ކާމިޔާބީތަކެއް ހޯދުމުން ލިބުނީ ބޮޑު ހިތްވަރެއް ކަމަށް ބުންޏެވެ.
ބާސެލޯނާ ދޫކޮށްލުމުގެ ކުރިން އިނިއެސްޓާއާ އެކު ކްލަބްގެ ކުޅުންތެރިން ބޭއްވި އިވެންޓުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
"އެ ހާދިސާތަކަށް އަހަރެއް ވެސް ނުވަނީސް އަހަރެމެން ކުޅުނީ ވޯލްޑް ކަޕް (2010) ފައިނަލުގައި. އަހަރެންގެ ގޯލަކުން ސްޕެއިން މޮޅުވީ. އެކަމަކު އަހަރެން އެ ވަގުތު ވެސް ހަނދާންކުރީ އަހަރެންގެ ހަޔާތުގެ އެންމެ ހިތި ތަޖުރިބާ މަތިން. އަހަރެންގެ ގާތް އެކުވެރިޔާ (ޔާކޭ) މަތިން. އެއީ އޭނަ ދިޔައީ އަހަންނަށް ދިރިހުރުމުގެ ގިނަ ފިލާވަޅުތަކެއް ބުނެދީފައި. އެކަން އަބަދުވެސް ހަނދާން ހުންނާނެ،" ނެދެލަންޑްސް އަތުން 1-0 އިން ސްޕެއިން މޮޅިވި ލަނޑު ޖެހުމަށް ފަހު އިނިއެސްޓާގެ ޖޯޒީގައި ޔާކޭގެ ހަނދާނުގައި ޖަހާފައި މެސެޖާ ބެހޭގޮތުން ބުންޏެވެ.
"ހަޔާތުގެ ދެ އަހަރު މިދިޔައީ އެންމެ ހިތްދަތި ތަޖުރިބާ އާއި އެންމެ އުފާވެރި ވަގުތުތަކުގައި. އަބަދުވެސް ހަނދާން ހުންނާނީ އެންމެ ރަނގަޅު ފިލާވަޅުތައް ލިބުނު ވަގުތު މަތިން. އޭރުން ދިރިއުޅުމުގައި ކުރިއަށްދެވޭނީ،"
ހަޔާތުގައި އެތަކެއް އަހަރުތަކެއް ވަންދެން ހުރި ހޭދަކުރި ބާސެލޯނާ 2018 ވަނަ އަހަރު ދޫކޮށްލުމަށް ފަހު އިނިއެސްޓާ ޖަޕާނަށް ބަދަލުވުމުގެ ފަހަތުގައި އޮތް ސަބަބު ވެސް އޭނާ ކިޔައިދިނެވެ. އިނިއެސްްޓާ ބުނީ ރަނގަޅު ވަގުތުގައި ބޭނުންވާ ވާހަކަތައް ކްލަބަށް ވެސް ނުދެއްކުނު ކަމަށާއި އެ އަށް ފަހު އޭނާ އަށް ވެސް ދިރިއުޅުމުގައި މުހިއްމުވީ އަމިއްލަ ނަފްސަށް ވިސްނާލައި ރަނގަޅު ހަމަޖެހުމެއް ހޯދުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ