ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމަށްޓަކައި މަޖިލީހުން ހައްލެއް ހޯއްދަވައި ދެއްވިދާނެ ކަމަށް މިނިވަން މުއައްސަަސާތަކާއި ބެހޭ ކޮމެޓީން ވިދާޅުވެފައި ވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓަށް ހުށަހެޅުމުން، އެ ކޮމިޝަންގެ މެމްބަރުން ރޭ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން، ގާނޫނު ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވެން ނެތިގެން އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ކޯޓަށް ހުށަހެޅީ އެއީ ކުރިން ވެސް އަމަލު ކުރަމުން އައި އުސޫލު ކަމަށް ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ރޭ ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
ނަމަވެސް އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ގެންދަވަނީ އިންތިޚާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށް ވިދާޅުވަމުންނެވެ.
އިންތިޚާބެއް ލަސްކުރަން ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށާއި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އިންތިޚާބު ފަސްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަވަސް ކަމާ އެކު އެ ކޮމިޓީން ކުރިއަށް ގެންދާނެ ކަމަށެވެ.
"މި ކަމުގައި ހައްލު ހޯދަން ކޯޓަށް ވަޑައިނުގަތުން. އަޅުގަނޑުމެން ކޮމިޓީގެ ފަރާތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ގެނައުމުގެ މަސައްކަތާއި މި ކަމުގައި ހައްލު ހޯދައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދަންނަވަން،" ރޮޒައިނާ ވިދާޅުވިއެވެ.
އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް ފަހުން ވަނީ ހައިކޯޓުން މައްސަލަ އަނބުރާ ގެނެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
އިންތިޚާބު ފަސްކުރަން އީސީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ