ބަޖެޓުގެ ދަތިކަން ހުރި ކަމަށް އަމީން ވިދާޅުވުމުން މެމްބަރު ނަސީމްގެ ފާޑުކިޔުން

ދައުލަތުގެ ބަޖެޓުގެ ދަތިކަން ހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރުން އިބްރާހިމް ނަސީމް ވަރަށް ބޮޑަށް މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ނަސީމް ވިދާޅުވީ ހެލްތު މިނިސްޓްރީން ބޭނުންވާ ކަންކަން ހިމަނައިގެން ބަޖެޓު ފޮނުވުމުން މަޖިލިހުން އެ ބަޖެޓު ފާސްކޮށްދީފައި ވަނީ މިނިސްޓްރީން ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް ކަމަށެވެ. އަދި "އެންމެ ލާރިއެއް" ވެސް އުނި ނުކޮށް ބަޖެޓު ފާސްކޮށް ދިނުމުން، ބަޖެޓުގެ ދަތިކަން ހުރިއޭ ވިދާޅުވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވި ގޮތުގައި އަމީންއާ އެކު މީގެކުރިން ބޭއްވި ބައްދަލުވުމުގައި 2019 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށްފައި ވަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ކަމުން މިދިޔަ އަހަރު ސަރުކާރުން ބޭނުންވާ ގިނަ ކަންކަން ނުކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި މިދިޔަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެއްވާނެ ކަމަށް އަމީން ވައުދުވެވަޑައިގެންނެވި ކަމަށް ނަސީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދާއިރާގައި ހިމެނެނީ، ތުލުސްދޫ، ދިއްފުށި، ހުރާ، އަދި ހިންމަފުށި. އަޅުގަނޑުމެން ދާއިރާ އަށް ދުވާ އެމްބިއުލާންސް ފޯރުކޮށްދެވިއްޖެތޯއޭ. ވަޒީރު ވަޑައިގަތް ދަތުރެއްގައި ވިދާޅުވެފައި ވަނީ ކޮއްޕައިގެން ވިޔަސް ތިންމަސް ދުވަސް ހިފަހައްޓާލަން. މިހާރު އޭގެ ފަހުން އަހަރެއް ވަނީ. ދެން އަޅުގަނޑުމެން ޖެހޭނީ ކޮނޑުއަޅައިގެން ހިފަހައްޓާލަން،" މެމްބަރު ނަސީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހެލްތު މިނިސްޓްރީން ފޮނުވި ބަޖެޓު އެ އޮތް ގޮތަށް ފާސް ކުރިން. އެއްވެސް އެއްޗެއް އުންޏެއް ނުކުރަން. ވަޒީރު ވިދާޅުވެފައި އެބައޮތް އަޅުގަނޑާ ބައްދަލުވި އިރެއްގައި ތިމަންނާމެން 2020 ގެ ބަޖެޓުގައި ހުރިހާ އެއްޗެއް ޖަހާލާ ހައްލުކޮށްލާނަމޭ،" ނަސީމް ވިދާޅުވިއެވެ.
މީގެ އިތުރުން ނަސީމް ވަނީ ސިއްހީ މަރުކަޒުތަކުގައި އަދިވެސް އެކަށީގެންވާ މިންވަރާ ގާތަށްވެސް މުވައްޒަފުން ނެތްކަމަށް ވިދާޅުވެ އެކަން ކުރެވޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވައިފައެވެ.
މި ސުވާލުތަކަށް މަޖިލީހުގައި ވަގުތު ނެތުމުގެ ސަބަބުން މިނިސްޓަރު އަމީން ދެއްވީ ކުރު ޖަވާބުތަކެކެވެ.
އަމީން ވިދާޅުވީ ބަޖެޓުގައި ދަތިކަން އެބަހުރި ކަމަށާއި، ނަމަވެސް ބަޖެޓުގައި ހިމެނިފައިވާ ހުރިހާ ވަޒީފާއަކަށް މީހުން ނެގުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ކުރައްވާނެ ކަމަށެވެ. މިދިޔަ އަހަރު ހެލްތު މިނިސްޓްރީން އުންމީދު ކުރި ވަރަށް އެމްބިއުލާންސް ލިބިފައި ނުވާ ކަމަށާއި މި އަހަރު އެމްބިއުލާންސް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ