ރާއްޖޭގެ ޝަރުއީ ނިޒާމާއި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަން އޮތް މިންވަރު ބެލުމަށް އދ. އިން ފޮނުވި ހާއްސަ މަންދޫބު ގެބްރިއޭލާ ނައުލް ޖުޑިޝަލް ސާވިސް ކޮމިޝަން އިން ފަނޑިޔާރުން އައްޔަން ކުރާ ގޮތާ ބެހޭ ގޮތުން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅު ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްއީގައި ވެސް ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރުން އައްޔަން ކުރަނީ އެއްވެސް ގަވާއިދެއްގެ ތެރެއިން ނޫން ކަމަށާއި އަދި ފަނޑިޔާރުން އަޔަން ކުރުމުގައި އެއް ވެސް ޓްރާންސްޕޭރެންޓް ކަމެއް ނެތް ކަމަށް ގެބްރިއާލް ވިދާޅުވުމަކީ އެ ކަމަނާ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށެވެ.
"ޖުޑިޝަލް ސާވިސް ކޮމިޝަންގައި ފަނޑިޔާރުން އައްޔަން ކުރަނީ އެއް ވެސް ޓްރާންސްޕޭރެންޓް ނެތިއޭ ގޯސް ކޮށޭ އޭނަ ބުނި. އަޅުގަނޑަށް ޔަގީން ކަށަވަރު އެއީ ދޮގުކަން. އޭނަ އެކައްޗެއް ވެސް ނުބަލާ އެކައްޗެއް ވެސް އަޑެއް ނާހާ. މީހަކު ބުނި އެއްޗެއް ރިކޯޑް ކޮށްގެން އޭނަގެ ސިނކުޑިއަށް ވައްދައިގެން އޭނަ ބުނި އެއްޗެއް އެއީ.
އަޅުގަނޑަކީ އެތަނުގައި އުޅޭމީހެއް. ޖޭއެސްސީން ކަންތައްތައް ކުރަނީ އެއް ގަވާއިދެއްގެ ތެރެއިން ނޫން ކަމަށް އޭނަ ބުނި ބުނުން އެއީ ހަމަ ކަޑައެޅިގެން. އެއަށް ވުރެ ބޮޑު ދޮގެއް މީހަކު ނުހަދާނެ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދުނިޔޭގެ އެކި ތަންތަނުން ބޭފުޅުން އައިސް ދައްކާ ވާހަކަ ތަކާއި ނެރޭ ރިޕޯޓްތައް އޭގެ ހަގީގަތާއި ހަމައަށް ވާސިލް ނުވެ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއް ވެސް ބަޔަކު ގަބޫލު ކޮށްގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ގެބްރިއާލް ވަޑައިގެން ތައްޔާރު ކުރި ރިޕޯޓަކީ ކޮންމެވެސް ބައެއްގެ ނުފޫޒް ވަރަށް ބޮޑަށް ފޯރާފައިވާ ރިޕޯޓެއް ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ޖުޑިޝަރީގައި ވެސް ޖޭއެސްސީގައި ވެސް ރަނގަޅު ކުރާން ޖެހޭ ކަންތައްތަކެއް ހުރިކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެއީ ދުނިޔޭގައި އެންމެ ފުރިހަމައަށް އޮތް އެއް ވެސް ޖުޑިޝަރީއެއް ނޯންނާނެ ކަމަށާއި ހުރިހައި ތަނަކީ ވެސް އަބަދުވެސް އިސްލާހްތަކާއި ބަދަލުތައް ގެންނާ ޖެހޭ ތަންތަން ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފެހި ގާނޫނު އަސާސީގައި ޖޭއެސްސީ އުލަވައިލަވައިލާފައި ވަނީ ހުރިހައި ފަރާތެއް ބެލެސް ކުރެވޭނެ ފަދަ ގޮތަކަށް ކަމަށާއި އެކަމަކީ ރައްޔިތުންގެ ހާއްސަ މަޖިލީސް ހިނގަމުން ދިޔަ އިރު ވަރަށް ގިނަ ބަހުސްތަކަކަށް ފަހު އެލަވައިލައިފައިވާ އުސޫލުތަކެއް ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން ޔޫއެންގެ މަންދޫބް ދެއްކެވި ވާހަކަފުޅު އެއް ގޮތަކަށް ވެސް ގަބޫލު ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ހަދަންވީ ގޮތް ބޭރުން އަންނަ މީހަކަށް ނޭނގޭނެ ކަމަށާއި ބޭރުން އަންނަ ކޮންމެ ބޭފުޅަކު ވެސް ރާއްޖޭގެ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ބޯލަނަބަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އެއީ ދުނީޔޭގެ ގާނޫނު ކަމަށާއި އަދި އދ.ގެ އުސޫލުތަކުގައި ވެސް އެކަން ކަނޑައެޅިފައިވާ ގޮތް ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ ޖޭއެސްސީއަށް ދިމާވެގެން ދިޔަ ގޮންޖެހުންތަކަކާއި ދުއްތުރާތަކެއް ކުރިމަތި ވެގެން ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގައި އައިޝަތު ވެލެޒިނީ ކިޔާ ބޭފުޅަކު ވެއްދުމުގެ ސަބަބުން ކަމަށާއި އެހެން ނަމަވެސް މިހާރު ޖޭއެސްސީ މަޑުމަޑުން ހަމަމަގަށް އެޅެމުން އަންނަ ކަމަށާއި އަދި އުންމީދު ކުރަނީ އަވަސް މުސްތަގުބަލެއްގެ ތެރޭގައި ޖޭއެސްސީގެ ހިންގުން ހަރުދަނާ ވެގެން ދާނެ ކަމަށް ކަމަށެވެ.
ޖޭއެސްސީން ފަނޑިޔާރުން އައްޔަން ކުރާ ގޮތާ ބެހޭ ގޮތުން ގެބްރިއޭލާ ހެދީ ދޮގު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ