ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދާ ލިވަޕޫލް ދެވަނަ މަގާމަށް ޖެހިލައިފި

0-5 އިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދާ ލިވަޕޫލްއިން ޕްރިމިއަރ ލީގުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.
ލިވަޕޫލް ދެވަނައިގައި އޮތީ 33 ޕޮއިންޓާއެކީގައެވެ. ހަމަ މިއަދަދަށް ޗެލްސީއަށް ވެސް ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި މެޗުން ބަލިވި ޓޮޓެންހަމް އޮތީ 27 ޕޮއިންޓާއެކީ ލީގުގެ ހަތްވަނަ މަގާމްގައެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ހެންޑަސަން ދިން ޕާހަކުން މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅެމުންދާ އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒްއެވެ.
ލިވަޕޫލްގެ ދެވަނަ ގޯލް މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހެންޑަސަންއެވެ.
ސުއަރޭޒް ނަގައިދިން ހުރަހަކުން ލިވަޕޫލްގެ ތިންވަނަ ގޯލް މެޗުގެ 75 ވަނަ މިނެޓްގައި ފްލެނެގަން ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރު ވަނަ ގޯލް މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ސުއަރޭޒްއެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި 18 ވަނަ ގޯލްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ލިވަޕޫލްގެ ފަހު ގޯލް މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންގްއެވެ.
މި މެޗުގައި ލުއިސް ސުއަރޭޒްއަށް ކުރި ފައުލަކާ ގުޅިގެން ޓޮޓެންހަމްގެ ބްރެޒިލް މިޑްފިލްޑަރ ޕައުލީނިއޯއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވާ ކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ