ރައީސް ވަޙީދުގެ ގައުމީ އިއްތިހާދު އުވާލަން އެޕާޓީގެ ކައުންސިލުން ނިންމައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރައީސްކަން ކުރައްވާ ގައުމީ އިއްތިހާދު ޕާޓީ އުވާލަން އެޕާޓީގެ ކައުންސިލުން ނިންމައިފި އެވެ.
ރޭ ބޭއްވި ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެޕާޓީ އުވާލަން ނިންމާފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ގައުމީ އިއްތިހާދު ޕާޓީ އުވާލަން ކައުންސިލަށް ހުށަހެޅީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޑރ.ވަޙީދުއެވެ. ޕާޓީ އުވާލަން ފާސްކުރިއިރު ރިޔާސަތުގައި އިންނެވީ ވެސް އެމަނިކުފާނެވެ.
ގައުމީ އިއްތިހާދު ޕާޓީ އުވާލަން ނިންމި ނިންމުމާއި ބެހޭ ގޮތުން ވާހަކަދައްކަމުން އެޕާޓީގެ ކައުންސިލް މެންބަރަކު އެމްވީޔޫތައް ވިދާޅުވީ ޕާޓީ އުވާލަން ނިންމީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކުދި ޕާޓީތައް ހިންގުމަކީ އިގްތިސާދީ ގޮތުން ވެސް ކުރަން ދަތިކަމަކަށް ވާތީ އާއި އަދި ސިޔާސީ ގޮތުން ވެސް ކުރިއަށް ދިއުމުގައި ކުދި ޕާޓީތަކަށް ހުރި ގޮންޖެހުންތައް ގިނަކަމުންނެވެ.
އޭނާ ވިދާޅުވީ އެޕާޓީ އުވާލުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާކަމަށާއި، ވަރަށް އަވަހަށް ކައުންސިލްގެ ނިންމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ