ރިޔާސީ އިންތިހާބާއި ދިމާކޮށް ފަންޑިތަ ހަދާ ކަމަށް ތުހުމަތު ކުރެވިގެން މީހަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފި އެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ ސޯމާގެއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އާއި އެކު ފަންޑިތަ ހަދަން ގެންގުޅޭ ބައެއް ސާމާނު ފުލުހުން ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފުލުހުން ބުނީ ފަންޑިތަ ހަދާ ކަމަށް ތުހުމަތު ކުރެވިގެން މިރޭ އައްޑޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މިކަމާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯމާގެ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އައްޑު އަށް ކުރައްވާ ދަތުރުތަކުގައި ވަރަށް އާންމުކޮށް ވަޑައިގަންނަވާ ގެއެކެވެ.
ހިތަދޫއިން ވާހަކަދެއްކި މީހުން ބުނި ގޮތުގައި އެދެބޭފުޅުން އެގެއަށް ވަޑައިގަންނަވަނީ ރިޔާސީ އިންތިހާބާ ގުޅޭ ކަމެއްގައި ފަންޑިތަ ހަދުވަންށެވެ. ނަމަވެސް އަނެއް ބަޔަކު އެކަން ދޮގުކޮށް ބުނެފައިވަނީ އެގެއަށް އެމްޑީޕީގެ އިސް ފަރާތްތަކުން ހަމަ ޒިޔާރަތްކޮށްލަނީ ކަމަށެވެ.
ނަޝީދު އައްޑު އަށް އިއްޔެ ކުރެއްވި ދަތުރުގައި ދޮރުން ދޮރަށް ހިންގެވި އިރު ވެސް ސޯމާގެ އަށް ވަޑައިގެން އެގޭގައި އުޅޭ ފަންޑިތަ ހަދާ ކަމަށް ބެލެވޭ މީހާއާ ވެސް ބައްދަލުކުރެއްވި ކަމަށް އަޑު ފެތުރިފައިވެ އެވެ.
ފުލުހުން މިއަދު އިރޮއޮއްސި 6 ޖަހާއިރު ސޯމާގެއަށް ވަދެ ގިނައިރުތަކެއް ވަންދެން އެގޭގައި ހަރަކާތްތެރިވި އެވެ. އަދި އެސަރަހައްދު ފުލުހުން ބަންދުކޮށްފައި ގިނަ އިރުތަކެއް ވަންދެން ބޭއްވިއިރު އެސަރަހައްދަށް އެމްޑީޕީ އެކްޓިވިސްޓުން އެއްވެސް ނުރުހުން ފާޅުކޮށްފައިވެ އެވެ.
ރިޔާސީ އިންތިހާބާއި ދިމާކޮށް ފަންޑިތަ ހަދަމުންދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ