ރައީސް މައުމޫން އިންޑިޔާގެ ރައީސާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް، އިންޑިޔާގެ ރައީސް ޑރ. އޭ.ޕީ.ޖޭ އަބްދުލް ކަލާމާ ރޭ ބައްދަލު ކުރައްވައިފި އެވެ.
އިންޑިޔާގެ ރައީސްގެ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ އަށް ރަސްމީ ދަތުރުފުލެއް ކުރެއްވުމަށް، ރައީސްގެ ދެ ކަނބަލުންނަށް ދައުވަތު ދެއްވި ކަމަށްޓަކައި އިންޑިޔާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ. އަދި ދިވެހިރާއްޖެ އާއި އިންޑިޔާއާ ދެމެދުގައި އުފެދިފައި ވަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ވެސް މި ގުޅުން އެކި ދާއިރާތަކުގައި އިތުރަށް ބަދަހިވުމުގެ ފުރުސަތު އިތުރު ވެގެން ހިނގައްޖެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، އިޖްތިމާއީ އިގްތިސާދީ ދާއިރާގަޔާއި، ޓެކްނޯލޮޖީގެ ދާއިރާ އިން އިންޑިޔާ މިއަދު ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވައި، އިންޑިޔާގެ ރައީސަށް ތަހުނިޔާ ވިދާޅުވި އެވެ.
ޑިސެމްބަރު 26 ގައި ކުރިމަތިވި ސުނާމީ ހާދިސާގައި އިންޑިޔާ އިން ރާއްޖެ އަށް ވަރަށް އަވަސް ގޮތެއްގައި ވެދިން އެހީތަކަށްޓަކައި ވެސް އިންޑިޔާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ. އަދި ސުނާމީ ހާދިސާގައި ރާއްޖެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި ކަމަށް ވިދާޅުވެ، މި ގެއްލުންތައް ފޫބައްދަވައި ގައުމު އަލުން ބިނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސް ބައްލަވާލެއްވި އެވެ. އަދި ސުނާމީ ހާދިސާ އިން ވެސް ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ވަޒަންކުރެވޭ ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިޔާގެ ރައީސަށް ދައުވަތު ދެއްވި އެވެ. އަދި މި ދައުވަތު އިންޑިޔާގެ ރައީސް ގަބޫލުފުޅު ކުރެއްވި އެވެ.
އިންޑިޔާގެ ރައީސް ޑރ. އަބްދުލްކަލާމް ދެއްކެވި ވާހަކަފުޅުގައި ވެސް އިންޑިޔާ އާއި ދިވެހިރާއްޖެ އާ ދެ ގައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ރާއްޖޭގެ ތަރައްގީ އަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ކުރިމަގުގައި ވެސް އިންޑިޔާ އިން އިތުރު އެހީވެދޭނެ ކަމުގައި ޑރ. އަބްދުލްކަލާމް ވިދާޅުވި އެވެ. ސުނާމީގައި ރާއްޖެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބަޔަކު މަރުވެފައި ވާތީ، އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށާއި ރައީސަށް އިންޑިޔާގެ ރައީސް ހަމްދަރުދީ ފޮނުއްވި އެވެ.
ޑރ. އަބްދުލްކަލާމްގެ ވާހަކަފުޅުގައި، ސުނާމީގެ އިންޒަރުދޭ ނިޒާމެއް މި ސަރަހައްދުގައި ގާއިމްކުރުމަށް އިންޑިޔާ އިން ކުރަމުންދާ މަސައްކަތްތަކަށް ވެސް ބައްލަވާ ލެއްވި އެވެ. މިފަދަ ނިޒާމެއް ވަރަށް އަވަހަށް ގާއިމު ކުރުމަށް އިންޑިޔާ އިން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭނެ ކަމުގައި ވެސް ވިދާޅުވި އެވެ.
މި ބައްދަލު ކޮށްލެއްވުމަށްފަހު، ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި އިންޑިޔާގެ ރައީސް ދެއްވި ފަރިއްކޮލެއް ރާސްތުރަޕަތީ ބަވަންގައި އޮތެވެ. މި ފަރިއްކޮޅުގައި އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހާއި އިންޑިޔާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ދިވެހި ވަފްދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ