ރައީސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން ވެސް ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވާހަކަފުޅު ނުދައްކަވާހާ ފެންވަރަށް އޭނާއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި ތާއީދު އަނބުރާ ގެންދެވިޔަސް "ދެން އިތުރަށް ކުރާނެ އަސަރެއް ނެތް" ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީން ފަށާފައިވާ "ކޮފީ ވިތު ޑީއާރުޕީ" ޕްރޮގްރާމްގެ ދަށުން މާލޭގެ ރާވެރިޔާ ރެސްޓޯރަންޓްގައި ބައެއް ޒުވާނުންނާއެކު ބޭއްވި ހަރަކާތެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ޑީއާރުޕީ ތެރޭގައި އޭނާއާ ބެހޭ ގޮތުން މައުމޫން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު ދެން އިތުރަށް ގޯސްވާނެ ކަމެއް ނެތް ކަމަށެވެ.
"މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާއާ މުހާތަބުކޮށް ވިދާޅުނުވާ ކަހަލަ ބައެއް ވާހަކަތައް ރައީސް މައުމޫން އަޅުގަނޑަށް ފޮނުވި ސިޓީގައި ވަނީ ވިދާޅުވެފައި. އެހެންވީމަ އިތުރަށް ވިދާޅުވާނެ އެއްޗެއްގެ ސަބަބުން އަޅުގަނޑަށް ކުރާނެ އިތުރު އަސަރެއް ނުފެނޭ،" ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓަކީ ތަސްމީން ކަމަށް ނިންމަވައި މައުމޫން ދެއްވި ތާއީދު އަނބުރާ ގެންދަވައިފިއްޔާ އެކަމާ މެދު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ "ހަވީރު" ން ދެންނެވުމުން ތަސްމީން ވިދާޅުވި އެވެ.
މައުމޫނާއި ތަސްމީންގެ ކޯޅުމުގެ ސަބަބުން ބޮޑަށް މަގުބޫލުކަން ދަށްވަނީ މައުމޫންގެ ގެ ތޯ ނުވަތަ ތަސްމީންގެ ތޯ ދެންނެވުމުން ތަސްމީން ވިދާޅުވީ އެކަމުގައި ބަލަންވީ ޑީއާރުޕީއަށް ކުރާނެ އަސަރަކަށް ކަމަށެވެ. އަދި ކޯޅުމުގެ ސަބަބުން ޑީއާރުޕީއަށް ކޮންމެވެސް ކަހަލަ އަސަރެއް ކުރާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.
"... މުޅި ޓީމަކީ ރައްޔިތުންނަށް މިހާރު ކަންބޮޑުވެފައި ހުރި ކަންތައްތަކަށް އަމާޒުކޮށްގެން މަސައްކަތްކުރާ ޓީމެއް ނޫން ގޮތުގައި ފެންނަ ކޮންމެ ފަހަރަކީ އޭގައި ޑީއާރުޕީއަށް އަސަރުކުރާނެ ކަންތައްތައް. އެހެންވީމަ ޑީއާރުޕީގެ މަގުބޫލުކަމުގެ އަސަރު ކުރާތީ އަޅުގަނޑު ކަންބޮޑުވޭ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން. ބައެއް ކަންތައްތަކަކީ އަޅުގަނޑުމެންގެ އަތްމަތީގައިވާ ކަންތައްތަކެއް ނޫން. ކޮންޓްރޯލް ނުހުންނަ ކަންތައްތައް ހިނގާނެ،" ތަސްމީން ވިދާޅުވި އެވެ.
މައުމޫން އެހެން ސިޔާސީ ޕާޓީއެއް ހައްދަވަން އުޅުއްވާ ވާހަކަތައް ފެތުރިފައިވާއިރު އޭގެ ސަބަބުން ޑީއާރުޕީއަށް ކުރާނެ އަސަރާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ތަސްމީން ވިދާޅުވީ އޭގެ އަސަރު ވެސް ޕާޓީއަށް އަސަރު ކުރާނެ ކަމަށެވެ.
"ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އަޅުގަނޑު ވެސް އަދި ޕާޓީގެ ކައުންސިލްގެ މީހުން ވެސް ޕާލިމެންޓްރީ ގުރޫޕުގެ މީހުން ވެސް، ގޮފިގޮފީގައި އިސްކޮށްތިއްބެވި ބޭފުޅުން އޭގެ އަސަރު ކުޑަކުރެވޭތޯ މަސައްކަތް ކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަކީ ޑިމޮކްރެޓިކް ޕާޓީއެއް. ޑިމޮކްރެޓިކް އުސޫލުތަކުން އަޅުގަނޑުމެން މަސައްކަތް ކުރަނީ. އަޅުގަނޑުމެން އެންމެންނަށް ވެސް އެންމެ މުހިންމު ވާނީ ޕާޓީ. ޕާޓީއަށް އަޅުގަނޑުމެން ވަދެ ތިބެން ޖެހޭނީ ޕާޓީގެ އުސޫލުތަކަށް އަޅުގަނޑުމެން ތަބާވާތީ،" ތަސްމީން ވިދާޅުވި އެވެ.
އަޅުގަނޑަށް ދެއްވި ތާއީދު މައުމޫން އަނބުރާ ގެންދެވިޔަސް އިތުރަށް ކުރާނެ އަސަރެއް ނެތް: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ