މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ އިރާކޮޅު ކ.ތުލުސްދޫގައި ވަޅިއަކުން ހަމަލާދީ އަލީ ޝިހާމް މަރާލި މައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ ކުރާ މުހައްމަދު ނިޔާޒުގެ މައްޗަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ނިޔާޒް ޝަރީއަތުގެ މަޖިލީހުގައިވެ ފައިވާ އިއުތިރާފްގެ މައްޗަށް ބިނާކޮށެވެ.
ނިޔާޒު ދައުވާ އަށް އިއުތިރާފުވި ނަމަވެސް އެކަމުގެ މައްޗަށް ބާރުދޭ ހެއްކާއި ގަރީނާ ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ. އެގޮތުން އޭނާ ތަހުގީގަށް ދިން ބަޔާނާއި އޭނާ މީހަކަށް ހަމަލާދޭން އުޅޭކަމުގެ އިޝާރާތެއް ކުރިން ދީފައިވާ ކަމަށް ބުނާ ހަތަރު މީހަކު ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅިއެވެ.
ޤާޒީ ވިދާޅުވީ މައްސަލައާއި ގުޅުންހުރި ހެކިން ލިބިފައި ވީނަމަވެސް، ހެކިން ޝަރީޢަތަށް ހާޒިރު ނުކުރީ، ޝިހާމަށް ހަމަލާދިން ކަމަށް ނިޔާޒު އިއުތިރާފު ވެފައި ވާތ،ީ ހެކިން ހާޒިރު ކުރުމުގެ މާނައެއް ނެތުމުން ކަމަށެވެ. އަދި ކުށްވެރިވާ މީހާގެ އިއުތިރާފަކީ މަރު ސާބިތު ކުރުމުގައި ބެލޭނެ އެންމެ މަތީ މިންގަނޑު ކަމަށްވެސް ޤާޒީ ވިދާޅުވިއެވެ.
މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ އަލީ ޝިހާމްގެ މެޔަށް ދިގުމިނުގައި 11 އިންޗި ހުރި ކަޅުކުލައިގެ މުއްގަނޑުލީ ވަޅިއެއް ހަރާލި ކަމަށް ނިޔާޒު ޝަރީޢަތުގައި އިއުތިރާފުވެފައިވާ ކަމަށާއި، އަދި އަލީ ޝިހާމް މަރުވީ މެޔަށް ތޫނު އެއްޗަކުން ލިބުނު ޒަޚަމްތަކުގެ ސަބަބުންކަން މަރު ސާބިތު ކުރި ރިޕޯޓުތަކުން އެނގެން އޮންނަ ކަމަށެވެ.
އަދި ޝިހާމަށް ހަމަލާދިނީ މަރާލުމުގެ ގަސްދުގައި ނޫންކަމަށް ނިޔާޒު ބުނެފައިވީ ނަމަވެސް، ވަޅިއެއް ހިފައިގެން ދެފަހަރެއްގެ މަތިން ޝިހާމް އޮތް އުނދޯލި ކައިރިއަށް ދިޔަކަމަށް ނިޔާޒު ޝަރީޢަތުގައި ބުނެފައި ވާތީ އެކަމުގައި މަރާލުމުގެ ގަސްދު ނެތް ކަމަށް ބެލޭނެ ތަނެއް ނެތް ކަމަށް ޤާޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ވަޅިއަކުން ހަމަލާދީ އަލީ ޝިހާމް މަރާލި މައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ ކުރާ މުހައްމަދު ނިޔާޒުގެ މައްޗަށް މަރަށް މަރު ހިފަން ބޭނުން ކަމަށް ޝިހާމުގެ 4 ވާރިސުން މީގެކުރިން ކޯޓުގައި ބުނެފައިވާކަމަށްވެސް ކޯޓުގް ހުކުމްގައިވެއެވެ. ޝިހާމުގެ ވާރިސުންގެ ގޮތުގައި މިވަގުތު ދުނިޔޭގައި ތިބީ ޝިހާމުގެ މާމަ ނަޖީބާ ޢަބްދުﷲ އާއި އަންހެނުންނާއި ދެކުދިންނެވެ. ކުޑަ ދެކުދީންގެ ފަރާތުން އެދެކުދިންގެ މަންމަ ވަނީ ޤިސާސް ހިފަން ބޭނުންކަމަށް ބުނެ ބަޔާންދީފައެވެ.
އެހެން ކަމުން ޝިހާމުގެ ލޭ އޮހޮރުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ނިޔާޒުގެ މައްޗަށް ކުރެވުނު ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށާއި، ކުށުގެ އުޤޫބާތެއްގެ ގޮތުން އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފުމަށް ނިޔާޒުގެ މައްޗަށް ހުކުމް ކުރާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ނިޔާޒް އާއި ދެކޮޅަށް އިއްވި ދައުވާގައި ބުނެފައިވަނީ ޝިހާމަށް ހަމަލާ ދިނުމަށް ދެ ފަހަރެއްގެ މަތިން ޝިހާމް ދިރިއުޅޭ ގެ ކައިރިއަށްދިޔަ ކަމަށާއި އެގޮތުން ފުރަތަމަ އެތަނަށް ގޮސްފައިވަނީ އެރޭ 6:45 ހާއިރު ކަމަށެވެ. އަދި ދެވަނަ ފަހަރަށް އެތަނަށް ދިޔައިރު ޝިހާމް އިނީ ޖޯއްޔެއްގައި ފޯނާއި ކުޅެން 7:00 ޖަހާކަންހާއިރު ކަމަށާއި އެތަނަށް ގޮސް ޝިހާމްގެ މެޔަށް ވަޅި ހެރުމަށްފަހު އަވަހަށް އެތަނުން ދިޔަ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
ޝިހާމަށް ހަމަލާދިނީ އޭނާ މަރާލަން ނޫން ކަމަށާއި ޝިހާމަށް ހަމަލާ ދިނީ ވައްކަން ކުރި ކަމުގެ ތުހުމަތުކޮށްފައި ވާތީ ބަދަލު ހިފުމުގެ ގޮތުން ކަމަށް ނިޔާޒު ވަނީ މީގެކުރިން ބުނެފައެވެ.
ހުކުމް އިއްވައި މައްސަލައިގެ ޝަރީޢަތް ނިންމަވާލައްވަމުން ޤާޒީ ވަނީ ބެލޭނީ މާޒީއަށް ކަމަށާއި، ކުރިމަގުގައި ވާނެ ގޮތެއް އެއްވެސް އިންސާނަކަށް ބުނަން ނޭނގޭނެ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މީގެ ކުރިން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކޮށްފައި ނުވާތީ، ނިޔާޒު މަރަން ހުކުމް ކޮށްފައި ވީނަމަވެސް، ކުރެވުނު ކުށަށް ތައުބާވެ، ކައްފާރާގެ ރޯދަ ހިފުމަށް ޤާޒީ ވަނީ ނިޔާޒަށް ނަސޭހަތްތެރި ވެފައެވެ.
ޝިހާމް މަރާލި ނިޔާޒް މަރަން ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ