ރިޕޯޓު އެކުލަވާލުމުގައި ކޯޓުން ފުރިހަަމައަށް އެއްބާރުލުން ދީފައިވާނެ - އުއްތަމަ ފަނޑިޔާރު

އެޗްއާރުސީއެމް އިން އެކުލަވާލި ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓު (ޔޫޕީއާރު) އަށް ސްޕްރީމް ކޯޓުން ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައި ވަނީ އެޗްއާރުސީއެމް އިން އާންމުކުރި ޔޫޕީއާރު ރިޕޯޓުގައި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ނިސްބަތްވާ ގޮތަށް ހިމަނާފައިވާ އިބާރާތްތަކާއި ގުޅިގެން ސުޕްރީމް ކޯޓުން އިސްނަގައިގެން އެ ކޮމިޝަނުގެ މެމްބަރުންނާއި ދެކޮޅަށް ކުރިއަށް ގެންދާ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައެވެ.
އެޗްއާރުސީއެމްގެ ރިޕޯޓުގައި ޖުޑިޝަރީން މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޖުޑިޝަރީން އެކޮމިޝަނަށް އެއްބާރުލުން ނުދޭ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ 27 އޯގަސްޓް 2014 ވީ ދުވަހު ސްޕްރީމު ކޯޓުގެ މަޢުލޫމާތެއް ހޯދުމަށް އެޗްއާރުސީއެމް އިން ލިޔުމަކުން އެދިފައިވުމުން އެމަޢުލޫމާތު އެކޮމިޝަނަށް ފޯޜުކޮށްދީފައި ވާނޭ ކަމަށެވެ. އެގޮތުން ޖުމްލަ 3 މަޢުލޫމާތެއް އެޗްއާރުސީއެމްއަށް އެރުވި ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ދެންނެވި ސުވާލުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އައިޝަތު އަޒުރާ ވިދާޅުވީ ރިޕޯޓުގައި އެހެން ބުނެފައިވަނީ ޖުޑިޝަރީއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި މަޝްރޫއަކާއި، އަދި އެ ކޮމިޝަނުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި ތަހުގީގަކަށް ޖުޑިޝަރީގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށެވެ. އޭގެތެރޭގައި ކޯޓް މޮނިޓަރިންގް ޕްރޮގްރާމެއް ވެސް ހިމެނޭ ކަމަށް އަޒްރާ ވިދާޅުވި އެވެ.
ރައްދުގައި އުއްތަމަ ފަނޑިޔާރު ވަނީ ކޯޓުން ނިންމާ ނިންމުމެއް އެޗްއާރުސީއެމްއަށް ދިރާސާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ ރިޕޯޓު އެކުލަވާލާފައި ވަނީ ދިވެހި ރާއްޖޭގެ ޖުޑީޝަރީން ބަލައިނުގަންނަ ކަމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ރިޕޯޓަކަށް ބުރަވެ ތިބެ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ޤާނޫނު އަސާސީގެ ބާރު ކުޑަވެ، ރައްޔިތުންނަށް ޖްޑީޝަރީއާ މެދު ސުވާލު އުފެދިގެން ދާނެ ކަމަށެވެ
އަދި ރިޕޯޓު އެކުލަވާލުމުގެ ކުރިން މަސްދަރުތަކުގެ ސައްހަކަން ވަޒަން ކުރުމަކީ މިފަދަ ރިޕޯޓު އެކުލަވާލާ ފަރާތްތަކުގެ ޒިންމާއެއްކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ޖުޑީޝަރީގެ މިނިވަންކަމާއި، ޤައުމުގެ މިނިވަންކަމަށް އަސަރުކުރާނެ ކަމުގައި ވިދާޅުވެފައެވެ.
ނަމަވެސް އެޗްއާރުސީއެމްގެ ވަކީލު މައުމޫން ހަމީދު ވަނީ ރައީސް ނަޝީދުގެ ސަރުކާރުން ޖުޑިޝަރީއާއި ދެކޮޅަށް ހިންގި ކަންކަމުން ޖުޑިޝަރީގެ މިނިވަންކަމާއި، ގައުމުގެ މިނިވަންކަމަށް އަސަރު ނުކުރާނަމަ، އެޗްއާރްސީއެމްގެ ރިޕޯޓުގެ ސަބަބުން އެފަދަ ކަމެއް ވެގެން ހިނގައިދާނެކަމަށް ނުދެކޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އޭރު ހިންގި ކަންތައްތަކަކީ މާ ނުރައްކާތެރި ކަންތައްތަކެއް ކަމުގައިވެސް މައުމޫނު ހަމީދު ވިދާޅުވިއެވެ.
2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ން 10 ށް ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ޖުޑީޝަރީ އަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ވަގުތީ ސްޕްރީމު ކޯޓެއް އެކުލަވާލަން ނިންމަވާފައެވެ.
އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވަނީ ވަގުތީ ސުޕްރީމް ކޯޓެއް ހެދުމުގެ އެއްވެސް ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީން ލިބިދީފައި ނުވާނެ ކަމަށާއި އެކަން އެ ގޮތަށް ކުރައްވައިފިނަމަ އެއީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފަހައްޓައި އެތަން އިންތިގާލީ މަރުހަލާއާ އެކު އުވުނީ ކަމަށް ބުނެފައެވެ.
ޝަރީޢަތަށް ޖަވާބުދާރީ ވަމުން، ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު ތޮލާލް ވިދާޅުވީ ރިޕޯޓު އެކުލަވާލުމުގައި ގާނޫނު އަސާސީއާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން އިސްލާމީ ޝަރީއަތާއި ފުށު ނާރާ ގޮތަށް ބަލައިފައިވާނެ ކަމަށެވެ. އަދި މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޖުޑިޝަރީއަށް ނުރަނގަޅު ނުފޫޒެއް ފޯރުވުމަށް ނޫންކަމަށާއި، ރިޕޯޓު ތައްޔާރުކުރުމުގައި އެޗްއާރުސީއެމުގެ މަގުސަދަކީ ކޮމިޝަނަށް ލިބިހުރި ހުރިހާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ރިޕޯޓު އެކުލަވާލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ