ހިރާ ސްކޫލް - އިސްލާމީ އުސޫލްތަކާއެކު ޒަމާނީ ތަޢުލީމެއް

ސްކޫލް މާޙައުލުގައި ކިޔަވައިދެވޭ ތަކެތި އަމިއްލަ ދިރިއުޅުމުގައި ބޭނުންކުރާނެ އުސޫލުތައް ދަސްކޮށްދެވޭނެ ތަޢުލީމީ ނިޒާމެއް ނުވަތަ "އެކްސްޕީރިޔަންސް ލާރނިންގ" ސިސްޓަމެއް  ޤާއިމްކުރުމަކީ މުސްތަޤުބަލްގައި ހަރުދަނާ، ޤާބިލް ޖީލެއް ބިނާކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ.
ދީނީ ތަޢުލީމާއި ދުންޔަވީ ތަޢުލީމް އެއްކޮށްލައިގެން، މިޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭފަދަ ޤާބިލް ހުނަރުވެރި، ފުންނާބުއުސް ދަރިންތަކެއް މުޖްތަމަޢަށް ނެރުމުގެ މަޤްޞަދުގައި 2010 ވަނަ އަހަރު 50 ދަރިވަރުންނާއެކު ފެށުނު ހިރާ ސްކޫލަކީ މުޅި ދިވެހިރާއްޖެއަށް ވެސް ނަމޫނާ ސްކޫލެކެވެ.
އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "ހިރާ ޖަމްޢިއްޔާ"ގެ ކުޑައިގެ ހިޔާވަހިކަމުގައި އެންމެ ކްލާސްރޫމެއްގައި ކިޔަވައިދެން ފެށި މި ސްކޫލްގައި އޭރު ކިޔަވައިދިނީ ހަމައެކަނި ޕްރީސްކޫލް ގްރޭޑް ތަކަށެވެ. ނަމަވެސް 2012 ވަނަ އަހަރާ ހަމައަށް އައިއިރު ހިރާ ސްކޫލްގައި ޕްރައިމަރީ ގްރޭޑް އުފެދި، އަލަށް ތަންފީޒު ކުރުމަށް ތައްޔާރުކުރެވުނު އާ މަންހަޖު ޕައިލެޓް ކުރަންފެށުނެވެ.
ސްކޫލް ފެށިގެން 5 އަހަރު ވީއިރު މިސްކޫލްގައި 375 ދަރިވަރުން ތަޢުލީމް ޙާސިލްކުރަމުން ގެންދެއެވެ. މީގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ދަތުރުކޮށްފައި ހިރާ ސްކޫލަށް އަންނަ 60 ކުދިންވެސް ހިމެނެއެވެ. އެންމެ ކްލާސް ރޫމަކާއެކު ފެށުނު މި ސްކޫލްގައި މިހާރު 9 ކްލާސްރޫމްގައި ކިޔަވައިދެއެވެ. 2 ބިދޭސީ ޓީޗަރުންނާއެކު ޖުމްލަ 32 ޓީޗަރުން ކުދިންނަށް އުނގަންނައިދިނުމުގައި މަސައްކަތްކުރައްވައެވެ. މިހާރު މިސްކޫލްގައި ޕްރީސްކޫލް ގްރޭޑްތަކުން ކޮންމެ ގްރޭޑެއްގެ 4 ކްލާހުގައި ކިޔަވައިދެވޭއިރު  ގްރޭޑް 1 އަދި 2 ގެ ކޮންމެ ގްރޭޑަކުން ދެ ކްލާހާއި ގްރޭޑް 3 އަދި 4 ގައި  ކޮންމެ ގްރޭޑަކުން 1 ކްލާހުގައި ކިޔަވައިދެވެއެވެ.
ހިރާ ސްކޫލަށް މާލީގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދެއްވަނީ ފައުންޑޭޝަންގެ ބޯޑް މެމްބަރުންނެވެ. ބޯޑް މެމްބަރުންގެ ދީލަތި އެހީފުޅާއެކު މަހެއްގެ މައްޗަށް 1 ލައްކަ އަށްވުރެ ގިނަ ރުފިޔާ ސްކޫލްގެ އެކިކަންކަމަށް ޚަރަދުކުރުމަށް ލިބެއެވެ. މީގެ އިތުރަށް ކޮންމެ ދަރިވަރެއްގެ އަތުން މަހު ފީއެއްގެ ގޮތުގައި 500 ރުފިޔާ ނަގައެވެ. ސްކޫލުން ދަރިވަރުންނަށްދޭ ތަޢުލީމާ، ޚިދްމަތަށް ބަލާއިރު މިއީ ވަރަށްވެސް ކުޑަ ފީއެއްކަން ފާހަގަކޮށްލެވެއެވެ.
މި ސްކޫލްގެ ތަޞައްވުރަކީ މުޖްތަމަޢަށް ނިކުންނަ ކޮންމެ ކުއްޖަކީ ތަޤުވާވެރި، ފަންނުވެރި ދަރިންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމެވެ. ސްކޫލުން ކުރިއަށް ގެންދަވާ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބަހާލެވިފައިވަނީ މައިގަނޑު ދެބަޔަކަށްކަން ސްކޫލް ޕްރިންސިޕަލް، އަލްފާޟިލާ މަރިޔަމް ސިތާރާ ފާހަގަކުރެއްވިއެވެ.  އެއީ އިސްލާމީ ތަރުބިއްޔަތެއްގެ މަތީ، ފަހުގެ ޓެކްނޮލަޖީގެ އެހީގައި ދަރިވަރުންނަށް އުނގަންނައިދިނުމެވެ.
ހިރާ ސްކޫލްގައި ފިލާވަޅުތައް ނަގައިދެވެނީ، ދުންޔަވީ ތަޢުލީމާއި ދީނީ ތަޢުލީމު އެއްކޮށްލައިގެން، ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއްވެސް އިސްލާމީ އުސޫލްތަކާ އެއްގޮތަށް ދަސްވެގެންދާނެގޮތަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ ކުރީގެ ޓްރެޑިޝަނަލްގޮތް ދޫކޮށް، އެކުދިންނަށް ބޭނުންވާ ހުނަރާއި ޢިލްމު އެކުދިންނަށް ފޯރުކޮށްދިނުން" ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ. މިގޮތުން އަޅުގަނޑުމެންގެ ޓީމަށް އެންމެ ފާހަގަކުރެވުނު އެއްކަމަކީ އަމިއްލަ ދިރިއުޅުމުގައި ދިމާވެދާނެ ކޮންމެ ޙާލަތަކަށްވެސް ދަރިވަރުން ކުރިމަތިލާނެގޮތް ވަރަށް ފުރިހަމައަށް ކިޔަވައިދެވެމުން ދާކަމެވެ. ޢާންމު ގޮތެއްގައި ރާއްޖޭގެ ސްކޫލްތަކުން މިފެންނަ "ކްލާސް ރޫމް ސްޓަޑީ" ގެ އިތުރުން ފީލްޑަށް ނިކުމެ ފޮތުން ލިޔެވި ތަކެތި އަމިއްލައަށް ތަޖުރިބާ ކުރުމަށް ހިރާ ސްކޫލްގެ ދަރިވަރުންނަށް ފުރުޞަތުލިބިގެންދެއެވެ.
މި ސްކޫލުގައި ބޭނުން ކުރެވޭ ކްލާސްރޫމްތަކަކީ އެންމެ މިޒަމާނުގެ ޓެކްނޮލަޖީ ބެނުންކުރާ، މަލްޓިމީޑިޔާ ކްލާސްރޫމްތަކެކެވެ. ކްލާސްރޫމް ފަރުމާކޮށްފައިވަނީ ކުދިންނާ ރައްޓެހި މާހައުލެއްގެ ގޮތުގައެވެ.
ހިރާ ސްކޫލް ފެށިގެން މިވީ ފަސް ވަރަކަށް އަހަރު ތެރޭގައި ދާއިރާގެ ޒިންމާދާރު އިސް ފަރާތްތަކުގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާ އެއްބާރުލުމެއް ލިބެމުންދާކަމަށް ސްކޫލުންފާހަގަކުރައްވައެވެ. މިގޮތުން ޤައުމީ އާ މަންހަޖު އަޖުމަ ބެލުމަށް އެން. އައި.އީ އިން  ހުއްދަދެއްވާފައިވެއެވެ. މީގެ އިތުރުން ދާއިރާގެ އިސްވެރިންނާ އެހެނިހެން ސްކޫލްތަކުން ހިރާ ސްކޫލަށް ޒިޔާރަތްކުރައްވާ އެސްކޫލުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ ކަމަކީ ހިރާ ސްކޫލުން ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަކުރާކަމެކެވެ. އަދި އެސްކޫލްގެ މަސައްކަތްތައް އެހެން ސްކޫލްތަކުގެ ޓީޗަރުންގެ ޓްރެއިންގ ތަކުގައްޔާއި، އެން.އައި.އީގެ ޓްރެއިންގ ތަކުގައި ބޭނުންކުރެވެމުންދާކަމީ އެ ސްކޫލަށް ލިބިފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
ކޮންމެ އަހަރަކުވެސް ދަރިވަރުންގެ ހުނަރު ދައްކާލުމަށް ތަފާތު ހަރަކާތްތައް ކޮންމެ އަހަރަކުވެސް ރަވާ ހިންގަމުންދެއެވެ. މިގޮތުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ޓެލެންޓް ޝޯވ އާއި ޢީދާ ދިމާކޮށް ބާއްވާ ޕެރޭޑަކީ އިސްލާމީ ޙުދޫދުގެ ތެރެއިން ކުދިން ޝައުޤުވެރިވާނެ ފަދަގޮތަކަށް ތައްޔާރުކޮށްގެން ހިންގޭ ވަރަށް ފުރިހަމަ، އަދި އެހަމެ ކާމިޔާބް ހަރަކާތްތަކެކެވެ.
ހިރާ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލް ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަމެވެ. މިހާރު މި ސްކޫލް ހިންގަމުންދަނީ ހިރާ ފައުންޑޭޝަންގެ ބޯޑްގެ ނައިބްރައީސްގެ ގޭގައެވެ. ސްކޫލް އިމާރާތެއް އެޅުމަށް ސަރުކާރުން ބިމެއް ދެއްވާފައިވީނަމަވެސް  މާލީ ދަތިކަމުގެ ސަބަބުން  އަދި އެތަނުގެ މަސައްކަތް ފެށިފައެއއްނުވެއެވެ. ސްކޫލްގެ ފަތާތުން "ވަގުތަށް މަޢުލޫމާތު ދެއްވަމުން ސްކޫލްގެ ޕްރިންސިޕަލް ސިތާރާ ވިދާޅުވީ ސްކޫލް އިމާތާތް އެޅުމަށް ފައިސާ ހޯދުމަށް މަސައްކަތް ކުރައްވަތާ ގާތްގަނޑަކަށް 4 އަހަރު ވެދާނެ ކަމަށާއި އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ލިބެމުން ނުދާކަމަށެވެ.
ދިރިއުޅުމުގެ ހުރިހާ ވަގުތެއް ސްކޫލަށާ ސްކޫލްގެ ދަރިވަރުންނަށްޓަކައި ހުސްކުރައްވައިގެން މަސައްކަތްކުރައްވާ އެ ސްކޫލްގެ ޕްރިންސިޕަލް ސިތާރާ ވިދާޅުވިގޮތުގައި އާމްދަނީއަށް ނުބަލާ، ނަތީޖާ ނެރުމަށް މަސައްކަތްކުރާ މުވައްޒަފުންތަކަކާއެކު މަސައްކަތް ލުތަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.
ހިރާ ސްކޫލް ދެކެމުންމިދާ ކާމިޔާބީގެ ސިއްރަކީ ހިރާ ފައުންޑޭޝަނެވެ. ޚާއްޞަކޮށް އެ ފައުންޑޭޝަންގެ ރައީސް އާދަމް އިބްރާހިމް (އަސްރަފީ އާދަމް) އާ ނައިބް ރައީސް މުހައްމަދު އަހުމަދު ދީދީގެ ނަން އެސްކޫލްގެ ފަރާތުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައެވެ. އެއްވެސް އެއްޗެއްނެތި ފެށި މިމަސައްކަތުން މިހާހިސާބަށް އާދެވުނީ މާތް ﷲ ގެ ވާގިފުޅުންކަން ސްކޫލްފާހަގަކުރައްވައެވެ. އަދި ސްކޫލްގެ ހުރިހާ ކަމެއްގައި ބެލެނިވެރިންނާ ޓީޗަރުންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ޝުކުރުވެރިކަމާއެކު ސްކޫލުން ފާހަގަކުރައްވައެވެ.
ބެލެނިވެރިންނާ މުޖްތަމަޢަށް ސްކޫލުން ދެއްވާ މެސެޖަކީ "އާ ކަރިކިޔުލަމް އާ ދޭތެރޭ ކަންބޮޑުވު ވަޑައި ނުގަންނަވާށޭ. ޕްރެކްޓިކަލް އޮރިޔެންޓެޑް ކްލާސްތަކުގެ ސަބަބުން ޕޮޒިޓިވް އައުޓްކަމްއެއް ނިކުންނާނެ. މިއީ ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް ވަރަށް މުހިއްމު ފުރުޞަތެއް." ސިތާރާ ވިދާޅުވިއެވެ.
ހިރާ ސްކޫލުން މިހާރު އެންމެ ދެކެންބޭނުންވާ ދުވަހަކީ ސްކޫލްގެ އާއިމާތާރެއް އެޅި،ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލަކަށް މި ސްކޫލް ވެގެންދާ ދުވަހެވެ. އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ނަމޫނާ ސްކޫލަކަށް މި ސްކޫލް ވެގެންދިޔުމެވެ.
އަޅުގަނޑުމެންގެ ޓީމުން އެދެނީ ހިރާ ސްކޫލަށް އަދަށްވުރެ ފަހި މާދަމައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ