އޮޅުވާލައިގެން ފައިސާ ހޯދާ ވެބްސައިޓްތަކުގެ އަވައިގައި ވެސް ދިވެހިން ޖެހިއްޖެ!

ލިބޭ ފޯނު ކޯލެއްގައި މީހަކު ދައްކާ ވާހަކައިން އޭނާ ބުނި އަދަދަކަށް ރީލޯޑް ކޮށްދިން ދުވަސް އިއްޔެ އަހަރެމެން ދެކެފީމެވެ. މިއަދު ކުރަނީކީ ރީލޯޑެއް ނުވަތަ ރާސްޓަސްއެއް ނޫނެވެ. މިއަދު ތިމާގެ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑްގެ ނަމްބަރު ގުޅާ މީހަކަށްދީ ތިމާގެ އެކައުންޓްގައި ހުރިއްޔާ ހުރި ފައިސާއެއް ފޭރިގަތުގެ ފުރުސަތު ފޯނު ކޯލެއް ކޮއްލާ މީހަކަށް އެބަދެއެވެ. ދެމަސްދުވަސްތެރޭ ހަމައެކަނި މާލެއިން މިގޮތައް ފޭރުނު ފައިސާގެ އަދަދު ހަލައްކަ ރުފިޔާއަށް އަރާކަމަށް ފުލުހުން ވިދާޅުވުމުން މިކަން ހިނގާ މިންވަރު މިއޮތީ އެނގޭށެވެ.
ކޮންމެއަކަސް ފޯނަށް ފައިސާ ފޮނުވުމާއި ކާޑްގެ މައުލޫމާތު ދީގެން އެކައުންޓްގައި ހުރި ފައިސާ ކޮޅު ގެއްލުމުގެ އިތުރުން ވެސް މިފަދަ އެތައް އޮޅުވާލުމެއްގައި އެތައް ދިވެހިންނެއް ދަނީ ޖެހެމުންނެވެ. އޮޅުވާލައިގެން ފައިސާ ހޯދުމަށް ތައްޔާރުކޮށްފައި ހުންނަ ވެބްސައިޓްތަކުގެ އަވައިގައި ވެސް ދިވެހިން ދަނީ ޖެހެމުންނެވެ. އޮޅުވާލައިގެން ފައިސާ ހޯދާ ވެބްސައިޓެއް ކަމަށްވާ "ޗައިނާސްމިލިއަނަރ" ކިޔާ ވެބްސައިޓެއްގައި ގިނަ އަދަދެއްގެ ދިވެހިން ރަޖިސްޓްރީވެ "މިލިއަނަރަކަށް" ވުމަށް ފައިސާ އިންވެސްޓްކޮށް ފައިސާ ކޮޅު ނުލިބިފައި އެބަތިއްބެވެ.
"ޗައިނާސްމިލިއަނަރ"ގައި ސީދާ ރަޖިސްޓްރީވެފައި ވަނީ ކިތައް ދިވެހިންކަން ބުނަން ނޭންގުނު ނަމަވެސް ވެބްސައިޓްތައް ރޭންކް ކުރާ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތައް ބަލާއިރު "ޗައިނާސްމިލިއަނަރ" ވެބްސައިޓަކީ ދިވެހިން އެންމެ ގިނައިން ވަންނަ ވެބްސައިޓްތަކުގެ ތެރެއިން 16 ވަނައިގައި މިހާރު އޮތް ވެބްސައިޓެވެ. އެހެންކަމުން މިސައިޓަށް ވަންނަ ދިވެހިންގެ އަދަދު ވަރަށް ގިނަ ވާނެ ކަމަށް ގަބޫލު ކުރެވެއެވެ.
ފައިސާ ލިބޭނެ ކަމަށް ބުނެ މީހަކު ވީޑިއޯއެއްގައި ދައްކާ ވާހަކައެއް ގަބޫލު ކުރުމުގެ ކުރިން އެއީ ކިހާވަރެއްގެ ތެދު ހަޤީޤަތެއްތޯ ހޯދައި ބަލަން އެބަޖެހެއެވެ. އެހެން ނޫނީ މިލިއަނަރަކަށް ވާން ތިފަށާ ދަތުރުގައި މިލްކިއްޔާތު އެކީ ހުސްވެދާނެއެވެ.
"ޗައިނާސްމިލިއަނަރ" ބުނާ ގޮތުގައި އެވެބްސައިޓަކީ ޖިން ލީ ކިޔާ މީހަކު ތައްޔާރުކުރި ސޮފްޓްވެއާއެއްގެ އެހީގައި ބައިނަރީ އޮޕްޝަން މާކެޓްގައި އޮޓޮމެޓިކުން ވިޔަފާރި ކުރެވޭ ސޮފްޓްވެއާއެއްގެ އެހީގައި ވިޔަފާރި ކުރާ ވެބްސައިޓެކެވެ. މިބުނި ސޮފްޓްވެއާ ބޭނުން ކޮށްގެން އިންވެސްޓް ކުރާ ފައިސާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެތައް ހާސް ޑޮލަރަކަށް ހަދާލާނެ ކަމަށް "ޗައިނާސްމިލިއަނަރ" ގެ ޕްރޮމޯޝަން ވީޑިއޯގައި ބުނެފައި ވެއެވެ.
ޖިން ލީ އަކީ އެބުނާހާ މޮޅު މީހަކަށް ވާއިރު އޭނާގެ މުއްސަނދިކަމުގެ އެއްވެސް މައުލޫމާތެއް އިތުބާރު ކުރެވޭ އޮންލައިން ވެބްސައިޓަކުން ފެންނަން ނެތުމަކީ ހައިރާންވާން ޖެހޭ ކަމެކެވެ. ހަޤީޤަތަކީ މިލިއަނަރެއްގެ ގޮތުގައި ސިފަ ކޮށް ޖިންލީގެ ނަމުގައި ދައްކާ ފޮޓޯ އަކީ ލިންކްޑްއިން އަށް މީހަކު ލާފައިވާ ފޮޓޯއެކެވެ.
މީގެ އިތުރުން އެވެބްސައިޓް ބޭނުން ކޮށްގެން މިލިއަނަރުން ވީމީހުން ސޯޝަލް މީޑިއާގައި ދައްކާފައި ހުރި ވާހަކަތައް ކަމަށް ބުނެ ވެބްސައިޓްގައި އާންމުކޮށްފައިވާ ވާހަކަތަކީ ވެސް އަމިއްލައަށް ހަދާފައިވާ ސްކްރީން ޝޮޓްތަކެއް ކަން އެރަނގަޅަށް ބަލައިފި ނަމަ އެނގޭނެއެވެ.
"ޗައިނާސްމިލިއަނާސް" ގައި ރަޖިސްޓްރީ ވުމަށް 250 ޑޮލަރު އިންވެސްޓް ކުރަން ޖެހެއެވެ. މިއިންވެސް ކުރުމުން ބޯނަސްގެ ގޮތުގައި ފައިސާ ލިބޭ ކަމަށް ބުނާ މެސެޖެއް ލިބެއެވެ. ނަމަވެސް އެބޯނަސް ނެގޭނީ ވަކިވަރަކަށް ވިޔަފާރި ކޮށްގެން ކަމަށް ފަހުން ބުނެއެވެ. އަދި އޭގެ ފަހުން ވިޔަފާރިއަށް އިންވެސް ކުރި ފައިސާ އާއި ބޯނަސްގެ ގޮތުގައި ލިބުނު ފައިސާ ވެސް ގެއްލެއެވެ.
މިފަދަ އޮޅުވާލައިގެން ފައިސާ ހޯދާ ވެބްސައިޓްކުގެ އަވާގައި ނުޖެހި އިންޓަނެޓް ބޭނުން ކޮށްގެން ވެސް ފައިސާ ހޯދޭނެ ރަނގަޅު ވެބްސައިޓްތަކުގައި ފައިސާ އިންވެސްޓް ކުރުން މުހިންމެވެ. އަތުގައި ހުންނަ ފައިސާ އިންވެސްޓް ކުރުމުގެ ކުރިން ފައިސާ އިންވެސްޓް ކުރާ ވެބްސައިޓަކީ ރަނގަޅު ވެބްސައިޓެއްތޯ ކަށަވަރު ކުރަން ވާނެއެވެ. އެކަން ކުރުމަށްޓަކައި އިތުބާރު ކުރެވޭ ރިވިއުތައް ކިޔުން މުހިންމެވެ. އަދި އެވެބްސައިޓަކާއި ބެހޭ ގޮތުން އެހެން މީހުން ދައްކާފައިވާ ވާހަކަތައް ވެސް ބަލާލުން މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ