ޖަހާހާ ބެރަކަށް ނަށާކަށް ދެނެއް ދިވެހި ރައްޔިތުން ނުނިކުންނާނެ – އަދުރޭ

އިދިކޮޅުން ޖަހާހާ ބެރަކަށް ނަށަން ދެން ދިވެހި ރައްޔިތުން ނުނިކުންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖްލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅުފަރާތްތަކުގެ ހަރަކާތްތަށް އަލުން ފަށަން އުޅޭ ކަހަލަ މަންޒަރުތަކެއް ފެންނަމުންދާއިރު އަނެއްކާވެސް މިހަރަކާތްތަށް މި ފަށަނީ ސަރުކާރުން ރާއްޖެ ތަރައްޤީކުރަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުންތޯ ޕީޕީއެމުން ޤަބޫލު ކުރޭތޯ މީޑިޔާއަކުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ތަރައްގީއަށް ހުރަސްއަޅަން ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެބޭފުޅުންނަށް އެކަން ކާމިޔާބު ނުވަނީ ރައްޔިތުންގެ ތާއީދު އެހަރަކާތްތަކަށް ނުލިބުމުން ކަމަށެވެ.
އަދި ވިދާޅުވީ، ތަރައްޤީ ކުރަން އަދި ތަރައްޤީ އެންމެ ރަގަޅަށް ގެންނަން އެނގިވަޑައިގަންނަވަނީވެސް ރައީސް ޔާމީނަށް ކަމަށެވެ. އެހެން ކަމުން އިދކޮޅުން ޖަހާ ހާ ބެރަކަށް ނަށަން ދެން ދިވެހި ރައްޔިތުން މަގުމައްޗަށް ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވޯޓުން ރައީސް ޔާމީން ބަލިކުރާނެކަމަށް އިދިކޮޅުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށް ބޮޑު ތަނުން އިދިކޮޅު ފަރާތްތައް ރައީސް ޔާމީން އެކަނި ހުންނަވައިގެންވިޔަސް ބަލި ކުރައްވާނެ ކަމަށެވެ.
ވޯޓުުން ރައީސް ޔަމީން ބަލި ކުރައްވާނެ ކަމަށް ބުނަމުން އަންނައިރު ރިޔާސީ އިންތިޚާބު ފެށެން ހަތަރު މަސް ދުވަހަށް ވެފައިވާއިރު އަދިވެސް އިދިކޮޅު ފަރާތްތަކަށް ކެންޑިޑޭޓެއް ދެއްކިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ