އަލީގެ ޕާސްޕޯޓް މައްސަލަ ޕީޖީން ސުޕްރީމް ކޯޓަށް

ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައިކޯޓުގައި ފެށި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެން ގޮސް އެ ކޯޓުން ބާތިލުކޮށްފައިވާތީ، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.ޖިންސީ ފުރައްސާރައިގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރުމާ އެކު، އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ އެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރު ޕީޖީން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅީ އޭގެ ފަހުންނެވެ.ނަމަވެސް، ހައި ކޯޓުގެ ޝަރީއަތަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓް ފޮނުވޭ ގޮތެއް ނުވި އެވެ. އެހެންވެ، ހައިކޯޓުން އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެހެއް ހޯދުމަށް ދައުލަތަށް އެންގި އެވެ. ކޯޓުން ދިން މުއްދަތުގައި ފުލުހުންނަށް ވެސް އެ އެޑްރެސް ހޯދޭ ގޮތް ނުވި އެވެ. އެހެންވެ، އިއްޔެ ހައިކޯޓުން ވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލައިފަ އެވެ.ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ އަލީ އުޅުއްވާ އެޑްރެހެއް އެނގުމުން އަލުން އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޕީޖީ އޮފީހަށް ލިބޭގޮތަށެވެ. އެކަމަކު، ޕީޖީން ނިންމާފައިވަނީ އެ ފުރުސަތުގެ ބޭނުން ނުހިފައި، ސުޕްރީމް ކޯޓަށް ދިޔުމަށެވެ.ޕިޖީ އޮފީހުން ބުނީ 4 މަސްދުވަހުގެ ތެރޭގައި ޢަލީ ވަޙީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި، ޖާމިނުކޮށްފައިވާ މީހާގެ މައްޗަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަލީ ވަހީދުގެ ޝަރީއަތް ކުރިޔަށް ދަނިކޮށް، އޭނާ ބޭސް ފަރުވާ އަށް ބޭރަށް ''ފުރުވާލި'' އިރު ބަދަލުގައި ޖާމިނުވެފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.އޭނާ ޖިންސީ ގޯނާ ކުރީ ޓޫރިޒަމް މިނިސްޓްރީގައި ހުންނެވި އިރު އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ކަމަށް ތުހުމަތު ކުރެ އެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ