ޕްރޮސިކިއުޓަރ ޖެނެރަލްއަކީ މުސްތަގިއްލު ބޭފުޅެއް ނޫން: މެމްބަރު މީކާއިލް

ޕްރޮސިކިއުޓާ ޖެނެރަލްއަކީ މުސްތަގިއްލު ބޭފުޅެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތަސް އެކަން އެގޮތަށް ގަބޫލުކުރަން ދެކޮޅުކަމަށް، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމި މައްސަލައިގެ ތަހުގީގެއް ކޮށްދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެމްމަބަރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން މެމްބަރު މީކާއިލް ވިދާޅުވީ، މުސްތަގިއްލު ކަމަށް ބުނާ ޕީޖީ ބައެއް އަމިއްލަ ޓީވީތަކުގަ ރަސްމީ ހައިސިއްޔަތު ނޫންގޮތަށް އޭސީސީގައި ހިނގަމުންދާ މައްސަލަތަކުގެ ވާހަކަ ދައްކަވާ ކަމަށެވެ.
އެމްޑީޕީ ވަގު ލޭބަލްއިން ސަލާމަތްކުރަން ބޭނުންވާނަމަ ކުރަންވީ ކަމަކީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުންތައް ވަގުތުން ގެނެސްދިނުން ކަމަށާއި އެކަން ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާނެ ކަަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީއަށް ކުރިން ޝައުގުވެރިކަން އުފެދިގެން އައީ އެމްޑީޕީގެ އޭރުގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންގެ ބުރުސޫރަ ރީތިވެގެން ނޫން ކަމަށާއި އެމްޑީޕީން އަބަދުވެސް ހިފަހައްޓަމުން އައި އަސާސްތަކާއި ގެންގުޅުނު އުސޫލުތަކެއް ކަމުގޮސްގެން ކަމަށް މީކާއިލް ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދު މިވާހަކަތައް ދައްކަން ބިރުގަންނަކަން ފާހަގަކުރައްވާ މެމްބަރު ވަނީ އެމްޑީޕީއަށް ނިސްބަތްވެ ހުރެ އެ ޕާޓީ ސަރުކާރުގެ މެޖޯރިޓީގައި އޮވެ ވައްކަމުގެ ލޭބަލް އެޅެމުންދާކަމަށް ވިދާޅުވެފައެވެ.
ކުރީގެ ހެލްތު މިނިސްޓަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވެމުންދިޔަ ދަނޑިވަޅުގައިވެސް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން އިސްނަގައިގެން މަސައްކަތްތަކެއް ފެށި ކަމަށާއި އެހެންނަމަވެސް ސަރުކާރެއްގެ ސިފައިގައި އަންނަންޖެހޭ އަވަަސްމިނުގަ ފިޔަވަޅުތައް އެޅެމުން ނުދިޔަކަމީ މިހާލަތުގައި ފާހަގަކުރާ ކަމެއް ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ