މުޅި ދުނިޔެއިން ކަރަންޓް ކެނޑުނަސް ތިބާގެ އަލިކަން ނިއްވައި ނުލެވޭނެ މީހަކަށްވާށެވެ!

ﷲ ތަޢާލާ ދުނިޔޭގައި އިންސާނުން ލެއްވެވީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެހެންކަމުން ކޮންމެ ފަހަރަކު "އިށީންނަން! ތެދުވަން! ކާން! ނުކާން!" ﷲ ތަޢާލާ އެއްވެސް އިންސާނަކަށް އަމުރުފުޅެއް ނުކުރައްވަވާނެއެވެ. ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް ﷲ ތަޢާލާ ވަނީ މާކުރިން ބަޔާންކުރައްވަވައިފައެވެ.
އިންސާނުން އުފައްދަވައި ދުނިޔޭގައި ލައްވަވަން މަލާއިކަތް ބޭކަލުން ދެކޮޅު ހެއްދެވީ ކީއްވެގެން ހެއްޔެވެ؟ އެއީ މަލާއިކަތުންނަށް ލިބިގެން ނުވާ އިޚްތިޔާރުތަކެއް އިންސާނުންނަށް ދެއްވަވާފައި ވުމުންނެވެ. މިކަމުގެ ވާހަކަތައް ވަނީ ކީރިތި ޤްރްއާނުގައި ބަޔާންވެގެންނެވެ. އަދި ވަރަށް ގިނަދަރުސްތަކުގައި އެކަމުގެ ވާހަކަތައް ދެކެވެއެވެ. ވީމާ އެބައި މިދަރުސްގައި ދޫކޮށްލާނަމެވެ.
މީސްތަކުން ﷲ ތައާލާ އެންގެވި ގޮތުގައި ދުނިޔޭގައި އުޅުމުން އެކަމަށް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެންވާ ހާލުކޮޅު މިވެނި އެވެނި މީހާގެ ތަޤްވާވެރިކަން ހުރި މިންވަރު ދެކެވަޑައިގަތުމަށް މަލާއިކަތް ބޭކަލުންނަށް ﷲ ތަޢާލާ އަންގަވަތެވެ. ﷲ ތައާލާގެ އެންގެވުމަށް އެބޭކަލުން އިޖާބަދެއްވަވަތެވެ.
ދެން ބަލައިލަންވީ ފަރުދާގެ އަނެއް ފަޅިއަށެވެ. ތިބާގެ އަމަލުތައް ހުރީ ﷲ ތަޢާލާ އެންގެވި ގޮތަށް ނޫން ކަމަށްވެފައި ޝައިޠާނާގެ މަގުގައި ކަމަށް ވެއްޖެނަމަ ﷲ ތަޢާލާގެ ލަޢްނަތާއި ކޯފާ އެމީހަކަށް ލިބިގެންދާނެ މިންވަރާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟ ކުރާ ކޮންމެ ކަމެއްގައި ވެސް ދެކޮޅު އޮންނަ އުޞޫލުން އިންސާނުންގެ އަމަލުތަކާއިމެދުގައިވެސް އެކަން އެހެން އޮންނާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. ނަރަކަ އާއި ސުވަރުގެ ހައްދަވާފައިވުމަކީ މިބުނާ ބަހުގެ ދަލީލެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަހަކީ ރަތްކާޑު ފެހިކާޑަކަށް ބަދަލުކޮށްލުމަށް ލިބޭ އެންމެ އަގު ބޮޑު ފުރުޞަތެވެ. މިހައި ތަނަށް ދުނިޔޭގައި އުޅެވުނު ގޮތުން ލިބެން ޖެހޭ ގަދަފަދަ ޢަޛާބު ސުވަރުގޭގެ މަތިވެރި ނިޢްމަތަށް ބަދަލުކޮށްލުމުގެ ފުރުޞަތު އެންމެ ބޮޑު މަހެވެ. ރަމަޟާން މަހަކީ އެކަމަށް ﷲ ތަޢާލާ ޚާއްޞަ ކުރައްވަވާފައިވާ މަހެވެ. ވީމާ މިހައި ތަނަށް ދުނިޔޭގައި އުޅެވިފައިވަނީ ހިތާމަކުރަން ޖެހޭ ފަދަ ގޮތަކަށް ނަމަވެސް މާޔޫސް ނުވާށެވެ! އަވަހަށް ކާޑު ފުށުންޖަހައިލާށެވެ.
ޝައިޠާނާއަށް ރަތްކާޑު ދައްކައި ފައްސައިލާށެވެ. އަދި ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފަށާށެވެ. އެއިރުން ތިބާގެ ނިތްކުރީގައި ގަދަ އައްޔަކުން ފެހި ކާޑު އަބަދުވެސް އިންނާނީ ދިއްލިފައެވެ. މުޅި ދުނިޔެއިން ކަރަންޓް ކެނޑުނު ނަމަވެސް އެ އަލި ނިއްވައެއް ނުލެވޭނެއެވެ! އަދި ކިއެއްތަ! ނަރަކައިގެ އެ ހޫނު ގަދަ އަލިފާނަށްވެސް އެ ދަންމަރަށް ހަމަ އެއް ގޮތެއްވެސް ހަދައި ނުލެވޭނެއެވެ! ކައިރިވެސް ނުވެވޭނެއެވެ! އެއީ ތިބާ ގިނަގިނައިން ނަމާދުކުރަން ފެށުމުން ނިތްކުރީގައިލާ ކުރަގަނޑެވެ. ނަރަކައިގައި މީހާގެ ހަށިގަނޑު ތާއަބަދު އަނދަމުންދާއިރުވެސް ގައިގެ ހަންގަނޑު ބަދަލުވަމުންދާއިރުވެސް އެ ކުރަގަނޑުގައި އަލިފާނަކަށް ނުހިފޭނެއެވެ!
ވީމާ މި ރޯދަމަހަކީ ޝައިޠާނާއަށް ނޫނެކެވެ ބުނެ ކުރެވުނުހައި ގިނަ ނަމާދުތަކެއް ކުރަން ފަށާ މަހަކަށް ހަދާށެވެ! ރަމަޟާން މަސް ދިއުމުން ވެސް އެ އަޒުމުގައި ގަދައަޅައި މަސައްކަތްކުރާށެވެ.
ކާމިޔާބު ލިބޭނީ ގަދައަޅައި މަސައްކަތް ކުރަން ކެރުނު މީހަކަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ