ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މެމްބަރުކަމުގެ ގޮނޑީގެ ސައްހަކަމުގެ މައްސަލާގައި މިއަދު ބޭއްވި އެންމެ ފަހު އަޑުއެހުމަށް ވަދެ އެ ޝަރީއަތުގެ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ސޫރަ ކުރެހި މީހަކު ޖޫރިމައިނާކޮށްފިއެވެ.
ސުޕްރީމް ކޯޓުން ޖޫރިމަނާކޮށްފައި ވަނީ އާދަމް މަނިކު ނަމަކަށް ކިޔާ އެމްޑީޕީގެ ސަޕޯޓަރެކެވެ. އޭނާ ޖޫރިމަނާ ކުރީ 2،500 ރުފިޔާއިންނެެވެ.
ޝަރީއަތުގެ މަންޒަރު ސިފަވާ ގޮތަށް އޭފޯ ސައިޒުގެ ހުދު ގަނޑެއްގައި އާދަމް މަނިކު ކުރަހާފައި ވަނީ ފަސް ފަނޑިޔާރުންގެ ބެންޗާއި އެ ބެންޗުގެ ގޮނޑިތަކުގައި އިށީންދެވަޑައިގެން ތިއްބެވި ފަނޑިޔާރުންގެ ސޫރަ އެވެ. ފަސް ފަނޑިޔާރުންގެ އިސްތަށިފުޅުން މައްޗަށްވާ ގޮތަށް ފާރުގައި ލިޔެވިފައިވާ ކީރިތި ގުރުއާނުގެ އާޔަތް ވެސް އާދަމް މަނިކުގެ ކުރެހުމުގައި ހިމަނާފައިވެ އެވެ. ޝަރީއަތުގެ މެދުތެރެއިން ކޯޓުގެ އޮފިސަރަކު ވަނީ އާދަމް މަނިކު ކުރެހި ގަނޑާއި ފަންސުފު އަތުލާފަ އެވެ.
އާދަން މަނިކް ކުރެހި ކުރެހުމުގައި ހިމެނޭ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
ޝަރީއަތް ނިމުމާއެކު، ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ޝަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއް ކުރި ކަމަށް ބަލައި އޭނާ ޖުރިމާނާ ކުރިކަން ސުޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާގައި ވަނީ ޝަރީއަތުގެ މަޖިލިސް ހިނގަމުންދަނިކޮށް، ކޯޓުގެ އިޒުނައެއް ނެތި ޝަރީއަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފުވާފަދަ އަމަލެއް މީހަކު ހިންގައިފިނަމަ، ނުވަތަ ޝަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ އެކަމުގެ ކުޑަބޮޑު މިނަށް ބަލައި ތިރީގައިވާ ގޮތުގެ މަތިން ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
އަދި ގެ ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާގެ (ހ) ގައި 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެއެވެ. އަދި އެމާއްދާގެ (ށ) ގައި 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަަކަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަވުރެ، ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރެވުމުގެ އިހްތިޔާރު ކޯޓައް ލިބިގެންވާ ކަމަށް ވެއެވެ
ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި ފަނޑިޔާރުންގެ ސޫރަ ކުރެހި މީހަކު ޖޫރިމަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ