ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަ ވާހަކަ ދޮގުކޮށްފި

ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ޕީޕީއެމްއިން ދޮގުކޮށްފި އެވެ.
ރޭ އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހުލޫފު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވިދާޅުވެފައިވަނީ، ފަނޑިޔާރުންގެ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ފަނޑިޔާރުންގެ އަދަދު އަނެއްކާ ވެސް ހަތަކަށް ބަދަލު ކުރުމަށް ސަރުކާރުން ޕީޕީއެމްގެ މަޖިލީސް މެންބަރުންނަ މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ބަދަލަށް ފަހު ސުޕްރީމް ކޯޓަށް ރައީސް އޮފީހުގެ ލީގަލް އެޑްވައިޒާ އާޒިމާ ޝުކޫރު އައްޔަން ކުރުމަށް ވެސް ރާވަމުންދާ ކަމަށާއި އަދި އުއްތަމަަ ފަނޑިޔާރު ކަމުން އަބްދުﷲ ސައީދު ވަކި ކުރުމަަށް ފަހު އެ މަގާމް އާޒިމާއަށް ދިނުމަށް ރާވާފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. މަހުލޫފް ސިފަ ކުރެއްވި ގޮތުގައި އެ ކަމަކީ ސަރުކާރުން ކުރައްވަން އުޅޭ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ.
މި ވާހަކަތަކަކީ ދޮގެއް ކަމަށް ވިދާޅުވެ ޕީޕީއެމްގެ އެސްޖީ އަބްދުﷲ ހަލީލު ވަނީ މިއަދު ޓްވީޓެއް ކުރައްވާފަ އެވެ. ހަލީލު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އުޅޭކަމުގެ ދޮގު އިދިކޮޅު ފަރާތްތަކުން ފަތުރަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ.
"ހަތަރު އުދަރެސް ފެނުޖެހި ގޮތް ހުސްވުމުން އިދިކޮޅު ފަރާތްތަކުން ނުކުންނަތަން މި ފެންނަނީ ފަސާދަ އުފައްދަން،" ހަލީލު ވިދާޅުވި އެވެ.
ހަލީލު މިހެން ވިދާޅުވިއިރު އިދިކޮޅު ހަތަރު މަޖިލިސް މެންބަރަކު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް އެވެ. އެ މައްސަލައަކީ އެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ