ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވައި ނަމަ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމަށް އިންސާފު ލިބުމަށް ހުރަސް އެޅޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު އޭނާގެ ވައިބާ ޕަބްލިކް ޗެޓް ގްރޫޕުގައި ވިދާޅުވެފައި ވަނީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ މައްސަލައިގަ ވާހަކަދައްކަން ތައްޔާރަށް ހުންނެވިކަމަށް އަދީބު ވިދާޅުވެފައިވާ ދަނޑިވަޅެއްގައި އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އޭރުން ނާޒިމަށް އިންސާފު ލިބުމަށް އޮތް ދޮރު ބަންދުވެ ހުރަސް އެޅުނީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އުމަރު ވިދާޅުވީ އަދީބު ފަރާތްޕުޅުން ލިބޭ ހެކި ބަހަކީ އޭގެ ބާވަތުން ހުވާ ކޮށްގެން ހުރެ ފަނޑިޔާރެއްގެ ކުރިފުޅުމަތީ ހުރެ ދިނުމުން ނޫނީ ގަބޫލު ނުކުރެވޭނެ ހެކި ބަހެއް ކަމަށެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ އަދީބު ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމުގެ ހުއްދަ ދިނުން ދައުލަތަށް ލާޒިމް ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގައިދީން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަންޖެހޭކަމަށް ގާނޫނުގައި ބުނެފައިނުވާނެ ކަމަށާއި ރާއްޖެއިން ދެވެން އޮތް އެންމެ ރަނގަޅަކަށް ބޭސްފަރުވާ ކޮށްދޭންޖެހޭނެ ކަމަށެވެ.
އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގައި ވަނީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ނާޒިމް އާއި އެއްވެސް ގުޅުމެއް ނުވާ ކަމަށާއި އެކަމުގެ ހަގީގަތް ހާމަކޮށްދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައި އެވެ. އެ ސިޓީގެ ކުރިންނާއި ފަހުން އަދީބުގެ ފަރާތްޕުޅުން އާއިލާ އާއި ގާނޫނީ ވަކީލުން ގެންދަވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ބޭނުންވާ ކަމަށާއި ނުގެންދެވިއްޖެ ނަމަ ޖަލުގެ ގޮޅީގައި އޮވެ އަދީބު މަރުވެދާނެ ކަމަށް ބުނެފައި އެވެ.
ތަފާތު ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ “ގްލޮކޮމާ” އެމަނިކުފާނަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވެސް ވަނީ ބުނެފަ އެވެ.
އަދީބު ބޭރަށް ފޮނުއްވައިފި ނަމަ ނާޒިމަށް އިންސާފެއް ނުލިބޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ