ފެނާއި ކަރަންޓުގެ އަގުގެ މައްސަލާގައި ކަމާ ގުޅޭ ވެރިން މަޖިލީހަށް ހާޒިރުކުރަން ނިންމައިފި

މާލެއަށް ވުރެ ބޮޑު އަގުގައި އަތޮޅު ތެރޭގައި ފެނާއި ކަރަންޓްގެ ހިދުމަތްދޭތީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ސްޓެލްކޯއާއި، ފެނަކައިގެ އިސްވެރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރަން މިރޭ ނިންމައިފި އެވެ.
ކޮމިޓީން މިގޮތަށް ނިންމީ މާލެއާއި އަތޮޅުތައް ތަފާތުކޮށްގެން އަސާސީ ހިދުމަތްދޭ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ތިން މެންބަރުން ކަމުގައިވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްއާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
ކޮމިޓީގައި މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ސްޓެލްކޯއާއި، ފެނަކައިގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރަން ނިންމީ ސަރުކާރުގެ މެންބަރުން ވެސް ހިމެނޭ ގޮތަށް ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.
މުއައްސަސާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަން ނިންމީ އަންނަ އަންގާރަ ދުވަހު ބާއްވާ ކޮމިޓީގެ ބައްދަލުވުމަށެވެ.
ކޮމިޓީގައި ވާހަކަދެއްކެވި އިދިކޮޅު މެންބަރުން ވިދާޅުވީ މާލެއާއި އަތޮޅު ތެރޭގައި އަސާސީ ހިދުމަތްތަކުގެ އަގު ތަފާތުކޮށްގެން ދިނުމަކީ ބަލަައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެނެސްގެން ނަމަވެސް އެމައްސަލައަށް ހައްލު ހޯދައިދިނުމަށް މެންބަރުން ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ