ފެންނަނީ ފެެއިލްވެފައި އޮތް ދައުލަތެއްގެ ސިފަތައް: ރައީސް މައުމޫން

ފެެއިލްވެފައި އޮތް ދައުލަތެއްގެ ސިފަތައް ދިވެހި ދައުލަތުން މިއަދު ފެންނަމުންދާކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މާފަންނު ކުނޫޒްގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ފެއިލްވެފައިވާ ދައުލަތްތަކަކުން ފެންނާނެ ސިފަތަކެއް ހުންނަކަމަށެވެ.
އެސިފަތަކަކީ ގާނޫންތަކަށް ހުރިމަތްތެރިކޮށް ނުހިތުމާއި، ކޯޓްތަކުން އިންސާފު ނުލިބުމާއި، އަދި ކޯޓްތަކުން ކުރާ ހުކުމްތަކަށް ސަރުކާރުން ތަބާނުވުމުގެ އިތުރަށް ރައްޔިތަކު މުއައްސަސާތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބެއް ދޭނެ މުއައްސަސާއެއްވެސް ނެތުންކަމަށެވެ.
މިކަންކަން މިއަދު ސަރުކާރުގެ ތެރެއިން ފެންނަމުންދާކަމަށާ އެެހެންކަމުން މިއަދު ފެންނަން އޮތީ ފެއިލްވެފައި އޮތް ދައުލަތެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މީގެ އިތުރަށް ރައީސް މައުމޫން ވިދާޅުވީ މިސަރުކާރު ރައްޔިތުން އިންތިޚާބުކުރި ބޭނުން ނެތިގެއްލި ގޮސްފައިވާކަމަށާ އެހެންކަމުން ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް މިއަދު ނެތްކަމަށެވެ.
"މިހާރު އަޅުގަނޑަށް ފެންނަމުން މިދަނީ ފެއިލްވެފައިވާ ދައުލަތެއްގެ އަލާމާތްތައް. މިއީ ވަރަށް ހިތާމަކުރަންޖެހޭ އަދި ވަރަށް ކަންބޮޑުވާންޖެހޭކަމެއް. މިސާލަކަށް އެއްވެސް ގާނޫނެއް ނުހިނގާ. އެއީ ގާނޫން އަސާސީކަމަށްވިޔަސް އެހެން ގާނޫނެއް ވިޔަސް. އެއާއި އެއްގޮތަށް މީހަކު އަމަލެއް ނުކުރޭ. ދައުލަތެއްގެ ހުންނަންޖެހޭ ކަންތައްތައް، ސިފަތައް، ކޮށްދޭންޖެހޭ ޚިދުމަތްތައް ފެންނަމުންނުދާތީ މިއީ ފެއިލްވެފައިވާ ދައުލަތެއްކަމަށް ބުނަންޖެހޭ. މިއީ ޝަރީޢަތު ގެއްލިފައިވާ ސަރުކާރެއް. ލެޖިޓިމެސީއެއް ނެތް." ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ