މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރުލެއް އަރައިފާނެ އެއްވެސް ކަމަކަށް ތާއީދު ނުކުރާނަން: ގާސިމް އިބްރާހިމް

ދިހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރުލެއް އަރައިފާނެ އެއްވެސް ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ދިމާވެފައިވާ ނުރައްކާތައް ހައްލުކުރުމަށް ބޭރުގެ އަސްކަރީ އެހީ ބޭނުންވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައި އޮނަރަބަލް ގާސިމް އިބްރާހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލަށް ކިތަންމެ ކުޑަ މިންވަރަކަށްވެސް ބުރުލެއް އަރައިފާނެ ގޮތަކަށް ބޭރުގެ އަސްކަރީ ހަރަކާތަކަށް އެމަނިކުފާނުވެސް އަދި ޖުމްހޫރީ ޕާޓީވެސް ތާއީދު ނުކުރާނެ ކަމަށާއި ބައިވެރިވުމެއްވެސް ނޯންނާނެ ކަމަށެވެ.
މިކަމާއިމެދު ބައެއް ބޭފުޅުން އެބޭފުޅުންގެ އަމިއްލަ ވިސްނުންފުޅު ހާމަކުރައްވަމުން ގެންދަވާ ކަމަށާއި ކަމުގެ ބޮޑުކަމާއި ނުރައްކާތެރިކަމުން މިފަދަ ވާހަކައެއް އިއްތިހާދުގެ ތެރޭގައި މަޝްވަރާކުރެވޭގޮތަށް ހިއްސާ ކުރައްވާފައިނުވާތީ ހިތާމަ ކުރައްވާ ކަމަށްވެސް އޮނަރަބަލް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ