ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދުގެ ގޮނޑިވެސް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ޕީޕީއެމުން ވަކިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އިލެކްޝަން ކޮމިޝަނުން އަންގައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު އަބްދުﷲ ޕީޕީއެމް އިން ވަކިކޮށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ އެ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށް ދިނުމަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާ ތެރޭގަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އޭނާގެ މެމްބަރު ކަމުގެ ގޮނޑި ހުސްވެފައިވާކަން ރައްޔިތުންގެ މަޖިލީހަށް ވެސް އަންގާފަ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުން މެމްބަރު އަބްދުﷲ އުނިކޮށްދިނުމަށް އެ ޕާޓީން އެދިފައިވާތީ އެކަން ބެލުމަށްފަހު އެ ޕާޓީގެ މެމްބަރުކަމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ކުރު ހުކުމާ އެއްގޮތަށް މެމްބަރު އަބްދުﷲއާ މެދު ވެސް އަމަލުކޮށްފައިވާ ކަމަށެވެ.
މެމްބަރު އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރައްވާފަ އެވެ. އަދި އޭގެ ފަހުން ޕީޕީއެމްއަށާއި ސަރުކާރަށް ގެންދަވަނީ ފާޅުގައި ފާޑުވިދާޅުވަމުންނެވެ.
މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން ބަންޑާރަނައިބު ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްގެ ކުރިން ޕީޕީއެމްއިން ވަކިކޮށްދިނުމަށް އެދި އޭނާ ވަނީ އެ ޕާޓީއަށް ސިޓީ ވެސް ފޮނުވާފަ އެވެ. ނަމަވެސް އޭރު އެ ޕާޓީން އެކަން ކޮށްފައެއް ނުވެ އެވެ.
މެމްބަރު އަބްދުﷲގެ ގޮނޑި ގެއްލިފައިވާއިރު އިތުރު ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައި ބައި އިލެކްޝަން ބާއްވާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ