ރައީސް ޔާމީން މައްޗަށް އިއްވާފައިވާ ހުކުމަކީ ގާޒީ އަޒުލުކޮށް، ކޮށްފައިވާ ހުކުމެއް: ޑރ.ޝަހީމް

ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް މިނިސްޓްރީގެ ޗާންސެލަރު ޑރ.ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަން ކުރަން ޖެހޭކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް އިއްވާފައި ވާ ހުކުމަކީ، ގާޒީ އަޒުލުކޮށް ކޮށްފައިވާ ހުކުމެއް ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ. "އެ ހުކުމަކީ ބޭ އިންސާފު ހުކުމެއް ކަން އެކަން ކުރި ގޮތުންވެސް ސާފު" ޑރ.ޝަހީމް ވިދާޅުވިއެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެވުނީ މައްސަލަ ބެލި ފަނޑިޔާރު، ހުކުމް އިއްވަން އޮތް ދުވަހު މަޤާމުން ވަކިކުރުމަށް ފަހުގައެވެ. މިގޮތުން އެ ފަނޑިޔާރު ވަކިކޮށް އާ ފަނޑިޔާރުންތަކެއް ލައިގެން މައްސަލަ އަލުން ބެލުމެއް ނެތި، އެންމެ އަޑު އެހުމެއް ބާއްވާފަ ހުކުމް ކުރިއެވެ. ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރެވުނީ ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ނިންމާފައެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ފައިސާ އެމަނިކުފާނުގެ އަމިއްލަ އެކައުންޓުގައި ލޯންޑާ ކުރައްވާފައެވެ. އެކަމާއި ގުޅޭގޮތުން ޑރ.ޝަހީމް ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށާއި ރިޝްވަތު ނެގި މީހުންވެސް އެނގެންޖެހޭ ކަމަށެވެ. އަދި މައްސަލަ މަތިން ތިރިއަށް ބަލަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް ބުނާ 1 މިލިއަން ޑޮލަރު ދައުލަތުގެ ބެލުމުގެ ދަށުގައި އަމިއްލައަށް އިސްނަގައިގެން ބަހައްޓާފައި ވަނިކޮށް ރައީސް ޔާމީން އަށް ހުކުމެއް ކުރުމަކީ 21 ވަނަ ގަރުނުގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އަނިޔާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީ ފައިސާ 200 މީހުން ނެގި ކަމަށް ބުނާއިރު އެމީހުންނާއި އެ ފައިސާ ކޮބައިތޯ ޑރ.ޝަހީމް ސުވާލުކުރެއްވިއެވެ. އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގު ކުރައްވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިނަމަވެސް އެ މައްސަލަ މިހާތަނަށް މާބޮޑަކަށް ތަހުގީގު ކޮށްފައި ނުވެއެވެ. ސަރުކާރަށް ސިޔާސީގޮތުން ޕްރެޝަރު ކުރިމަތިވާ ކޮންމެ ފަހަރަކު ފުލުހުން ނޫނީ ރައީސް އޮފީހުން އެކަމާއި ގުޅޭ ޕްރެސްތައް ބާޢްވާއެވެ. ނަމަވެސް އޭގެ އިތުރަށް އެ މައްސަލައާއި ގުޅޭ މާބޮޑުކަމެއް އަދި ކޮށްފައި ނުވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ