ދިއްދޫ ދާއިރާގެ ގޮނޑީގެ މައްސަލަ ތިން ދުވަސް ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ހުއްދަ ދީފި

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެމައްސަލަ ބަލައިގަތުމަށް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ ބަލައިގަތުމަށް މިއަދު ނިންމާ ތިން ދުވަސް ތެރޭގައި މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ކުރުމަށް އަންފާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދައިރާތަކާއި މެންބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުއާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންއާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް އެވެ. ނަމަވެސް މިދާއިރާ ތަކުގެ ބައި އިލެކްޝަން ބާއްވާނެ ތާރީހު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާންކޮށްފައެއް ނުވެ އެވެ.
ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަަށް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ގުޅިފައިވާ ޕާޓީ ތަކުން ގެންދަނީ ބުނަމުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ