ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖުލައި 19 ގައި ކަނޑައެޅުމުން، އެ 4 މެންބަރުން އެކަމާ ޚިލާފު އުފައްދައި، ޤާނޫނުއަސާސީގެ 74 ވަނަމާއްދާގެ ދަށުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައިދިނުން އެދި، ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން 27 އޯގަސްޓުގައި ނިންމެވިގޮތް ހިމެނިގެންވަނީ، 3 ޞަފްޙާގެ ލިޔުމެއްގައެވެ. އެއީ، އާދައިގެ ނިންމުމެއް ނޫނެވެ. އެއީ "މާސްޓަރޕީސް" އެކެވެ.
ވާދަކުރާ ތަރުޖަމާތައް
ކޮންމެއަކަސް، ސުޕްރީމް ކޯޓުގެ ނިންމުން އައުމުން، އެ ޙުކުމުގެ މާނައާއި ތަރުޖަމާ ކުރާތަން މިފެންނަނީ، އެ މައްސަލައިގެ ދެކޮޅުގައި ތިބިމީހުންނާއި ޕާޓީތަކެވެ.
ގޮނޑި ގެއްލިއްޖެކަމަށް ބުނާމީހުންވެސް ދަލީލު ދައްކަނީ އެ ނިންމުމުންނެވެ. ގޮނޑި ނުގެއްލޭކަމަށް ބުނާމީހުންވެސް ދަލީލު ދައްކަނީ، ހަމަ އެ ނިންމުމުންނެވެ.
ގޮނޑި ގެއްލުނުކަމަށް ބުނާމީހުންނަށް އެކަން ކަށަވަރުވަނީވެސް، ގޮނޑި ނުގެއްލޭކަމަށް ބުނާމީހުންނަށް އެކަން ކަށަވަރުވަނީވެސް، ހަމަ އެ ނިންމުމުންނެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުން، މާސްޓަރޕީސްއަކަށްވާ އެންމެ މައިގަނޑު އެއްސަބަބަކީ، އެއީއެވެ. ދެބައިމީހުންވެސް، އެ ނިންމުމުން ކަށަވަރުކަން ހޯދާތީއެވެ.
އެކަމަކު ޙަޤީޤަތަކީ، ކޯޓެއްގެ ނިންމުމަކުން ނުކުންނަންޖެހޭނީ، ކޮންމެވެސް އެއް ނަތީޖާއެކެވެ. އެހެންޏާ ގޮނޑި ގެއްލިއްޖެކަމެވެ. ނުވަތަ ގޮނޑި ނުގެއްލޭކަމެވެ. މި ދެކަންތައް އެއްތަނެއްގައި، އެއްވަގުތެއްގައި، ޖަމާވެ ނޯންނާނެތީއެވެ.
އެހެންކަމުން، ސުޕްރީމް ކޯޓުގެ އެ ނިންމުން ކޮންމެވެސް އެއްބަޔަކު، ރަނގަޅުނޫން ގޮތަކަށް އެބަ ތަރުޖަމާކުރެއެވެ. ދެކޮޅަށް ދަތުރުކުރާ، ދެކޮޅަށް ވާންކުރާ، ދެ ނިންމުމެއް، އެއް ނިންމުމުގެ ތެރޭގައި އޮވެދާނެހެން ހީނުވާތީއެވެ.
ސުވާލުގެ ޖަވާބު ޚާއްޞަވާ ސަބަބު
ރައްޔިތުންގެ މަޖިލީހުގެ 4 ދާއިރާގެ ގޮނޑި ގުޅިފައިވަނީ، މަދުވެގެން ވިހިހާސް ރައްޔިތުންގެ ސީދާ މަސްލަޙަތާއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެ 4 ދާއިރާގެ ރައްޔިތުން ތަމްސީލުކުރުމަށް، އެމީހުންގެ ވޯޓުން އިންތިޚާބުކޮށް މަޖިލީހަށް ފޮނުވާފައިތިބި 4 މެންބަރުންގެ ގޮނޑި، އީސީގެ 19 ޖުލައިގެ ނިންމުމަށްފަހު، ހަމަ ޙަޤީޤަތުގައިވެސް ހުސްވެއްޖެކަން، އެ 4 ދާއިރާގެ ރައްޔިތުންނަށް އެނގެންޖެހޭތީއެވެ.
ސުޕްރީމް ކޯޓަށް 4 މެންބަރުން ހުށަހެޅި މައްސަލަ މުހިންމުވީ، އެ ސަބަބަކަށްޓަކައެވެ.
އެ 4 ދާއިރާ އިންކުރެ ކޮންމެ ދާއިރާއެއްގެ ރައްޔިތުން ތަމްސީލުކުރަން، އެއިން ކޮންމެ ދާއިރާއަކުން މަޖިލިހަށް ފޮނުވި މެންބަރު އެ މަގާމުގައި ހުރިކަން ނުވަތަ ނޫންކަން އެ ދާއިރާއެއްގެ ރައްޔިތުންނަށް ސާފުވުމަށްޓަކައެވެ. ގޮނޑި ގެއްލިއްޖެކަން ނުވަތަ ނޫންކަން ޔަޤީންކުރުމަށްޓަކައެވެ. ގޮނޑީގެ ވަށައިގެން އުފެދިފައިވާ މައްސަލަތަކަށް (ބައި-އިލެކްޝަނާއި މަޖިލީހުގެ މެންބަރުންކަމަށް ނުބެލުންފަދަ މައްސަލަތަކަށް) ނިހާއީ ފައިސަލާކުރަނިވި ނިންމުމެއް ލިބުމަށްޓަކައެވެ.
ގޮނޑި ނުގެއްލޭކަމަށް ބެލެވޭގޮތަށް ހުރި ނުކުތާތައް
27 އޯގަސްޓްގެ ނިންމުމަށް ބަލާލާއިރު، ގޮނޑި ނުގެއްލޭކަމަށް ބުނާކަމަށް ބުރަވެވިދާނެ ނުކުތާތަކެއް ފާހަގަވެއެވެ.
* ސުޕްރީމް ކޯޓުގެ 13 ޖުލައިގެ ޙުކުމުގައި ކަނޑައަޅާފައިވާ އަޙްކާމުތައް ހިނގާނީ، 13 ޖުލައިގެ ފަހުން ހިނގާ ކަންތައްތަކުގެ މައްޗަށްކަން. (ޞ2 – ފޮޅުވަތް 3)
* 13 ޖުލައިގެ ޙުކުމް އައި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އަޙްކާމުތައް 14 ޖުލައިގެ އަމުރުން އިތުރަށް ކަށަވަރުކޮށްދީފައިވާކަން. (ޞ2 – ފޮޅުވަތް 5)
* އެ ޤަޟިއްޔާއަކީ، އެ ޤަޟިއްޔާގެ ޙުކުމުގެ ތާރީޚުގައި މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ބައެއްގެ މެންބަރުކަމާމެދު ގޮތެއް ކަނޑައަޅާ ޤަޟިއްޔާއެއް ނޫންކަމާއި، އެ ޤަޟިއްޔާގެ ޙުކުމުގެ ފަހުން، މެންބަރުން ޢަމަލުކުރާ ގޮތެއްގެ މައްޗަށް ހިނގާނެ އަޙްކާމުތަކެއް ކަނޑައަޅައިދޭ ޤަޟިއްޔާއެއްކަން. (ޞ2 – ފޮޅުވަތް 7)
* އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، އެ ޤަޟިއްޔާގެ ޙުކުމުގެ ތާރީޚާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މެންބަރުންގެ ތެރެއިން މެންބަރެއްގެ މެންބަރުކަމާމެދު ޚިލާފެއް އުފެދެންޖެހޭ ސަބަބެއްނެތްކަން. (ޞ 2 – ފޮޅުވަތް 9)
* 13 ޖުލައިގެ ޙުކުމާއި 14 ޖުލައިގެ އަމުރުގައި، އެ ޙުކުމުގެ ތާރީޚުން ފެށިގެން އެ ޤަޟިއްޔާގެ އަޙްކާމުތައް ހިންގައި ތަންފީޒުކުރެވޭނެ އިޖުރާޢަތުތައް ބަޔާންކޮށްދީފައިވާކަން. (ޞ3 – ފޮޅުވަތް 1)
* އެހެންކަމަށްޓަކައި، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން އިތުރުގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް.
މިދެންނެވި ފޮޅުވަތްތަކުން ފާހަގަވާގޮތުގައި، އެ ނިންމުމުގައި އެބުނަނީ، އެ 4 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ. ޚާއްޞަކޮށް މިހެން ބުނެފައި އޮތުމުންނެވެ. – 13 ޖުލައިގެ ޙުކުމަކީ، އެ ޙުކުމަށްފަހު މެންބަރުން (އެހެންބައެއް ނޫން) ޢަމަލުކުރާ ގޮތެއްގެ މައްޗަށް ހިނގާނެ އަޙްކާމުތަކެއް ހިމެނޭ ޤަޟިއްޔާއެއްކަން – އެ ޤަޟިއްޔާގެ ޙުކުމް ހިނގާނީ، 13 ޖުލައިގެ ފަހުން ހިނގާ ކަންކަމުގެ މައްޗަށްކަން – އަދި، 14 ޖުލައިގެ އަމުރުންވެސް އެކަން ކަށަވަރުކޮށްދީފައިވާކަން
ގޮނޑި ގެއްލިއްޖެކަމަށް ބެލިދާނެ ނުކުތާތައް
ގޮނޑިގެއްލިއްޖެކަމަށް އިޝާރާތްކުރާ ނުވަތަ ދަލީލުކުރާ އެއްވެސް ޖުމްލައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް، އެ ނިންމުމުގެ ތެރެއިން ފާހަގައެއް ނުކުރެވުނެވެ. މައްސަލައަކީ، އީސީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނަމަވެސް، އީސީގެ ނިންމުމަށް އެއްވެސް ޙަވާލާއެއް ނެތެވެ.
އެހެންނަމަވެސް، ހުށަހެޅި މައްސަލައިގައި ޙައްލަކަށް އެދިފައިވާ ކަންކަމަށް ޙައްލު ހޯދައިދީފައިނުވާތީ، އެ 4 މެންބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ބަލަން ބޭނުންބަޔަކަށް އެކަން ކުރުމަށް އެ ނިންމުމުން، ފުރުޞަތު އެބަލިބިދެއެވެ.
4 މެންބަރުންނާއި އީސީއާ ދެމެދު ޚިލާފުއުފެދުނީ، އީސީން ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުންނެވެ. އޭގެމައްޗަށް ބައި-އިލެކްޝަން ބާއްވަން އީސީން ނިންމުމުންނެވެ. އޭގެމައްޗަށް މަޖިލީހުގެ ރިޔާސަތުން، އެއީ މަޖިލީހުގެ މެންބަރުންކަމަށް ޤަބޫލުނުކުރުމުންނެވެ.
އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ މި ނިންމުމުގައި، އީސީގެ އެ ނިންމުން ބާޠިލުކަމަށް ކަނޑައަޅާފައެއް ނުވެއެވެ. އަދި، 4 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަކަށްވެސް ސާފުބަހުން ބަޔާންކޮށްފައެއް ނެތެވެ.
ޚިލާފު ދެމިގެންދިޔުން
އީސީން ގޮނޑި ގެއްލިއްޖެކަމަށް ކުރިން ނިންމި ނިންމުން، ސުޕްރީމް ކޯޓުން ބާޠިލުކޮށްފައި ނުވާތީ، އީސީން ކުރިން ނިންމި ނިންމުމާއިގެން ކުރިއަށްދިޔުމަށް، މިހާރު އެވަނީ، އީސީން އިއުލާނުވެސްކޮށްފައެވެ.
އީސީން ބައި-އިލެކްޝަނާއިގެން ކުރިއަށްދާނަމަ، ބައި-އިލެކްޝަނަށް ގޮވާނީ، ގޮނޑި ހުސްވީމަތާއެވެ. އަދި، އީސީގެ ނިންމުން އެހެންއައުމުން، އެ 4 މެންބަރުންނަކީ، މެންބަރުންކަމަށް މަޖިލީހުގެ ރިޔާސަތުން ނުބެލުމަކީވެސް، އެއީ ހަމަވަރަށް ގާތްކަމެކެވެ. އެ 4 މެންބަރުން، އެމީހުންގެ ގޮނޑި ގެއްލިފައި ނުވާކަމަށް ކިތަންމެވަރަކަށް ޤަބޫލުކުރިނަމަވެހެވެ.
މިކަންކަން މިހެންހުރުމުން، ސުޕްރީމް ކޯޓުގެ 27 އޯގަސްޓުގެ ނިންމުމަށްފަހުވެސް، މި މައްސަލަ އަނެއްކާވެސް، އިހުއޮތްތަނަށް ރުޖޫޢަވެ، ޙައްލުނުވާ މައްސަލައެއްގެ ގޮތުގައި ދިގުދެމިގެން ދިޔުމުގެ ފުރުޞަތު ބޮޑެވެ.
ނިންމުން
މިވަގުތު ފާހަގަކޮށްލަން ބޭނުންވަނީ، ސުޕްރީމް ކޯޓުން 8 ނޮވެމްބަރު 2010 ގައި ނެރުއްވި ރޫލިންގ ގައި އެ ކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާއެކެވެ. އެ ރޫލިންގގެ 3 ވަނަ ނުކުތާއެވެ.
* ޝަރީޢަތުން އިއްވާ ޙުކުމްތަކަކީ، ޤާނޫނުގެ ޙުކުމްތަކަކަށްވެފައި، އެ ޙުކުމްތަކަކީ، އޭގެޒާތުގައިވެސް، ފައިސަލާކުރަނިވި ޙުކުމްތަކަކަށް ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން ވާންޖެހޭކަން.
* ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކަކީ، ދެފަރާތެއްގެ ދެމެދުގައި އުފެދޭ ދެބަސްވުންތަކެއް ނުވަތަ ޚުސޫމަތެއް ޙައްލުކުރުމަށްޓަކައި ފައިސަލާކުރަނިވި ނިޔާއަކަށް އެދި ހުށަހެޅޭ މައްސަލަތަކަކަށްވާތީ، އެ މަޤްޞަދު ހާސިލުނުވާގޮތަށް ޙުކުމް އިއްވިކަމުގައި ވީނަމަވެސް، އެއީ އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރެވުނީކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނުދެކޭކަން.
ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ