ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ގާސިމް އިބްރާހީމް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ފައިސަލް ނަސީމު އެވެ.
މީގެއިތުރުން ގުޅިފައިވާ ޕާޓީ ތަކުގެ އިސް ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި ގާސިމް އިބްރާހީމްގެ އާއިލާގެ ބޭފުޅުން ވެސް ވަނީ އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ކިޔާފަ އެވެ.
ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ ސިއްހީ މައްސަަލަތަކަށް ފަރުވާ ހޯއްދެއްވުމަށްޓަކައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ. ގާސިމް އިބްރާހީމް އެންމެ ފުރަތަމަ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. އަދި އޭގެ ފަހުން އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް މިއަދާ ހަމައަށް އެމަނިކުފާނު ހުންނެވީ ޖަރުމަންގަ އެވެ.
ގާސިމް އިބްރާހީމް މިއަދު ރާއްޖެ ވަޑައިގެންފައި މިވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ނިންމާ ހުކުމެއް ކުރަންދެން އެމަނިކުފާނު މިނިވަންކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ހައިކޯޓުން އަމުރުކޮށްފައިވަނިކޮށެވެ.
ގާސިމް އިބްރާހީމްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވެސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މާލޭގައި 2015 ވަނަ އަހަރުގެ މޭޑޭ އާއި ގުޅިގެން ބޭއްވި ބޮޑު މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށް ފަހުން މިނިވަންކުރުމުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މިއަދާ ހަމައަށް އަލީ ވަހީދުވެސް ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
ގާސިމް އިބްރާހީމް މިއަދު ރާއްޖެ ވަޑައިގެން މާލެއަށް ފައިބައި ވަޑައިގެންނެވި ވަގުތު އެމަނިކުފާނަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވަނީ މާލެއިން ވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ