ވޯޓު ލިސްޓުތައް ސުޕްރީމް ކޯޓަށް ހުށަހަޅައިފިން: އިލެކްޝަންސް

ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލި މީހުންގެ ލިސްޓާއި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.
ލިސްޓުތައް ހުށަހެޅުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް އަށް އަމުރުކޮށްފައި ވަނީ، މި މަހުގެ ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކޮށް އަލުން ވޯޓު ނެގުމަށް ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލައިގެ ތިން ވަނަ އަޑުއެހުމުގައި، މިދިއަ ބުރާސްފަތިދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް "ހަވީރަ"ށް ވިދާޅުވީ ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ލިސްޓުތައް ފޮނުވަން ފަށާފައިވާ ކަމަށެވެ. އެންމެ ފަހުން 130 ފޮށީގެ ލިސްޓު ފޮނުވީ މިއަދު ކަމަށް ވެސް އޭނާ ވިދާޅުވ އެވެ.
"ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 340 ލިސްޓު ފޮނުވައި ބާކީ 130 ލިސްޓު މިއަދު 12 ގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅާނަން، މިހާރު ލިސްޓުތައް ވަނީ ފޮނުވާފައި،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ލިސްޓުތައް ފޮނުވަނީ ކޮޕީ ހެދުމަށް ފަހު އެވެ. އެ ކޮމިޝަނުގައި އޮރިޖިނަލް ލިސްޓުގެ އެއްވެސް ކޮޕީއެއް ނެތުމާ އެކު ކޯޓަށް އޮރިޖިނަލް ލިސްޓު ފޮނުވަނީ ކޮމިޝަންގައި ކޮޕީއެއް ބޭއްވުމަށް ފަހު ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
އިންތިހާބުގައި ވޯޓުލީ މީހުންގެ ލިސްޓު ޖުމްހޫރީ ޕާޓީ އަށް ދެއްކުމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ލިސްޓު ދައްކާފައި ނުވާ ކަމަށް އެ ޕާޓީން ބުނާ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދޮގުކޮށްފަ އެވެ.
ފުއާދު ވިދާޅުވީ ސާބިތު ހިފޭ ހެއްކެއް ނެތި އިންތިހާބާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުކުރަމުން ދަނިކޮށް، ވޯޓުލީ މީހުންގެ އޮރިޖިނަލް ލިސްޓު ވަކި ޕާޓީއެއްގެ 25 މީހުންގެ އަތް މައްޗަށް ދޫކޮށްލުމަކީ އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ ކޮމިޝަނުން އެދުނީ އެ ކޮމިޝަނުގެ މުވައްޒަފުންގެ ހާޒިރުގައި ލިސްޓު ބެލުމަށް ކަމަށާއި އެ ފުރުސަތު ޖުމްހޫރީ ޕާޓީ އަށް ފަހިކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައާ ގުޅިގެން ލިސްޓު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެންގި ނަމަވެސް އެ ލިސްޓު ޖުމްހޫރީ ޕާޓީ އަށް ދެއްކުމާ މެދު ކޯޓުން ގޮތެއް ނިންމާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ