ފަންޑް ލިބޭނެ ގޮތެއް ނެތިގެން ކެއާ ސޮސައިޓީގެ ސްކޫލް ބަންދުކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ކެއާ ސޮސައިޓީން ހިންގާ ސްކޫލް ސީޑީސީ ހިންގޭނެ ގޮތެއް ނެތުމުން މި އަހަރަށް ފަހު ހުއްޓާލަން ޖެހިދާނެ ކަމަށް އެ ޖަމިއްޔާ އިން ބުރާސްފަތިދުވަހު ބުނެފި އެވެ.
ފަންޑް ލިބޭނެ ގޮތެއް ނެތި ކުރިމަތިވެފައިވާ ބޮޑެތި ދަތިކާ ގުޅިގެން ސީޑީސީ ބަންދުކުރާތީ އެ ތަނުގެ ދަރިވަރުންގެ ބެލެނިވެރިން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހު ހަވީރު އާޓިފިޝަލް ބީޗުގައި އިހުތިޖާޖުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ކެއާ ސޮސައިޓީގެ ޑައިރެކްޓަ އޮފް ޕްރޮގްރާމްސް އައިޝަތު ލޫބާ ވިދާޅުވީ މިހާރު ސީޑީސީ ހިންގަމުން އަންނަ އިމާރާތުގެ މުއްދަތު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
ސީޑީސީގައި ރަޖިސްޓްރީކޮށްފައިވާ 41 ކުދިންގެ ތެރެއިން ކުއްޖެއްގެ ބެލެނިވެރިއެއް ކަމަށްވާ އަމީނާ މުހައްމަދު ބުނީ ސީޑީސީ އިމާރާތުގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާ ގުޅިގެން ކުލީގެ ގޮތުގައި މަހަކު 50،000ރ. ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް އެހާ ބޮޑު އަދަދެއް ކުއްޔަށް ދީގެން ގިނަ ދުވަހު ތިބެވެން ނެތުމުން އިތުރު ގޮތެއް ހޯދަން ކެއާ ސޮސައިޓީ އާއި ބެލެނިވެރިން މަސައްކަތްކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް އަމީނާ ބުންޏެވެ.
ނަމަވެސް އޭނާ ބުނީ މިހާތަނާ ޖެހެންދެން ވެސް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
"ކުއްޔާއި އެހެން ހަރުދުތަކާ އެކު ގާތްގަނޑަކަށް ސީޑީސީ އަށް މަހަކު 250،000ރ. ހޭދަވާނެ. އެ ފައިސާ އަޅުގަނޑުމެން މި ހޯދަނީ އެހީ ދޭ ފަރާތްތަކުން. ނަމަވެސް އެހީ ދޭން ރާއްޖޭގައި މި ތިބެނީ އެއް ބައެއް. މިހާރު އެހީ ހޯދަން ދާނެ ތަނެއް ނެތް. ގޮތް ހުސްވެއްޖެ،" އަމީނާ ބުންޏެވެ.
ސީޑީސީ ހިންގަން އެމްޑީޕީގެ ސަރުކާރުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކެއާ ސޮސައިޓީ އަށް ދިން ހ. ސީވިއުގެ މުއްދަތު 35 އަހަރަށް އިތުރުކޮށްދިނުމަށް މިހާރުގެ ސަރުކާރުން ނިންމި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާތީ އެ ތަނުގެ ބޭނުން ކުރެވޭނެ މަގެއް ފެނިފައި ނުވާ ކަމަށް ލޫބާ ވިދާޅުވި އެވެ.
"ކުރީގެ ސަރުކާރުން ފަސް އަހަރު ދުވަހަށް ދިނީ އިމާރާތަށް އެއްވެސް ބަދަލެއް ނުގެނެވޭ ގޮތަށް. ނަމަވެސް އެ އިމާރާތަކީ އިންސާނުން އުޅެވޭ ވަރަށް ހުރި ތަނެއް ނޫން. އަނެއްކޮޅުން ފަސް އަހަރުގެ ކުރު މުއްދަތެއްގައި އެ ތަނަށް އިންވެސްޓްކުރާނެ ބަޔަކު ވެސް ނުވާނެ. މި ސަރުކާރުން 35 އަހަރަށް ދޭން އެއްބަސްވީ އަނގަ ބަހުން. ނަމަވެސް ފަހުން ހައުސިން މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނަނީ ފަސް އަހަރަށް މުއްދަތު ދިގުވާ ގޮތަށް އެއްވެސް ކަމެއް އަ ތަނުގައި ނުކުރުމަށް،" ލޫބާ ވިދާޅުވި އެވެ.
އަމީނާ ބުނީ މިހާތަނާ ޖެހެންދެން ބެލެނިވެރިންނާއި ކެއާ ސޮސައިޓީން ވެސް މަސައްކަތްކުރީ ޖަމިއްޔާ އަށް އިމާރާތެއް ހޯދަން ނޫން ކަމަށާއި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިން ކިޔަވާނެ ސްކޫލެއް ހޯދުމަށް ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"އެކުދިންގެ ވެސް ހައްގުތަކެއްވޭ. އެ ކުދިންނާ ބެހޭ ގާނޫނުގައި ވެސް ކަނޑައެޅިގެން އޮވޭ އެހެން މީހުންނެކޭ އެއްގޮތަށް ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް ހޯދައިދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށް. އާންމު ސްކޫލުތަކަށް ކުދިންނާ އެކު އެކުދިން ކިޔަވަން ފޮނުވުމުން ދިމާވާ ބޮޑެތި މައްސަލަތަކެއް އެބަހުރި. ތަފާތުކުރުންތަކާއި އެ ނޫން ވެސް ހުރަސްތައް އެބަހުރި. އެހެންވީމާ އެ ކުދިންނަށް ހާއްސަ ސްކޫލެއް ހުރުން މުހިންމީ. ކެއާ ސޮސައިޓީން މިހާތަނަށް މިކަން ކުރަމުން އައީ،" އަމީނާ ބުންޏެވެ.
"ސީޑީސީ ބަންދުކުރުމުން ދެން ކިހިނެއްތޯ ހަދާނީ؟ ކޮން ތާކަށްތޯ އަޅުގަނޑުމެންގެ ދަރިން ގެންދާނީ؟"
ލޫބާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވޭނެ އިންތިޒާމެއް ރާއްޖޭގެ ސްކޫލުތަކުގައި ނެތް ކަމަށާއި އިމާދުއްދީނުގައި ހިންގާ ކްލާސްތަކުގެ ވެއިޓިން ލިސްޓްގައި ވެސް 50 ހަކަށް ކުދިން މިހާރު ވެސް ތިބި ކަމަށެވެ. އަދި އެތަނުގައި ވަސީލަތްތައް ހުރި ގޮތުން އެ ކްލާސްތަކަށް ނުގެންދެވޭ އެތައް ކުދިންނަކަށް ވެސް ސީޑީސީން ފުރުސަތު ލިބިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޑީސީ ބަންދުކޮށްފި ނަމަ އެތައް ކުދިންނެއް ތައުލީމާއި ހުނަރު ދަސްކުރުމުގެ ހައްގުން މަހުރޫމްވާނެ ކަމަށް ކެއާ ސޮސައިޓީން ބުނެ އެވެ.
"އަޅުގަނޑުމެންނަށް މައްސަލައެއް ނެތް އެކުދިންނަށް ކިޔެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކޮށްދެނިކޮށް. އެ ކުދިންނަށް ހާއްސަ ވަސީލަތްތައް ހިމެނޭ ތަނެއް ގާއިމުކޮށްދެނިކޮށް،" ލޫބާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ