ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ނެތަސް އިސްތިއުނާފުކުރެެވޭނެ: ސުޕްރީމް ކޯޓް
މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓް ނުލިބި އޮތް ނަމަވެސް އެ މައްސަލައެއްގައި ހުކުމް ކުރާއިރު ދޫކުރާ ހުލާސާ ރިޕޯޓް އެކަނި ހުށަހެޅުމުން ވެސް އިސްތިއުނާފުކުރުމަށާއި އިލްތިމާސްކުރުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ބަލައިގަންނާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ. މ.ފެއާރީ ކޯނާ އަލީ ޝިފާން މަރާލި މައްސަލާގައި ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވުމުން އެ ހުކުމް އިސްތިއުނާފުކުރުމަށް ހުށަ ނޭޅިފައި ވަނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުން ނުލިބިގެން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްއާ ހަވާލާދީ "ހަވީރު" ގައި ރިޕޯޓްކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން ބުނީ މައްސަލަތައް ނިންމުމަށް ފަހު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ނުލިބި ލަސްވެ، އިސްތިއުނާފުކުރުމުގެ ހައްގަށް އުނިކަން އަންނާތީ އެ ރިޕޯޓް ނެތި ވެސް އިސްތިއުނާފަށް ބަލައިގަނެވޭނެ ކަމަށް އާންމު ސިޓީއަކުން 2010 ވަނަ އަހަރު އަންގާފައި ވާނެ ކަމަށެވެ.މާޗް 21، 2010 ގައި ހައި ކޯޓާއި މާލެ އާއި ރަށު ކޯޓުތަކަށް އަދި އެޓާނީ ޖެނެރަލް އާއި ޕްރޮސިކިއުޓާ ޖެނެރަލް އަށް ކޮޕީކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފޮނުއްވާފައިވާ އެ ސިޓީގައި ވިދާޅުވެފައި ވަނީ ކޮންމެ މައްސަލައެއްގައި ވެސް ހުކުމް ކުރާއިރު އެ މައްސަލާގައި ފާހަގަކުރެވުނު ނުކުތާތަކާއި އެ މައްސަލައެއްގައި ކޮށްފައިވާ ހުކުމް ހިމެނޭ ހުލާސާ ރިޕޯޓެއް، ހުކުމް ކުރާ ދުވަހު ދޫކުރަން ވާނެ ކަމަށެވެ. އަދި އެގޮތަށް ދޫކުރާ ހުލާސާ ރިޕޯޓާ އެކު ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފި ނަމަ އަދި ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއް ބަލައިގަތުމަށް ވެސް އެ ސިޓީގައި އަންގަވާފައިވެ އެވެ. މީގެ އިތުރުން މައްސަލައިގެ ހުލާސާ ރިޕޯޓަށް އެދޭ ފަރާތްތަކަށް ގިނަވެގެން 10 ދުވަހުގެ ތެރޭގައި ކޯޓުން އެ ރިޕޯޓް ދޭން ޖެހޭނެ ކަމަށް ވެސް ވަނީ އަންގަވައިފަ އެވެ.ސިޓީގައި ވަނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ނެތި ހުލާސާ ރިޕޯޓާ އެކު އިސްތިއުނާފަށް އަދި އިލްތިމާސް އަށް ހުށަހަޅާ މައްސަލަތައް މަތީ މަރުހަލާގެ ކޯޓަކަށް ބަލައިގަނެ، އެ މައްސަލައެއްގެ ފައިލް ފޮނުވަން އަންގައިފި ނަމަ ގިނަވެގެން 10 ދުވަސް ތެރޭ ދަށު ކޯޓުން، އެ މައްސަލަ ބަލާ މަތީ މަރުހަލާގެ ކޯޓަކަށް ފައިލް ފޮނުވަން ޖެހޭނެ ކަމަށެވެ. ކޯޓުތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ދަށު ކޯޓުން ނިންމާ މައްސަލައެއް ނިމޭ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓް ކަމުގެ މަސްލަހަތު އޮތް ފަރާތްތަކަށް ލިބޭނެ އިންތިޒާމް އެ ކޯޓަކުން ހަމަޖައްސަން ވާނެ ކަމަށެވެ. ނަމަވެސް ޝިފާންގެ މަރުގެ މައްސަލާގައި މިއަދު ރިޕޯޓް ދޫކޮށްފައި ވަނީ ދެ މަސް ދުވަސް ފަހުންނެވެ. މައްސަލަ އިސްތިއުނާފުކުރުން ވަރަށް ބޮޑަށް ލަސްވެފައި ވާއިރު އެ މައްސަލާގައި ދައުވާ ލިބުނު މުހައްމަދު ޝައިފަށް އަށް ބަޔަކު އިއްޔެ ވަނީ ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފަ އެވެ. ފުލުހުން ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވިޔަސް އެއީ ކުށް ސާބިތުވާ ވަރުގެ ހެއްކާ އެކު ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ