ދައުލަތުން ދައުވާކުރާ ޖިނާއީ މައްސަލަތަކުގައި ފަނޑިޔާރުންނަށް ދައުވާގެ ސިފަ ބަދަލު ކުރުމުގެ ބާރު ލިބިގެންނުވާ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
މީގެ ކުރިން ބައެއް ބޮޑެތި މައްސަލަތަކުގައި ދައުލަތުން ކޮށްފައިވާ ދައުވާގެ ސިފަ ބަދަލު ކުރުމަށްފަހު ކްރިމިނަލް ކޯޓު އަދި ޖުވެނައިލް ކޯޓުން ވެސް ހުކުމްކޮށްފައި އެބަހުއްޓެވެ. އެގޮތުން އއ. ހިމަންދޫގައި ސިފައިންނާ ދެކޮޅަށް ބަޔަކު ހަނގުރާމަ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކުރުމުން އެ ދައުވާ ބަދަލު ކުރުމަށްފަހު ހުކުމް ކޮށްފައިވެ އެވެ. އަދި އަބްދުﷲ ފަރުހަދުގެ މަރުގެ މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުވާ ކުރުމުން ވެސް ދައުވާގެ ސިފައަށް ބަދަލު ގެނައުމަށްފަހު ހުކުމްކޮށްފައިވެ އެވެ. އެގޮތަށް ދައުވާ ބަދަލު ކުރުމަށްފަހު ކޮށްފައިވާ ހުކުމްތަކަށް މީގެ ކުރިން ހައި ކޯޓުން ވެސް ތާއީދުކޮށްފަ އެވެ.
ދައުވާގެ ސިފަ ކޯޓުތަކަށް ބަދަލު ނުކުރެވޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ހުކުމް ކޮށްފައި މި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ޒިނޭގެ މައްސަލައެއްގަ އެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ ޒިނޭގެ ދައުވާ ސާބިތުނުވި ނަމަވެސް ބަދުއަހުލާގީ ކުށް އެ މައްސަލައިގައި ސާބިތުވާނެ ކަމަށެވެ. ނަމަވެސް އެ އޮފީހުން އެ މައްސަލައިގައި ކޮށްފައި ވަނީ ޒިނޭގެ ދައުވާ އެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެ މައްސަލައިގައި ކުށް ސާބިތު ކުރުމަށްޓަކައި ޖެހޭނީ ދައުވާގެ ސިފަ ފަނޑިޔާރު ބަދަލުކުރަން ކަމަށެވެ. ނަމަވެސް ދައުލަތުގެ އިސް ނެގުމަކާ ނުލައި ފަނޑިޔާރު އަމިއްލައަށް ދައުވާގެ ސިފަ ބަދަލު ކުރުމަކީ ފަނޑިޔާރުންނަށް ލިބިދޭ ބާރެއް ކަމަށް އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައިނުވާ ކަމަށެވެ.
ދައުލަތުން ކުރާ ދައުވާ ނޫން ބަދަލު ކުރުމަށްފަހު މައްސަލަ ނިންމުމަކީ ބައެއް އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ. ނަމަވެސް އެގޮތަށް ދައުވާ ބަދަލު ކުރަނީ އެއީ އިންސާފު ގާއިމް ކުރުމަށް މުހިން ކަމެއް ކަމުގައި ބެލުމަށްފަހު ކަމަށާއި އެގޮތަށް އަމަލު ކުރަމުން އަންނަ ގައުމަތުގައި ދައުވާގެ ސިފަ ބަދަލު ކުރުމުގެ ބާރު އިޖްރާއީ ގާނޫނަކުން ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށެވެ.
ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމާއި ދައުވާގެ ސިފަ ބަދަލު ކުރުން ފަދަ ކަންކަމަކީ ޕީޖީގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެހެންކަމުން ޕީޖީގެ އެދުމެއް ނެތި ފަނޑިޔާރުންގެ އަމިއްލަ އިސް ނެގުމަކަށް ދައުވާގެ ސިފަ ބަދަލު ކުރުމުގެ ފުރުސަތު އޮތް ނަމަ އެއީ ޕީޖީގެ މަސްއޫލިއްޔަތު ފަނޑިޔާރުން އަދާ ކުރުން ކަމަށް ބެލެވޭ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
އެ ހުކުމުގައި ބުނެފައި ވަނީ އެ މީހެއްގެ މައްޗަށް ހުށަހަޅާފައިވާ ކުށަކީ ކޮބައިކަން އެނގުމާއި ކުށުން ބަރީއަވުމަށްޓަކައި ދިފާއު ހުށަހެޅުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ އަމިއްލަ އިސްނެގުމަށް ދައުވާ ބަދަލު ކުރުމުގެ ފުރުސަތު އޮތް ނަމަ އެއީ ގާނޫނު އަސާސީން ލިބިދީފައިވާ އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ ކުށަކީ ކޮބައިކަން އެނގުމުގެ ހައްގާއި ދިފާއު ހުށަހެޅުމުގެ ހައްގަށް އުނިކަން ލިބިދާނެ ކަމެއް ކަމަށް ހައި ކޯޓުން ފާހަގަ ކޮށްފައިވެ އެވެ.
ހައި ކޯޓުގެ އެ މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ފަނޑިޔާރުންނަށް ދައުވާގެ ސިފަ ބަދަލު ކުރުމުގެ ބާރު ލިބިގެންނުވާ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ