ބެންޗުގެ މައްސަލަ ބަލައި ނިމެންދެން ނަޝީދުގެ ޝަރީއަތް ހުއްޓާލަން ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާގެ ޝަރީއަތް ހިންގާ ފަނޑިޔާރުންގެ ބެންޗުގެ ސައްހަކަމުގެ މައްސަލަ ބަލައި ނިމެންދެން ހުޅުމާލޭ ކޯޓުގައި ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންދަން ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ. ހައި ކޯޓުން އެގޮތަށް އަމުރުކުރީ ހުޅުމާލޭ ކޯޓުގެ ބެންޗަކީ ގާނޫނާއި ހިލާފަށް އެކުލަވާލާފައިވާ ބެންޗެއް ކަމަށް ކަނޑައަޅައިދިނުމަށް ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުންނެވެ. ހައި ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައިވަނީ އެ މައްސަލައިގައި ހައި ކޯޓުން ވަކިގޮތެއް އަންގަންދެން ހުޅުމާލޭ ކޯޓުގައި ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުކުރަންޖެހޭ ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން އެކަމުގައި ހައި ކޯޓުން ވަކިގޮތެއް ނިންމަންދެން ނުވަތަ ވަކި އެއްޗެއް އަންގަންދެން ހުޅުމާލޭ ކޯޓުގައި ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންދަން އަންގައި އަމުރުކުރާ ކަމަށް އިސް ފަނޑިޔާރު އަހުމަދު ޝަރީފް ސޮއި ކުރައްވައި ނެރުއްވި އެ އަމުރުގައިވެ އެވެ. "ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ ހުޅުމާލޭ ކޯޓުގެ ބެންޗާ ގުޅޭ މައްސަލައިގައި ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ދިވެހިރާއްޖޭގެ ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު (ގަޟިއްޔާ ނަމްބަރު) ގަޒިއްޔާގެ އަޑުއެހުން ކުރިއަށް ނުގެންދިއުމަށް އަންގައި އަމުރުކޮށްފީމެވެ." އެ އަމުރުގައިވެ އެވެ. ހައި ކޯޓުން އެގޮތަށް އަމުރު ނެރުނުއިރު އަންނަ ބުރާސްފަތި ދުވަހު ނަޝީދު ޝަރީއަތް ބޭއްވުމަށް ހުޅުމާލޭ ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ. ނަޝީދުގެ ޝަރީއަތް ހުއްޓާލަން މީގެ ކުރިން ވެސް ހައި ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. އޭރު އެގޮތަށް އަމުރުކުރީ ނަޝީދު ފަރާތުން ހުޅުމާލޭ ކޯޓުގައި ނެގި އިޖްރާއީ ނުކުތާތަކާ މެދު އެ ކޯޓުން ނިންމި ގޮތާމެދު ހިތްހަމަނުޖެހިގެން އެ ނުކުތާތައް ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. ނަމަވެސް އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ހުކުމްކޮށްފައިވަނީ ހުޅުމާލޭ ކޯޓުގެ އެ ނިންމުންތަކަށް ތާއީދުކޮށެވެ. ހުޅުމާލޭ ކޯޓުގެ ބެންޗު ސައްހަކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވެސް ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ