ވަކީލުންގެ އިންތިޚާބާ ގުޅިގެން ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، ކޮންމެ ރަށެއްގައި ހުރެގެން އެ އިންތިޚާބުގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސަން އަންގާފައިނުވާ ކަމަށާއި އެގޮތަށް އަމަލުކުރާ ނަމަ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމަށް އެ އިންތިޚާބުގައި ވާދަ ކުރައްވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އެ އިންތިޚާބުގައި ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސޭނީ އެ ރަށެއްގައި ވޯޓުލުމަށް މަދުވެގެން ފަސް މީހުން ރަޖިސްޓްރީ ކުރުމުން ކަމަށް އެ އިންތިޚާބާ ބެހޭ އުސޫލުގައި ކުރިން އޮތެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ މާއްދާ ބާތިލްކޮށްފަ އެވެ.
އެ އަމުރާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މި މަހުގެ 21 ގައި ބާއްވަން އޮތް އެ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށް، އެ އިންތިޚާބާ ބެހޭ އުސޫލު ވެސް ބާތިލްކޮށްފަ އެވެ.
ޝަމީމް މިއަދު ނެރުއްވާފައިވާ ބަޔާނެއްގައިވަނީ ކޮންމެ ރަށެއްގައި ވޯޓުލެވޭ ގޮތް ހެދުމަށް ނުވަތަ ކޮންމެ ރަށެއްގައި ވޯޓު ފޮށްޓެއް ބެހެއްޓުމަށް ކޯޓު އަމުރުގައި އަންގާފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ސުޕްރީމް ކޯޓުން ބޭނުންވާ ނަމަ އެ އަމުރުގައި އެ ވާހަކަ ބަޔާންކޮށްފައި އޮތީސް ކަމަށާއި އެގޮތަށް ނެތުމުން ކޮންމެ ރަށެއްގައި ވޯޓު ލެވޭ ގޮތް ހެދުމަކީ އެ ކޯޓުން ބޭނުންވާ ގޮތް ނޫން ކަން ސާފުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ސުޕްރީމް ކޯޓަކީ ދުސްތޫރީ ބެލެނިވެރިކަން ލިބިފައިވާ ފަރާތް ކަމަށްވާތީ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެއްވުމަކީ ސުޕްރީމް ކޯޓުގެ އެންމެ އިސް މަސްލަހަތު ކަމާ މެދު ޝައްކު ކުރާނެ އެއްވެސް މީހަކު ނުހުންނާނެ އެވެ،" ޝަމީމްގެ އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މީގެ "ކުރީ ފަހަރުތަކުގެ" ވަކީލުންގެ އިންތިޚާބުގައި އަމަލުކޮށްފައިވާ ގޮތަށް އަމަލުކުރަން އެ އަމުރުގައި އަންގާފައިވާތީ ވެސް އެކަން އިތުރަށް ޔަގީންވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެއީ ކުރީ ފަހަރުތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ވޯޓު ފޮށްޓެއް ބަހައްޓައިގެން ކަމަށްވާތީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ޝަމީމް ވިދާޅުވެފައިވާ ގޮތުގައި އެއްވެސް މީހަކު ހުރި ރަށެއްގެ ސަބަބުން އެ މީހަކަށް ވޯޓު ދިނުމުގެ ހައްގު ގެއްލުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު މިހާރު އޮތްގޮތުން ވޯޓުލާން ޖެހޭނީ ފެކްސް މެދުވެރިކޮށް ކަމަށާއި އެހެންވެއްޖެ ނަމަ އޭގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ އަމުރުގައި އޮތް ގޮތަށް ވޯޓުލުމަށް ރަޖިސްޓްރީ ނުކޮށް ވޯޓުލުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިހާރު ކޮށް އުޅޭ ކަމެއް ނޫން ކަމަށް ވެސް ޝަމީމްގެ އެ ބަޔާނުގައިވެ އެވެ. އެއީ އެކަކަށް ދެ ފަހަރަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމަށާއި ވޯޓުލުމުގެ ހައްގު އޮންނަ މީހުންނަށް ވޯޓު ލެވޭނެކަން ކަށަވަރު ކުރުމުގެ ބޭނުމުގައި އޮންނަ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ވަކި ތަނަކަށް ރަޖިސްޓްރީ ނުވެ ހުޅުވާލުމަކީ އެކަކަށް ދެ މަރުކަޒަށް ނުވަތަ އެއަށް ވުރެ ގިނަ މަރުކަޒުތަކަށް ވޯޓުލުމަށް މަގުފަހިވާނެ ކަމެކެވެ. އެހެންވެއްޖެ ނަމަ ވޯޓުގެ ނަތީޖާ އަށް ގާނޫނާ ޚިލާފް އަމަލުތަކެއްގެ ތެރެއިން ނުފޫޒު ފޯރުވައި، ވޯޓުގެ ނަޒާހަތްތެރިކަން ގެއްލޭނެ އެވެ،" ޝަމީމް އެ ބަޔާނުގައިވެ އެވެ.
ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތްވުމާއި އެކަކަށް ދެ ފަހަރަށް ވޯޓު ލެވޭ ގޮތްވުމަކީ ވޯޓުގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށްވާތީ އެ އިންތިޚާބާ ބެހޭ އުސޫލު އަލުން އެކުލަވާލާއިރު އެކަމަށް ސަމާލުކަން ދިނުމަށް އެ ބަޔާނުގައި ޝަމާމް ވަނީ ގޮވާލައްވައިފަ އެވެ.
މިމަހުގެ 21 ގައި ބާއްވަން އޮތް އެ އިންތިޚާބު ފަސްކުރި ނަމަވެސް އެ އިންތިޚާބު ދެން ބާއްވާނެ ތާރީޚެއް ބަންޑާރަ ނައިބުގެ އޮފީހުން މިހާތަނަށް އިއުލާނެއް ނުކުރެ އެވެ. މިއީ ހަތަރު ކެންޑިޑޭޓުން ވާދަ ކުރައްވާ އެ އިންތިޚާބު ފަސްކުރި ދެ ވަނަ ފަހަރެވެ.
މީގެކުރިން މިދިޔަ މަހުގެ 13 ގައި އެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނިކޮށް އޭރު އިންތިޚާބު ފަސްކުރީ އެ އިންތިޚާބާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
ވަކީލުންގެ އިންތިޚާބުގައި ކޮންމެ ރަށެއްގައި ވޯޓުލެވޭ ގޮތް ހަދަން ކޯޓުން އަންގާފައެއް ނެތް: ޝަމީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ